ޚަބަރު

މުދައްރިސުންގެ ކަންކަން ބެލެހެއްޓުމަށް މަތީ ފެންވަރުގެ ކޮމެޓީއެއް


މުދައްރިސުންގެ ކަންކަން ބެލެހެއްޓުމަށް 8 ބޭފުޅުން ހިމެނޭ މަތީ ފެންވަރުގެ ކޮމިޓީއެއް އެކުލަވާލަން ޓީޗަރސް ރިސާރޗް ގުރޫޕްއިން ހުށަހަޅައިފިއެވެ.

މުދައްރިސުން ލިބުމުގައާއި، ލިބިފައިވާ މުދައްރިސުން ކިޔަވައިދިނުމުގައި ދެމިތިބުމަށް ދިމާވެފައިވާ ދަތިތަކާއި ގޮންޖެހުންތަކުގެ ސަބަބުތައް ދެނެގަތުމަށް ކުރި ދިރާސާގެ ރިޕޯޓްގައި ވަނީ މުދައްރިސުންގެ މަސައްކަތަށް އައިސްފައިވާ ބަދަލުތަކުން، އުނގަންނައި ދިނުމާއި ގުޅުން ނުހުންނަ ކަންކަމުގައި ގިނަ ވަގުތު އަވަދިނެތި މުދައްރިސުން އުޅެން ޖެހުމުން ސްޓްރެސް މަގުފަހިވާކަން ހާމަވާ ކަމަށެވެ.

ފެންވަރު ރަނގަޅު މުދައްރިސުން ހޯދައި، ދާއިރާގައި ދެމެހެއްޓޭނެ ގޮތަކަށް މުދައްރިސުންގެ ވަރކްލޯޑާއި، ވަރކް-ލައިފް ބެލެންސްގެ ކަންކަން މުރާޖާކޮށް ގެންނަން ޖެހޭ އިސްލާހީ ބަދަލުތައް ނުގެނެވިއްޖެނަމަ، ވަޒީފާ އަދާކޮށްގެން ލިބެން ބޭނުންވާ ހިތްހަމަޖެހުން ނުލިބުމާއި، މި ދާއިރާ ދޫކޮށްފައި ދާ ދިއުމަށް ވެސް ހައްލެއް ނުލިބި ހިނގައިދާނެ ޓީޗަރސް ރިސާރޗް ގްރޫޕުން ބުނެއެވެ.

މިފަދަ ކަންކަން ހައްލުކުރުމަށްޓަކައި ދިރާސާ ކުރި ކޮމެޓީން ވަނީ މިހާރަށްވުރެ ބޮޑަށް މުދައްރިސުންގެ ކަންކަން ބެލެހެއްޓުމަށް މަތީ ފެންވަރުގެ ފަންނީ ޚާއްސަ ކޮމިޓީއެއް އުފެއްދުމަށް ހުށައަޅާފައެވެ. އަދި މި ކޮމިޓީއަށް 'ޓީޗަރ އެންހޭންސްމަންޓް ކޮމިޓީ' ނުވަތަ އެކަށީގެންވާ ނަމެއް ކަނޑައެޅުމަށް ވަނީ ލަފާދީފައެވެ.

މި ކޮމެޓީ 8 މެމްބަރުންގެ މައްޗަށް އެކުލެވޭއިރު ކޮމެޓީގެ ޗެއަރކަން ކުރައްވާނީ އެޑިއުކޭޝަން މިނިސްޓަރެވެ.

މީގެ އިތުރުން ޤައުމު ބިނާކުރާ އެދުރުންގެ ކަންކަން ރައީސުލްޖުމްހޫރިއްޔާ ޚާއްސަގޮތެއްގައި ވަރަށް ގާތުން ބައްލަވާނެކަމުގެ މެސެޖް އެ ފަންނީ ފަރާތްތަކަށް ދިނުމުގެ އިތުރުން، މުދައްރިސުންނާއި މި ދާއިރާގެ ފަންނީ މީހުންގެ ކަންކަން ފަސޭހައިން ކުރުމަށް މަގުފަހިކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބެއް ކޮމިޓީގެ އޯލްޓަރނޭޓިވް ޗެއަރގެ ގޮތުގައި ހަމަޖެއްސުމަށް ވަނީ ހިމަނާފައެވެ.

ހަމައެހެންމެ ސިވިލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ މެންބަރަކާއި، އެޑިއުކޭޝަން މިނިސްޓްރީގެ ހިއުމަން ރިސޯސް އަދި ސްކޫލް އެޑްމިނިސްޓްރޭޝަންގެ މަންދޫބަކާއި، ޓީޗަރ ރެޖިސްޓްރޭޝަން ބޯޑުގެ މެންބަރަކާއި، ތަޖުރިބާކާރު ޕްރިންސިޕަލެއްގެ އިތުރުން މަދުވެގެން 10 އަހަރު ކިޔަވައި ދިނުމުގެ ތަޖުރިބާ ލިބިފައިވާ 2 މުދައްރިސުން މި ކޮމެޓީގައި ހިމަނަންޖެހެއެވެ.

މި ކޮމިޓީގެ އިދާރާއަކީ އެޑިއުކޭޝަން މިނިސްޓްރީއެވެ. މި ކޮމިޓީއަކީ ސިވިލްސަރވިސް ކޮމިޝަނާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނާ އެކުގައި ގުޅިގެން މުދައްރިސުންގެ ކަންކަން ރަނގަޅުކުރުމުގެ ނިޔަތުގައި އެކުލަވާލާ ކޮމިޓީއެކެވެ. މުދައްރިސުންގެ ވަޒީފާގެ މަސްއޫލިއްޔަތުތައް މުރާޖާކޮށް، މުދައްރިސުންގެ ވަރކްލޯޑަކީ މަސައްކަތުގެ ވަގުތާ އެކަށީގެންވާ މަސްއޫލިއްޔަތުތަކަކަށް ހަދަންޖެހޭކަން ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

މި ކޮމެޓީގެ މަޤްޞަދަކަށް ވާންޖެހޭނީ މުދައްރިސުން ކުރާ މަސައްކަތާއި އެކަށީގެންވާ ރަނގަޅު މުސާރައަކާއި، އިނާޔަތްތައް ހަމަޖެއްސުމާއި ސްކޫލްތަކުގައި އިތުރަށް ތިބިކަމަށް ފާހަގަކުރެވޭ މުދައްރިސުންނާމެދު އަމަލުކުރާނެ ގޮތެއް ކަނޑައެޅުމާއި، މުވައްޒަފުން ރެކްރޫޓްކުރުމަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށެވެ. އަދި މުދައްރިސުންގެ ވަރކް-ލައިފް ބެލެންސް ހާސިލް ކުރުމަށް މަގުފަހިކުރުމަކީވެސް މި ކޮމެޓީގެ ޒިންމާއެކެވެ.