ޚަބަރު

ޙައްޖުވެރިން ރާއްޖެ އަންނަން ފަށާނީ މިމަހުގެ 20 ވަނަ ދުވަހު

މިއަހަރުގެ ޙައްޖުގެ އަޅުކަމަށް ސަޢުދީ ޢަރަބިއްޔާއަށް ގޮސް ތިބި ދިވެހި ޙައްޖުގެ އަޅުކަމަށްފަހު މިމަހުގެ 20 ވަނަ ދުވަހު ރާއްޖެ އަންނަން ފަށާނެއެވެ.

ޙައްޖުގެ އަޅުކަމަށްފަހު ދިވެހިން ރާއްޖެ އަންނަނީވެސް 3 ބަޔަކަށް ބަހާލައިގެންނެވެ. މިގޮތުން މިމަހުގެ 20 ވަނަ ދުވަހާއި 23 އަދި 27 ވަނަ ދުވަހު ޙައްޖުވެރިން ރާއްޖެ އަންނަންފަށާނެއެވެ. މިހުރިހާ ދިވެހިންވެސް ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ސަޢުދީ އެއަރލައިންއިންނެވެ.

ދިވެހި ޙައްޖު މިޝަނުން ވިދާޅުވީ، ރާއްޖެއިން މިފަހަރު ޙައްޖަށް ދިޔަ 453 ދިވެހިން އައްޔާމުއްތަސްރީޤުގެ ފުރަތަމަ ދުވަހު ތިން ޖަމުރާއަށް ހިލައުކުމަށްފަހު މިވަގުތު މައްކާގެ ދިވެހިންނަށް ޚާއްސަކޮށްފައިވާ ހޮޓަލަށް ގޮސްފައިވާކަމަށެވެ. އަދި ހުރިހާ ދިވެހިންގެ ހާލުވެސް ރަނގަޅުކަމަށް ޙައްޖު މިޝަނުން ވިދާޅުވެއެވެ.

ޙައްޖުވެރިން އެނބުރި ރާއްޖެ އައުމަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުންވެސް ސަރުކާރުން އަންނަނީ މަސައްކަތްތައް ކުރައްވަމުންނެވެ.

މިއަހަރުގެ ޙައްޖުގެ އަޅުކަމަށް ސަޢުދީ ޢަރަބިއްޔާއަށް ގޮސް ތިބި ދިވެހި ޙައްޖުވެރިންނާއި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވަނީ ބައްދަލުކުރައްވާ، ޙާލު އޮޅުންފިލުއްވާފައެވެ.


ދިވެހި ޙައްޖުވެރިންގެ ކަންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހު ގެންދަވަނީ ވަރަށް ގާތުން ބައްލަވަމުންނެވެ. އެގޮތުން ޙައްޖުވެރިންގެ ހާލު ބެއްލުވުމާއި، އެމީހުންގެ ދަތުރުފަތުރާއި ތިބުމާއި، ކެއުންބުއިމުގެ އިންތިޒާމްތައް ހަމަޖެހިފައިވާގޮތް ދިޔައީ ބައްލަވަމުންނެވެ.

ދިވެހި ޙައްޖާޖީންގެ ހާލު ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވާފައިވާއިރު، މިއީ ފަހުގެ ތާރީޚެއްގައި ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވި ބޭފުޅަކު ޙައްޖަށް ވަޑައިގެން، ދިވެހި ޙައްޖުވެރިންގެ ހާލު ބެއްލެވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ޙައްޖުގެ އަޅުކަން ފުރިހަމަކުރުމުގެ ފުރުޞަތު މިއަހަރު 453 ދިވެހިންނަށް ލިބިފައިވެއެވެ. މިއީ މިއަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމަށް ލިބުނު ކޯޓާގެ އަދަދެވެ. މި ހުރިހާ ކޯޓާއެއްވެސް ދޫކޮށްފައިވަނީ، ޙައްޖު ކޯޕަރޭޝަނަށް އެކަންޏެވެ.