ޚަބަރު

އާއްމު ދަތުރުފަތުރުގެ ރައްކާތެރިކަން - އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމެއް


ކޮންމެ ޤައުމެއްގައިވެސް އާއްމު ދަތުރުފަތުރުގެ ޚިދުމަތަކީ އެ ޤައުމެއްގައި ދިރިއުޅޭ ފަރުދުން އެ ޚިދުމަތަކަށް ނުހަނު ބޮޑަށް ބަރޯސާވާ، އަދި އެ ޚިދުމަތެއްގެ ބޭނުން ކޮންމެ ދުވަހަކުހެން ހިފާ ޚިދުމަތެކެވެ. މިއާއެކު ރައްކާތެރި، ފެންވަރު ރަނގަޅު ދަތުރުފަތުރުގެ ނިޒާމެއް ފޯރުކޮށްދިނުމަށް ކޮންމެ ޤައުމެއްގެ ސަރުކާރުންވެސް ބޮޑު ސަމާލުކަމެއްދެއެވެ.

ރާއްޖެއަށް ބަލާއިރުވެސް ކަން އޮތީ މިހެންނެވެ. އާއްމު ދަތުރުފަތުރުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ބޮޑު ހޭދައެއްކުރެއެވެ. އާއްމުންނަށް ފަސޭހަކަމާއި އިތުބާރާއެކު ދަތުރުފަތުރުކުރެވޭނެ ވަޞީލަތްތައް ޤާއިމުކުރުމަށް، ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް ސަރުކާރުން އުފައްދާފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީން މިވަގުތުވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ރާއްޖޭގެ އެންމެ އާބާދީ ބޮޑު ސަރަޙައްދުކަމަށްވާ ގްރޭޓަރ މާލޭ ސަރަހައްދުގައި އާއްމު ދަތުރުފަތުރުގެ ޙިދުމަތުގެ ތެރެއިން އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެމުން އަންނަ ޚިދުމަތަކީ ބަހުގެ ޙިދުމަތެވެ. މާލެއާއި ހުޅުލެއާއި ދެމެދު، މާލެއާއި ހުޅުމާލޭ ފޭސް 1 އަދި ފޭސް 2 އަކާއި ދެމެދު ބަހުގެ ޚިދުމަތް އެމް.ޓީ.ސީ.ސީން އަންނަނީ ފޯރުކޮށްދެމުންނެވެ. މިއީ މިއަދު ދުވާލެއްގެ މައްޗަށް އެތައް ސަތޭކަ ބަޔަކު ހޯދަމުން އަންނަ ޚިދުމަތެކެވެ. ދަރިން ސްކޫލަށް ފޮނުވުމާއި، ވަޒީފާއަށް ދިއުމަށާއި، އެނޫންވެސް ޒަރޫރީ ބޭނުންތަކަށް ދަތުރުކުރުމުގައި މާލޭ ސަރަޙައްދުގެ ރައްޔިތުންގެ ތެރެއިން މިއަދު ގިނަ ބަޔަކު ބަރޯސާވާ ޚިދުމަތެކެވެ.

ސަރުކާރުން މިފަދަ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ އެންމެ މުހިއްމު ބޭނުމަކީވެސް ރައްޔިތުންގެ އަތުން ދަތުރުފަތުރަށް ހިނގާ ޚަރަދު ވީހާވެސް ކުޑަކޮށްދިނުމެވެ. މާލީގޮތުން ބޮޑު މަންފާއެއް ހޯދުމުގެ ބަދަލުގައި، ރައްޔިތުން އުފުލަންޖެހޭ ތަކުލީފު ވީހާވެސް ކުޑަކޮށްދިނުމަށެވެ.

މާލޭ ސަރަޙައްދުގައި ބަހުގެ ޚިދުމަތް އެމް.ޓީ.ސީ.ސީން ދެމުންދާއިރު، ދަތުރުތަކުގެ ޑިމާންޑަށް ބަލާ ޚިދުމަތަށް ގެންނަންޖެހޭ ބަދަލުތައް އެކުންފުނިން އަންނަނީ ގެންނަމުންނެވެ. އެގޮތުން، ބަހުގެ ފްލީޓަށް އައު ބަސްތައް ގެނައުމާއި، އެންމެ ބާރު ބޮޑުވާ ސަރަހައްދުތަކަށް ބަހުގެ ފްރީކުއެންސީ އިތުރުކުރުމާއި، ބަސް ދަތުރުކުރާ ގަޑިތައް އިތުރުކުރުން ހިމެނެއެވެ. މިއީ ހައްތަހާވެސް ޚިދުމަތް ހޯދާ ފަރާތްތަކަށް ވީހާވެސް ފަސޭހަކޮށްދިނުމުގެގޮތުން ގެންނަމުންދާ ބަދަލުތަކެކެވެ.

