ޚަބަރު

އިންޑިއާގެ ފެއާއެއްގައި ބައިވެރިވުމުގެ ފުރުޞަތު 20 ފަރާތަކަށް !


އިންޑިއާގެ ހަރިޔާނާގައި ބާއްވާ "ސޫރަޖް ކޫންދް އާރޓްސް އެންޑް ކްރާފްޓް ފެއަރ"ގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖޭގެ 20 ފަރާތަކަށް އިންޑިއާ ހައިކޮމިޝަނުން ދެއްވައިފިއެވެ. މިފުރުޞަތު ދީފައިވަނީ ބޮޑުބެރު ގްރޫޕް ބިދަބިންގެ 14 ފަރާތަކަށާއި، އެސޯސިއޭޝަން އޮފް ލޭޑީ އެންޓަރޕްރިއެނާޒްގެ 4 ފަރާތަކަށާއި އަދި އައްޑޫ އެސޯސިއޭޝަންގެ 2 ފަރާތަކަށެވެ. މިފުރުޞަތު ލިބުނު ފަރާތްތަކަށް ޓިކެޓާއި، މިކަމާއި ބެހޭ ލިޔެކިއުން ހަވާލްކުރުމަށް ރޭ ވަނީ މާލޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރުގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.  މިރަސްމިއްޔާތުގައި މިފުރުސަތު ލިބުން ފަރާތްތަކަށް މިކަމާއި ބެހޭ ލިޔެކިއުން ހަވާލްކޮށްދެއްވީ ރާއްޖެއަށް ކަޑައަޅުއްވާފައި ހުންނަވާ އިންޑިއާގެ ސަފީރުގެ އަނބިކަނބަލުން ޕްރިތީ މިޝްރާއެވެ. މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިންޑިއާއިން ރާއްޖެއަށް ކަޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ ވިދާޅުވީ ރާޢްޖެއާއި އިންޑިއާއަކީ ވަރަށް ޒަމާންވީ ގާތްގުޅުމެއް އޮންނަ ދެޤައުމުކަމަށެވެ. އަދި ދެޤައުމުގެ ސަގާފަތާއި އާދަކާދަ ތަކަކީ ވަރަށް އެގޮތް ކަންތައްތައްކަމަށް ސަފީރު ވިދާޅުވިއެވެ. މިޝްރާ ވިދާޅުވީ މަޤާމާއި ހަވާލްވެގެން ފުރަތަމަވެސް ފާހަގަކޮށްލެވުނު އެއްކަމަކީ ރާއްޖޭގައި މިއުޒިކާއި އެހެނިހެން ރޮގު ރޮގުން ވަރަށް ފާހަގަކޮށްލެވޭ ފަންނާނުން އެބަތިކަމެވެ. މިޝްރާ ވިދާޅުވީ އަމާޒަކީ ރާއްޖޭގައި ތިބި ފަންނާނުންނަށް ތަމްރީނާއި ފަންނު ބިނާކުރެވޭނެ ފުރުސަތުތައް ހޯދައިދީ، ހުނަރު ދައްކުވައިދޭނެ ފުރުސަތުތައް ފަހިކޮށްދިނުން ކަމަށެވެ. 30 ވަނަ ސޫރަޖްކޫންދް އާރޓްސް އެންޑް ކްރާފްޓްސް ފެއަރ އަކީ ހަރިޔާނާގެ ޓުއަރިޒަމް ޑިޕާޓްމަންޓުން ރާވައިގެން ކޮންމެ އަހަރަކު ބާޢްވާ ފެއަރއެކެވެ. މިފެއާއަކީ އާންމުކޮށް ކޮންމެ ފަރާތަކަށްވެސް ބައިވެރިވެވޭނެހެން އަމިއްލަ އުފެއްދުންތަކާއި، މިއުޒިކާއި އެހެނިހެން ހުނަރު ދައްކާލުމުގެ ފުރުޞަތު ދިނުމުގެ މަޤްސަދުގައި ބާއްވާ ފެއާއެކެވެ.