ޚަބަރު

އާރުޓީއެލް ހުލުވާލަދެނީ ވަޒީފާގެ އެތައް ފުރުސަތެއް، މުޅިންވެސް ދިވެހިން


"ރާއްޖެ ޓްރާންސްޕޯޓް ލިންކް"ގެ ޚިދުމަތަކީ ދަތުރުފަތުރުގެ އަވަސް ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމަށް ސަރުކާރުން ފަށާފައިވާ ބިޔަ މަޝްރޫޢުއެކެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށްތަށް، އެކި ރޫޓްތަކުން ގުޅާލެވޭ ނިޒާމެވެ. މި ނިޒާމުގެ ޚިދުމަތް 2 އަތޮޅެއްގައި ވަނީ ފަށާފައެވެ.

އަތްފޯރާ ދަތުރުފަތުރުގެ މި ނިޒާމު ގެނެސްދިނީ ހަމައެކަނި، އަވަސް ދަތުރުފަތުރުގެ ނިޒާމެއް ނޫނެނެވެ. އާރްޓީއެލްގެ ސަބަބުން އުފެދެމުންދާ ވަޒީފާތަކަކީ، ވަޒީފާ އެއް ނުލިބި ތިބި އެތައް ދިވެހިންނަކަށް ހުޅުވާލެވުނު މުހިންމު ފުރުޞަތެކެވެ. އަމިއްލަ ރަށުގައި، އަތޮޅުގައި އާއިލާއެކު ތިބެގެން އާމްދަނީ ހޯދުމަށް ލިބުނު ރަނުގެ ފުރުޞަތެކެވެ.

އާރްޓީއެލް ފެރީ ނިޒާމަކީ ރާއްޖެއަށް މުޅިން އަލަށް ތަޢާރަފްވި ނިޒާމެކެވެ. ނިޒާމަށް ފަރުމާކޮށް ބަންނަން ޖެހުނު ފެރީތަކޭ އެއްގޮތަށް، ނިޒާމަށް އިންސާނީ ވަސީލަތް ހޯދުމަކީވެސް، އަލުން ފަށައިގަންނަން ޖެހުނު މަސައްކަތެކެވެ.

އާރްޓީއެލްގެ މުޅި ނިޒާމުގެ ހިންގުން ހަވާލުވެފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާއެވެ.

މަސައްކަތަށް ބޭނުންވާ މުވައްޒަފުން ނަގާ އެމީހުނަން ބޭނުންވާ ތަމްރީންތައް ދިނުމުގެ މަސައްކަތް، އެތައް މަސްތަކެއް ކުރިން ފެށިއެވެ. މުވައްޒަފުން ނަގާ، 3-4 މަސް ދުވަހުގެ ތަމްރީންތައް ދެނީ ދެމުންނެވެ.

އާރްޓީއެލްއާއިއެކު އުފެދުނު ވަޒީފާގެ ފުރުޞަތުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، ފެރީތަކާއި ޓަރމިނަލްތަކަށް ބޭނުންވާ މުވައްޒަފުންގެ އިތުރުން، އިދާރީ މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުންވެސް ވަރަށް ބޮޑަށް އިތުރުކުރަން ޖެހުނުކަމަށެވެ.

ޒޯން 1ގެ ޚިދުމަތަށް 17 ލޯންޗް ބޭނުންކުރާއިރު، މިއިން ކޮންމެ ލޯންޗެއްގައި މަދުވެގެން 5 މުވައްޒަފުން މަސައްކަތް ކުރާނެއެވެ. އެއީ 2 ކެޕްޓަނުންނާއި 3 ފަޅުވެރިންނެވެ. ހަމައެކަނި މި ޒޯންގެ ލޯންޗުތަކުގައި ސަތޭކައެއްހާ މުވައްޒަފުން މަސައްކަތް ކުރެއެވެ. އަދި ޓަރމިނަލްތައް ހުރި ރަށްތަށުގައި އިދާރީ މުވައްޒަފުންވެސް މަސައްކަތް ކުރާނެއެވެ. އާޒިމް ވިދާޅުވީ އާރްޓީއެލްގެ ކޮންމެ ވަޒީފާއެއްގައިވެސް މަސައްކަތް ކުރަނީ ދިވެހިންކަމަށެވެ.

"ހަމައެކަނި ސްޕީޑް ލޯންޗް ތަކުގައިވެސް ވަޒީފާ އަދާކުރާ މުވައްޒަފުންގެ އަދަދު 800އަށް އަރާނެ. އަދި މުވައްޒަފުން ކުންފުންޏަށް އިތުރުވާ ވަރަކަށް ހެޑް އޮފީހުގެ މުވައްޒަފުން އިތުރުކުރަންޖެހޭ." އާޒިމް ވިދާޅުވިއެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކްގައި ހިމަނައިގެން މާލެ ސަރަޙައްދުގައި ބަސް ދަތުރުގެ ޚިދުމަތްވެސް ވަނީ ފަށާފައެވެ. އާރްޓީއެލް ބަހުގެ ޚިދުމަތް އަތޮޅުތަކުގައިވެސް ފެށުމަށް ވަނީ ތައްޔާރުވެފައެވެ. މިއާއެކު ވަޒީފާގެ އިތުރު ގިނަ ފުރުޞަތުތަކެއް އަނެއްކާވެސް ތައާރަފްވާނެއެވެ.

އާޒިމް ވިދާޅުވީ މާލެ ސަރަޙައްދުގައި ދާދިފަހުން ފެށި އާރްޓީއެލް ބަހުގެ ޚިދުމަތުގައި މިހާރުވެސް 100އަށްވުރެ ގިނަ އެޓެންޑުން ވަޒީފާއަށް ނަގާފައިވާކަމަށެވެ. ބަސް ޑްރައިވަރުންގެ ގޮތުގައިވެސް ގިނަ ވަޒީފާތައް އުފައްދާ، އެމީހުންނަށް ބޭނުންވާ ޓްރެއިނިންގ ފުރިހަމަކޮށް ވަޒީފާއަށް މީހުން ނެގުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

އާޒިމް ވިދާޅުވީ މިހާތަނަށް 40 އަށްވުރެ ގިނަ ބަސް ޑްރައިވަރުން ނަގާ ތަމްރީން ދީފައިވާކަމަށެވެ. އަދި މިދިޔަ މަހު ވަނީ އިތުރު 35 ޑްރައިވަރުން ނެގުމަށްވެސް ވަނީ އިޢުލާން ކޮށްފައެވެ.

އާރްޓިއެލްގެ ފެރީގެ ޚިދުމަތާ ބަސް ޑްރައިވަރުންނާ އެޓެންޑުންގެ ގޮތުގައި ގިނަ އަންހެން މުވައްޒަފުންތަކެއްވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ސަރުކާރުން މިހާރު ތައްޔާރުވަމުންދަނީ، އާރްޓީއެލްގެ ތެރެއިން މާލޭގައި މިނީ ބަހުގެ ޚިދުމަތްވެސް ފެށުމަށެވެ. މިއާއެކުވެސް ގިނަ ވަޒީފާތަކެއް އުފެދިގެންދާނެކަމަށް އާޒިމް ވިދާޅުވިއެވެ.