ޚަބަރު

ކޯވިޑް ވެކްސިންގެ 4 ވަނަ ޑޯޒް ޖެހި މީހުންގެ އަދަދު 689 އަކަށް


ރާއްޖޭގައި ކޯވިޑް ވެކްސިންގެ 4 ވަނަ ޑޯޒް ޖެހި މީހުންގެ ޢަދަދު 689 އަކަށް އަރައިފިއެވެ.

ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ރާއްޖޭގައި މަދުވަމުން އައި ނަމަވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން ދަނީ ވެކްސިން ފުރިހަމަކުރުމަށް އިލްތިމާސްކުރަމުންނެވެ.

ކޯވިޑްގެ ބޫސްޓަރ ޑޯޒް ޖަހަން ފެށި ފަހުންވެސް އާއްމުކޮށް ދުވާލަކު ވެކްސިންގެ ބޫސްޓަރ ޑޯޒް ޖަހާ މީހުންގެ އަދަދު ހުރީ 2000އިން މަތީގައެވެ. އެހެންނަމަވެސް މިހާރު ވެކްސިން ފުރިހަމަ ކުރާ މީހުންގެ އަދަދު އަންނަނީ މަދުވަމުންނެވެ. އެގޮތުން ވޭތުވެދިޔަ ހަފްތާއާއި ހަމައަށް ވެކްސިންގެ ބޫސްޓަރގެ ފުރަތަމަ ޑޯޒް ޖެހީ އާބާދީގެ 36.45 އިންސައްތަ މީހުންނެވެ. އެއީ ޖުމްލަ 165066 މީހުންނެވެ. އަދި މިހާތަނަށް ބޫސްޓަރގެ ދެވަނަ ޑޯޒް ފުރިހަމަކުރީ 689 މީހުންނެވެ. އެއީ އާބާދީގެ 0.15 އިންސައްތަ މީހުންނެވެ.

މިދިޔަ ހަފްތާގައި ވެކްސިންގެ 2 ޑޯޒް ފުރިހަމަކުރީ 53 މީހުންނެވެ. ޖުމްލަ 384648 މީހުން ދެ ޑޯޒް ޖަހާފައިވާއިރު އެއީ ވެކްސިން ޖެހޭ އާބާދީގެ 84.95 އިންސައްތަ މީހުންނެވެ.

ވޭތުވެދިޔަ ހަފްތާގައި ވެކްސިންގެ ފުރަތަ ޑޯޒް މުޅިން އަލަށް ޖެހީ 39 މީހުންނެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް 398949 މީހުން ވަނީ ޖަހާފައެވެ. އެއީ ވެކްސިން ޖެހޭ އާބާދީގެ 88.11 އިންސައްތަ މީހުންނެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އިޢުލާންކުރި އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލާ، އާއްމު ޙާލަތަށް ގިނަ ކަންތައްތަކެއް ގެނައި ނަމަވެސް، ޑޮކްޓަރުން އަދިވެސް ދަނީ ކޯވިޑުން ދިފާޢުވުމަށް ވެކްސިން ޖެހުމަށް އިލްތިމާސްކުރަމުންނެވެ. މިއީ ބަލިމަޑުކަމުގައި މީހާގެ ދިފާޢީ ނިޒާމު ވަރުގަދަކުރުމަށް ޖަހާ ވެކްސިނެކެވެ. ނަމަވެސް ވެކްސިންގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ވެކްސިން ޖަހާ މީހުންގެ އަދަދު ވަނީ ދަށްވެފައެވެ.