ރަށްރަށަށް އަރާ ފޭބޭނެ ފަސޭހަ އިންތިޒާމެއް އޮތުމަކީ މިހާރު ކޮންމެ ރަށަކަށްވެސް ބޭނުންވާ އަސާސީ ޚިދުމަތެކެވެ. އެއިރެއްގެ އާބާދީއަށް ބަލައިގެން އިހުގައި ހެދި ބަނދަރުތައް މިހާރު ވަނީ، ހަލާކުވެ ޖާގައިގެ ދަތިކަންވެސް ވަަރަށް ބޮޑަށް ކުރިމަތިވެފައެވެ.
ރަށުގައި ފުޅާވަމުން އަންނަ ފަތުރުވެރިކަމުގެ ވިޔަފާރިއާއެކު ތޮއްޑުއަށް އާ ބަނދަރެއްގެ މުހިންމުކަން އޮތީ ބޮޑެވެފައެވެ.
އއ.ތޮއްޑޫގައި ފުރަތަމަ ބަނދަރެއް ހަދާ ބޭނުންކުރަން ފެށީ 2002 ވަނަ އަހަރުއެވެ. ވިހި އަހަރުވެފައިވާ ތޮއްޑޫގެ ބަނދަރު މިހާރު އޮތީ ބާވެ ހަލާކުވެފައެވެ. ކަނޑުގަދަވާ ދުވަސްވަރު ބަނދަރަށް ބާނި ވަދެ، ބަނދަރު ބޭނުންކުރަންވެސް ވަނީ ދަތިވެފައެވެ. ބަނދަރުގެ އެއްގަމު ތޮށިވެސް އޮތީ ކަނޑައިގެންގޮސް އަރިއަޅާލާ ހަލާކުވެފައެވެ.
ތޮއްޑުއަށް ދިމާވެފައިވާ ބަނދަރުގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ކުންފުންޏަކާ ހަވާލުކޮށް އެ މަސައްކަތް ފެށީ، 2021ވަނަ އަހަރުއެވެ. އެއީ މިހާރު އޮތް 650 ފޫޓުގެ ބަނދަރު ޒަމާނީ ބަނދަރަކަށް ބަދަލުކޮށް، ބަނދަރަށް އިތުރު 450 ފޫޓު އިތުރުކުރުމުގެ މަސައްކަތެކެވެ.
ތޮއްޑޫ ކައުންސިލްގެ ރައީސް އަޙުމަދު ކަރަމް ވިދާޅުވީ ރަށުގައި ފަތުރުވެރިކަން ފުޅާވުމުގެ ސަބަބުން ބޮޑެތި ލޯންޗު ފަހަރު އިތުރުވެ، އެކްސްކަރޝަންތަކަށް ބޭނުންކުރާ ޑިންގީފަދަ ކުދި އުޅަނދުފަހަރުވެސް ރަށުގައި މިހާރު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށެވެ.
އާ ބަނދަރާއެކު ބަނދަރު ސަރަޙައްދަކީ އާއްމުންނަށް ހިތްފަސޭހަ، ބޭނުންވާ މުހިންމު ޚިދުމަތްތައް ލިބޭ ތަނަކަށް ހެދުމަށް ކައުންސިލުން މުހިންމު ޕްލޭންތަކެއްވެސް ވަނީ އެކުލަވާލާފައެވެ.
"ބަނދަރު ސަރަޙައްދަށް ބޮޑު ޕްރޮގްރާމެއް އެބައޮތް. ފުލްފްލެޖް ޕޯޓް ސަރވިސްއެއް މިތަނުން ދޭނެ. ފެރީ ޓަރމިނަލަކާއި ކާގޯ ޓަރމިނަލް އަދި މަސް މާރުކޭޓާއި ސެކިއުރިޓީ ބެލެހެއްޓުމުގެ ޚިދުމަތްވެސް ޤާއިމުކުރާނަން." ކަރަމް ވިދާޅުވިއެވެ.
ތޮއްޑުއަށް އެވްރެޖްކޮށް ދުވާލަކަށް 130 ފަތުރުވެރިން ޗުއްޓީީ ހޭދަކުރުމަށް ދާކަމަށް ކަރަމް ވިދާޅުވިއެވެ. މިއާއެކު ލޯންޗު ފެރީގެ ޚިދުމަތްވެސް ރަށުގައި ވަނީ ވަރަށް ބޮޑަށް ފުޅާވެފައެވެ. ކައުންސިލުން ވިދާޅުވީ އާ ބަނދަރެއް ލިބުމަކީ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންގެވެސް ވަރަށް ބޮޑު އުއްމީދެއްކަމަށެވެ.
ތޮއްޑުއަކީ ދަނޑުވެރިކަން ފުޅާ ދާއިރާއެއްގައިކޮށް، އެ ތަކެތި ރަށުން ބޭރަށް ވިއްކާ ރަށަކަށްވާތީ އެ މަސައްކަތަށް ފަސޭހަ ބަނދަރެއް އޮތުން ވެގެންދާނީ ރަށުގެ ދަނޑުވެރިންނަށްވެސް ލިބޭ ލުޔަކަށްކަމަށް ކަރަމް ވިދާޅުވިއެވެ.
ތޮއްޑޫގެ އާ ބަނދަރަށް އިތުރުކުރެވޭ ބައިގެ %50 މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި ތޮއްޑޫގެ ބަނދަރުގެ މިއަހަރުގެ އޮކްޓޯބަރު މަހަށް މުޅިން ނިންމައި، ބޭނުންކުރަން ފެށޭނެކަމަށް ތޮއްޑޫ ކައުންސިލުން އުއްމީދުކުރެއެވެ.