ބަސް ދަތުރުތަކަކީ އާއްމުންނަށް ރައްކާތެރި ދަތުރުތަކަކަށް ހެދުމަށްވެސް އެމް.ޓީ.ސީ.ސީން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެމް.ޓީ.ސީ.ސީގެ ޑްރައިވަރުންނަކީ ވަކި ޚާއްސަ ތަމްރީންތަކެއް ފުރިހަމަކޮށްގެން މަސައްކަތްކުރާ ބައެކެވެ. އަދި ޑްރައިވަރުންގެ ފަރާތުން އިތުބާރު ލިބިގެންނޫންގޮތަކަށް މަގުތަކަށް އެކަނި ދުއްވަން ޑިއުޓީތަކަށް ނުނެރެއެވެ. ކަސްޓަމަރުންނަށް ލޯތްބާއި އަޅާލުމާއެކު ޚިދުމަތް ދިނުމަށް ކޮންމެ ދުވަހެއްގެ ކޮންމެ ޝިފްޓެއް ފެށުމުގެ ކުރިން ސްޓާފުންނަށް ހަނދާންކޮށްދެމުންދެއެވެ. ކަސްޓަމަރ ސަރވިސް އެކްސެލެންސްގެ ދާއިރާއިން މެދުކެނޑުމެއްނެތި ސްޓާފުންނަށް ތަމްރީންތައް ދެމުންދެއެވެ.

އެމް.ޓީ.ސީ.ސީގެ ބަސް ޑްރައިވަރުން ޝިފްޓެއްގައި 5 ގަޑިއިރަށްވުރެ ގިނަ އިރަކު ނުދުއްވާނެއެވެ. މިއީ އެކުންފުނިން ހިފަހައްޓަމުން އަންނަ މިންގަނޑެކެވެ. ޚިދުމަތުގައި ބޭނުންކުރާ ހުރިހާ ބަސްތަކަކީވެސް ޓްރެކްކުރެވޭނެހެން މޮނިޓަރިންގ ސިސްޓަމްތައް ހަރުކޮށްފައިވާ ބަސްތަކެކެވެ. މި ސިސްޓަމްތައް މެދުވެރިކޮށް ބަސް ދަތުރުކުރާ ރޫޓާއި، ސްޕީޑް ދެނެގަނެވޭނެއެވެ. އަދި ކަނޑައަޅާފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވާނަމަ އެކަން ވަގުތުން ނޮޓިފައިވާނެއެވެ. ސްޓާފުން ޚިދުމަތަށް ނެރެނީ އިމަރޖެންސީ ޙާލަތްތަކާއި އެކްސިޑެންޓުތަކުގެ ޙާލަތުގައި އަމަލުކުރަންވީގޮތުގެ ތަމްރީނުވެސް ދީފައެވެ.

މިވަރުން އަދި ނިމުނީއެއްނޫނެވެ. ބަސްތައް ދުއްވަނީ އެންމެ ރައްކާތެރިގޮތުގައި ނޫންކަމަށް ރައްޔިތުންނަށް ޤަބޫލުކުރެވޭނަމަ، އެކަން އެމް.ޓީ.ސީ.ސީގެ ހޮޓްލައިން 1650 އަށް ގުޅާ ރިޕޯޓްކުރެވޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ. އަދި މިގޮތަށް ހުށަހެޅޭ ޝަކުވާތަކަށް ބަލާ، އަޅަންޖެހޭ ފިޔަވަޅުތައް އެކުންފުނިން ދަނީ އަޅަމުންނެވެ.

