ޚަބަރު

ދިވެހި ބަހުގެ ފޮތްތްތަކުގެ އެންމެ މުއްސަނދި އެއް އަރުޝީފަށް 77 އަހަރު


ދިވެހި ބަހުގެ ފޮތްތްތަކުގެ އެންމެ މުއްސަނދި އެއް އަރުޝީފް އަކީ ރާއްޖޭގެ ޤައުމީ ކުތުބުޚާނާއެވެ.

މި ކުތުބުޚާނާއަށް 77 ފުރުނިއިރު މިއީ ސްކޫލް ދަރިވަރުންނާއި އާއްމުންނާއި ދިރާސާ ކުރާ ފަރާތްތައްވެސް އެތަނަކުން މަޢުލޫމާތުތައް ހޯދާ އެންމެ ބޮޑު އަދި އެންމެ ދުވަސްވީ ކުތުބުޚާނާއެވެ. ޤައުމުގެ މަޢުލޫމާތުގެ ޚަޒާނާގައި 10،000 އަށްވުރެ ގިނަ ދިވެހި ބަހުގެ ފޮތްތައް އެބަހުއްޓެވެ.

ދިވެހިރާއްޖޭގެ ޤައުމީ ކުތުބުޚާނާގެ ބިންގާ އެޅީ 12 ޖުލައި 1945 ގައެވެ. އޭރުގެ އެޑިއުކޭޝަން ޑިޕާޓްމަންޓުގެ އިސްވެރިޔަކަށް ހުންނެވި މުޙައްމަދު އަމީން ދީދީ ބިންގާ އަޅުއްވައިދެއްވި މި ޢިމާރާތައް އޭރު ނަން ދީފައިވަނީ ސްޓޭޓް ލައިބްރަރީގެ ނަމުންނެވެ. މިހާރު ބޭނުންކުރަމުންދާ ޤައުމީ ކުތުބުޚާނާގެ ނަމަށް ރަސްމީގޮތުން ބަދަލުކުރީ 1982 ވަނަ އަހަރުއެވެ.

ޤައުމީ ކުތުބުޚާނާ އަކީ ދިވެހިންގެ މަޢުލޫމާތުގެ ޚަޒާނާއަށް ވީއިރު، މިއީ ރާއްޖޭގެ ތާރީޚާއި ޘަޤާފަތުގެ މަޢުލޫމާތާއި، އަހަރުން އަހަރަށް ހެދޭ އެކިކަހަލަ ދިރާސާތަކާއި ބެހޭ ފުރިހަމަ މަޢުލޫމާތު ލިބިދޭ ތަނެވެ. ރާއްޖޭގައި ޝާއިޢުކުރެވޭ މުހިއްމު ލިޔުންތައް ކުތުބުޚާނާގައި ރައްކާކުރެވިފައިވެއެވެ. ޤައުމީ ކުތުބުޚާނާގެ އެންމެ ބޮޑު އެއް ބޭނުމަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި ޤާއިމްކޮށްފައިވާ ޤައުމީ ކުތުބުޚާނާގެ ގޮފިތަކުން މީހުންނަށް މަޢުލޫމާތު އިތުރުކޮށްދީ، ޢިލްމީ އަދި ބިނާކުރަނިވި މުޖުތަމަޢެއް އުފެއްދުމެވެ.

ދިވެހި ބަހުން ލިޔެފައިވާ 10،000 އަށްވުރެ ގިނަ ފޮތް ޤައުމީ ކުތުބުޚާނާގައި އެބަހުއްޓެވެ. ވާހަކަ ފޮތްތަކުގެ އިތުރުން އެކިއެކި އިޖްތިމާޢީ މައްސަލަތަކާބެހޭ ފޮތްތަކާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާ ބެހޭ ލިޔުންތަކާއި، ނޫސްމަޖައްލާތައް ހިމެނެއެވެ. މީގެ އިތުރުން، އިނގިރޭސިބަހާއި، ޢަރަބި ފޮތްތަކާއި، އުރުދޫ ބަހުން ލިޔެފައިވާ ފޮތްތައްވެސް ޤައުމީ ކުތުބުޚާނާއިން ކިޔާލަން ލިބޭނެއެވެ.

