ކުޅިވަރު

އިޓަލީ އަތުން ފްރާންސަށް ފަސޭހަ މޮޅެއް


ޔުއެފާ ވިމެންސް ޔޫރޯ 2022 ގެ ގްރޫޕް ޑީގައި އިޓަލީއާ ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު ފްރާންސުން ކާމިޔާބުކޮށްފިއެވެ.

މި މެޗު ފްރާންސުން ކާމިޔާބުކުރީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ފްރާންސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ލަނޑު މެޗު ފަށައިގެން ނުވަވަނަ މިނެޓްގައި ޖަހައިދިނީ ގްރޭސް ގެޔޯރޯއެވެ. އޭނާ ވަނީ މި މެޗްގައި އިތުރު ދެ ލަނޑު ޖަހައި މި ފަހަރުގެ މުބާރާތުގެ ފުރަތަމަ ހެޓްރިކް ހަދާފައެވެ. އޭނާ އަނެއް ދެ ލަނޑު ޖަހާފައިވަނީ މެޗްގެ 40 ވަނަ މިނެޓާއި 45 ވަނަ މިނެޓްގައެވެ.

މި މެޗްގައި ފްރާންސްގެ ޓީމުގެ ދެވަނަ ލަނޑު މެޗްގެ 12 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މަރީ އެންޓޮއިނޭޓް ކަޓޯޓޯއެވެ. އަދި ތިންވަނަ ލަނޑު މެޗުގެ 38 ވަނަ މިނެޓްގައި ޖަހައިދިނީ ޑެލްފީން ކަސްކަރީނޯއެވެ.

މި މެޗްގެ ފުރަތަމަ ހާފުގައި ފްރާންސުން ފަސް ލަނޑުގެ ލީޑެއް ނެގިއިރު، މި މެޗްގައި އިޓަލީން ޖެހި ހަމައެކަނި ލަނޑު މެޗްގެ 76 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މާޓީނާ ޕިއެމޮންޓޭއެވެ.

މި ކާމިޔާބީއާއެކު ފްރާންސް އުޅެނީ ގްރޫޕް ޑީގެ އެއްވަނައިގައެވެ. އަދި އިޓަލީ އެންމެ ފުލުގައި އުޅޭއިރު، ބެލްޖިއަމާއި އައިސްލަންޑް އުޅެނީ ދެވަނަ އަދި ތިންވަނައިގައެވެ.