ކުޅިވަރު

ބެލްޖިއަމާއި އައިސްލަންޑުގެ ކުރިމަތިލުން އެއްވަރު


ޔުއެފާ ވިމެންސް ޔޫރޯ 2022 ގެ ގްރޫޕް ޑީގައި ބެލްޖިއަމާއި އައިސްލަންޑް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

މެންޗެސްޓާ ސިޓީގެ އެކެޑަމީ ސްޓޭޑިއަމުގައި ކުޅުނު މި މެޗް ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ބެލްޖިއަމުން ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް، ގިނަ ހަމަލާ އުފައްދާފައިވަނީ އައިސްލަންޑުންނެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށްވެސް ލިބިގެންދިޔައިރު، އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ.

މި މެޗްގެ ފުރަތަމަ ލަނޑު މެޗްގެ 50 ވަނަ މިނެޓުގައި ޖަހާފައިވަނީ އަިސްލަންޑުންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބާގްލިންޑެވެ. މި މެޗްގައި ބެލްޖިއަމުން ނަތީޖާ އެއްވަރުކުރި ލަނޑު މެޗުގެ 67 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ޖަސްޓީންއެވެ. މި މެޗްގެ ފުރަތަމަ ހާފްގައި އައިސްލަންޑަށްވެސް ޕެނަލްޓީއެއް ލިބިގެންދިޔައެވެ. އެކަމަކު ބާގްލިންޑް ފޮނުވާލި ޕެނަލްޓީ ވަނީ ބެލްޖިއަމުގެ ގޯލްކީޕަރު ނިކީ އެވްރާޑް ދިފާއުކޮށްފައެވެ.

މި މެޗް ބައްލަވާލެއްވުމަށް އައިސްލަންޑުގެ ބޮޑުވަޒީރުވެސް ސްޓޭޑިއަމަށް ވަޑައިގެންނެވިއެވެ. އަދި ބެލްޖިއަމްގެ ފިރިހެން ޓީމުގެ ކޯޗު ރޮބާޓޯ މާޓިނޭޒްވެސް ވަނީ މި މެޗް ބަލާލުމަށް ސްޓޭޑިއަމަށް ގޮސްފައެވެ.

މި މުބާރާތުގައި ބެލްޖިއަމުން ދެން ކުޅޭ މެޗުގައި އަންނަ ބުރާސްފަތި ދުވަހު ބައްދަލުކުރާނީ ގްރޫޕްގައި ހިމެނޭ އެންމެ ވަރުގަދަ ޓީމު ކަމަށްވާ ފްރާންސާއެވެ. އަދި އައިސްލަންޑް ބައްދަލުކުރާނީ އިޓަލީއާއެވެ.