އިނގިރޭސި ސެކްޝަންގައި އެކަނިވެސް 37،900 އަށް ވުރެ ގިނަ ފޮތް ހުރިކަން ފާހަގަކޮށްލެވެއެވެ. އދ.ގެ ލިޔުންތަކާއި، ރިޕޯޓުތަކާއި، ޕްރެސް ކޮންފަރެންސް ތަކުގެ މަޢުލޫމާތާއި، އެކި މީހުންގެ ޚާއްޞަ ލިޔުންކޮޅުތަކާއި މެގަޒިންތައް ކުތުބުޚާނާއިން ކިޔައިލެވޭނެހެން ހުންނަކަމީ ފާހަގަކޮށްލަންޖެހޭ ކަމެކެވެ.

ޤައުމީ ކުތުބުޚާނާގައި ސްކޫލް ދަރިވަރުންނަށް ޢަމާޒުކޮށްގެން އެކި މާއްދާތަކަށް ޚާއްޞަ ފޮތްތަކެއްވެސް ލިބެން އެބަހުއްޓެވެ. އޭގެތެރޭގައި އަދަބިއްޔާތާއި، ތާރީޚާއި، ހިސާބު ޢިލްމާއި، ތިމާވެށީގެ ޢިލްމުގެ އިތުރުން ފިލޯސަފީ އާއި އާޓް ހިމެނެއެވެ. ޤައުމީ ކުތުބުޚާނާއިން ދަނީ ކުޑަކުދިންގެ މަޢުލޫމާތުގެ ޚަޒާނާ މުއްސަނދި ކުރުމަށްވެސް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން 2019 ވަނަ އަހަރު ވަނީ އައު ކަންތައްތަކާއެކު ކުޑަކުދިންގެ މަޒްޓިމީޑިއާ ލައިބްރަރީ ހުޅުވާފައެވެ. މި ލައިބްރަރީއިން ސޯޝަލް މީޑިއާ ޕޭޖުތައް މެދުވެރިކޮށް ކުރިއަށްގެންދާ ހަރަކާތްތަކުގައި، ގިނަ ކުޑަކުދިންތަކެއް ޝަޢުގުވެރިކަމާއިއެކު ދަނީ ބައިވެރިވަމުންނެވެ. މީގެ އިތުރުން ލައިބްރަރީގެ މަސައްކަތްތައް ފުޅާކޮށް ޤައުމީ ކުތުބުޚާނާގައި ހުރި ފޮތްތައް ޑިޖިޓަލައިޒްކޮށް، ޑިޖިޓަލް ލައިބްރަރީއެއްގެ ޚިދުމަތް ފެށުމަށްވެސް އަންނަނީ މަސައްކަތްތައް ކުރަމުންނެވެ.

މިއަހަރުގެ ލައިބްރީ ދުވަސް ދިމާވެފައިމިވަނީ ބަންދުދުވަސްތަކަކާއި ކަމަށްވުމުން މި ދުވަސް ފާހަގަކުރުމަށް ނިންމާފައިވަނީ އަންނަ މަހުގެ 3 ވަނަ ހަފްތާގައެވެ. މި ދުވަސް ފާހަގަކުރުމުގެ ކުރިއަށްދާ ބައެއް ކަންތައްތަކުގެ ތެރޭގައި ކުޑަކުދިންނަށް ޚާއްސަ ފޮތްކިޔުމުގެ ޕްރޮގްރާމަކާއި، ކުތުބުދާރުންނަށް ޚާއްސަ ވެބިނަރއެއް ބޭވުމަށް ވަނީ ހަމަޖެހިފައެވެ.

ޤައުމި ކުތުބުޚާނާއިން މާލޭގައި ސްޓްރީޓް ލައިބްރަރީގެ ޚިދުމަތްވެސް ފަށާފައިވާއިރު އަމާޒަކީ އަތޮޅުތަކުގައިވެސް ސްޓްރީޓް ލައިބްރަރީއެއް ހުޅުވުމެވެ. އަދި ކޮންމެ ރަށެއްގައި ޤައުމީ ކުތުބުޚާނާގެ ގޮތްޕެއް ވަރޗުއަލްކޮށް ގެންދިޔުމަކީވެސް އަމާޒެކެވެ.