ޚަބަރު

އުނގޫފާރު ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް، އާ އިމާރާތް އަންނަމަހު ނިމޭނެ


ސިއްހީ ހިދުމަތަށް މާލެއަށް ބަރޯސާވުން ކުޑަކޮށް، އަތޮޅުތަކުން ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީގެން އަތޮޅުތަކުގައި ފެށި މަސައްކަތެވެ. އަތޮޅުތަކުގެ 6 ސަރަޙައްދެއްގެ ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުމުގެ ވަޢުދުގެ ދަށުން ގިނަ މަސައްކަތްތަކެއް ފަށައިގެން ދަނީ ކުރިއަށެވެ. މީތެރެއިން 1 ރަށަކީ ރ.އުނގޫފާރެވެ.

އުނގޫފާރު ހޯސްޕިޓަލް ޓަރޝަރީ ފެންވަރަށް ގެނައުމުގެ މަސައްކަތުގައި ހިމެނޭ، އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ސަރުކާރުން ފެށީ މިދިޔަ އަހަރުގެ މަރޗް މަހުގެ ތެރޭގައެވެ. 72 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ މަސައްކަތް މިހާރު މިވަނީ ނިމުމަކާއި ގާތްވެފައެވެ.

އުނގޫފާރު ހޮސްޕިޓަލްގެ މެނޭޖަރ ހެލްތު ސަރވިސް އިބްރާޙިމް ޒަޔާން ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ، ހޮސްޕިޓަލްގެ އިމާރާތުގެ މަސައްކަތްތައް މުޅިން ނިންމާ، އަންނަ މަހުގެ 10 ވަނަ ދުވަހު އިމާރާތް ސަރުކާރާއި ހަވާލުކުރުމަށް ކޮންޓްރެކްޓަރު މަސައްކަތް ކުރަމުންދާކަމަށެވެ.

އާ އިމާރާތުގެ އެންމެ ބޮޑު ބޭނުމަކަށްވާނީ، އެމަޖެންސީ ރޫމް(އިއާރް)ގެ ޚިދުމަތްތައް އިތުރުކޮށް، އަދި މިހާރު ހޮސްޕިޓަލްގައި ހަދާ ޓެސްޓްތައް ހެދޭނެ ކެޕޭސިޓީ އިތުރުކޮށް ޚިދުމަތްތައް އަވަސް ކުރުމެވެ.

ޒަޔާން ވިދާލުވީ އެމްޖެންސީ ރޫމްގައި މިހާރު ހުންނަނީ 2 އެނދުކަމަށެވެ. ނަމަވެސް އާ އީއާރަކީ 10 ކޮޓަރީގެ ތަނެކެވެ. އާ އިމާރާތުގައި 10 ޕްރައިވެޓް ރޫމްވެސް ހިމެނެއެވެ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި މިހާރު ބޭނުންކުރަމުންދަނީ 6 ޕްރައިވެޓް ރޫމްއެވެ.

މި އިމާރާތުގައި 2 އޮޕަރޭޝަން ތިއޭޓަރުވެސް ހުންނާނެއެވެ.

އުނގޫފާރު ހޮސްޕިޓަލްގެ އޯޕީޑީއަށް އެވްރެޖްކޮށް ދުވާލަކު 400 މީހުން ޑޮކްޓަރަށް ދައްކައެވެ. މިދިޔަ އަހަރު އެ ހޮސްޕިޓަލްގެ އޯޕީޑީއަށް 62000 ފަހަރު ޑޮކްޓަރަށް ދައްކާފައިވެއެވެ.

ޒަޔާން ވިދާޅުވީ މިހާ ގިނަބަޔަކު ކޮންމެ ދުވަހަކު ޑޮކްޓަރަށް ދައްކަމުން އަންނައިރު، ކެޕޭސިޓީ ކުޑަވުމުގެ ސަބަބުން ޓެސްޓްތައް ހެދުންވެސް ލަސްވާކަމަށެވެ. ނަމަވެސް އާ އިމާރާތާއެކު އަލްޓްރާ ސައުންޑް ސްކޭން، ސީޓީ ސްކޭންއާއި އެކްސްރޭ މެޝިން އިތުރުކޮށް ކެޕޭސިޓީ އިތުރުކުރާނެކަމަށެވެ.

މުޅިން އަލަށް ހޮސްޕިޓަލްގައި ފެށުމަށް ހަމަޖެހިފައިވާ ޚިދުމަތަކީ އެމްއާރްއައިގެ ޚިދުމަތެވެ. އާ އިމާރާތާއެކު މި ޚިދުމަތް ފެށުމަށް އެ ހޮސްޕިޓަލުން ދަނީ ތައްޔާރުވަމުންނެވެ. އަދި ފިޒިއޯ ޑިޕަރޓްމަންޓްގެ ޚިދުމަތްވެސް ފަށާނެއެވެ.

އާ އިމަރާތުގައި މިހާރު ކުރިއަށް ދަނީ އެންމެ ފަހުގެ ފިނިޝިން މަސައްކަތްތަކެވެ. އެގޮތުން ޔުޓިލިޓީ ޚިދުމަތްތައް ގުޅުމާއި، މުށިޖެހުމާއި ބައެއް ކަހަލަ ކުދި މަސައްކަތްތަކެވެ.

އަދި މިހާރު ދަނީ އާ އިމާރާތަށް ބޭނުންވާ މެޑިކަލް އިކުއިޕްމަންޓްތައް ހޯދުމުގެ މަސައްކަތްވެސް ކުރަމުންނެވެ. އިމާރާތް ނިމި ވަސީލަތްތައް ހަމަކޮށް، އަންނަ ނޮވެމްބަރުމަހުގެ ކުރިން އާ އިމާރާތް ބޭނުންކުރަން ފެށޭނެކަމަށް އުއްމީދުކުރައްވާކަމަށް އުނގޫފާރު ހޮސްޕިޓަލުން ވިދާޅުވިއެވެ.

އުނގޫފާރު ހޮސްޕިޓަލުން އަންނަނީ ގިނަ ދާއިރާތަކަކުން ސްޕެޝަލިސްޓް ޚިދުމަތް ފޯރުކޮށްދެމުންނެވެ. މިއާއެކު ޚިދުމަތް ނުދެވުމުގެ ސަބަބުން އެހެން ހޮސްޕިޓަލްތަކަށް ރިފަރ ކުރަންޖެހޭ މިންވަރުވެސް މަދުވެފައިވާކަން އުނގޫފާރު ހޮސްޕިޓަލުން ފާހަގަކުރެއެވެ.