ޚަބަރު

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ގަމުން މީހަކު ހައްޔަރުކޮށްފި


ކަނޑުމަގުން ލ. ގަމަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު 29 އަހަރުގެ ފިރިހެނަކު ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ އިންޓެލިޖެންސާއި ލ. ގަން ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއް މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މި ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުގެރޭ 21:45 ހާއިރު މާލެއިން ފުރައިގެން ލ. ގަމަށް އައި ދޯންޏަކުން ގަމަށް ފޭބިތަނުންކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ.މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާގެ ހަށިގަނޑާއި ގެންގުޅުނު ތަކެތި ބަލައިފާސްކުރިއިރު އޭނާގެ ދަބަސް ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓާއި ފިލްމު ހުސްކުރި ދަޅަކާއި ރަބަރު ގަނޑެއް ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. މީގެއިތުރުން މަސްތުވާތަކެތީގެ ބަރުދަން ބެލުމަށް ބޭނުންކުރާ ޒާތުގެ ކައްޓާއެއްވެސް އެމީހާ އަތުން ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ލ. ގަން މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ. މިމައްސަލަ ލ. ގަން ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.