ރައްޔިތުންނަށް ހިތްފަސޭހަ އަދި ރައްކާތެރި ޚިދުމަތެއް ފޯރުކޮށްދިނުމަކީ އެމް.ޓީ.ސީ.ސީގެ އަމާޒުކަމަށްވާއިރު، މިކަން ކުރެވެންއޮތީ މަގުތައް ބޭނުންކުރާ ހުރިހާ ފަރާތްތަކެއްގެވެސް ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންނެވެ. މާލޭ ސަރަޙައްދުގައި މިފަހުން ހިނގާފައިވާ މަގުމަތީގެ އެކްސިޑެންޓުތަކަށް ބަލާލާއިރު، އަމިއްލަ އުޅަނދުތައްގޮސް ބަހުގައި ޖެހިގެން ގިނަ އެކްސިޑެންޓުތައް ހިނގާފައިވެއެވެ.

މީގެ ތެރެއިން ބައެއް އެކްސިޑެންޓުތަކުގައި ވެހިކަލާއި މީހުންނަށްވެސް ބޮޑެތި ގެއްލުތައްލިބި ބައެއް ހިތާމަވެރި ޙާދިސާތައްވެސް ހިނގާފައިވެއެވެ. މިގޮތަށް ހިނގާފައިވާ ގިނަ އެކްސިޑެންޓުތަކަކީ ޤަވާއިދާ ޚިލާފަށް، ބަރު ސްޕީޑުގައި ދުއްވުމުގެ ސަބަބުން ހިނގާފައިވާ އެކްސިޑެންޓުތަކެވެ. މިއީ އަޅުގަނޑުމެން ކޮންމެ މީހަކުވެސް ވިސްނާލުން ވަރަށް މުހިއްމުކަމެކެވެ.

ވިސްނާނުލާ ނުވަތަ ފަރުވާކުޑަކުރުމުގެ ސަބަބުން ކުރެވޭ މިފަދަ ކަންކަމަކީ، އެކަމުގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅިގެންދާ ކަންކަމެވެ. ވަކިން ޚާއްސަކޮށް ވެހިކަލް ދުއްވާ ފަރާތްތަކުން މަގުމަތީގެ ޤަވާއިދުތަކަށް އަހުލުވެރިވުން ވަރަށް މުހިއްމެވެ. އާއްމުކޮށް ދުއްވާ އުޅަނދުތަކާ ޚިލާފަށް ބަސްތަކަކީ ސައިޒުގެގޮތުން ބޮޑެތި އުޅަނދުތަކެއްކަމުން، ބަސް ކައިރިން އޯވަޓޭކްކުރުމަކީ އެހާ ރައްކާތެރިކަމެއްނޫނެވެ. މިފަދަ ބޮޑެތި އުޅަނދުތަކުގެ ބްލައިންޑް ސްޕޮޓްތަކަށް ސަމާލުވެ، ދުއްވާފައި ދާ ބަހާއި އެކަށީގެންވާ ދުރުމިނެއް ބެހެއްޓުމަކީވެސް މުހިއްމުކަމެކެވެ. އަދި ބަސް ދަތުރުކުރާ ރޫޓުތަކުގައި ހިމެނޭ މަގުތަކުގައި ވެހިކަލް ޕާކުކުރާއިރުވެސް ޤަވާއިދާ އެއްގޮތަށް ޕާކުކުރުމަށް ސަމާލުވާންޖެހެއެވެ.

ފުރިހަމަ އާއްމު ދަތުރުފަތުރުގެ ޚިދުމަތެއް ފޯރުކޮށްދެވޭނީ ޚިދުމަތް ހޯދާ ފަރާތްތަކާއި، ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ އިތުރުން މުޅި މުޖުތަމަޢު ގުޅިގެން ކުރެވޭ މަސައްކަތުންނެވެ. މަގުމަތީގައި ހިނގާ ހިތާމަވެރި އެކްސިޑެންޓެއްގައި ގާތްތިމާގެ މީހަކު ނުވަތަ ތިމާ ލޯބިވާ މީހަކު ގެއްލިގެން ދިއުމަކީ އަޅުގަނޑުމެންގެ ތެރެއިން ހަމަ އެކަކުވެސް ބޭނުންވާނެ ކަމެއްނޫންކަން ޔަޤީނެވެ. އެހެންކަމުން މަގުތައް ބޭނުންކުރާ ފަރާތްތަކުން މަގުމަތީގެ ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތާ، ދުވެލި މަޑުކުރުމަށް އިސްކަންދޭން އެބަޖެހެއެވެ. މިއީ އެންމެ ރައްކާތެރިކަމަށް ހަމަ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް ސަމާލުވާންޖެހޭ ކަމެކެވެ.