ޚަބަރު

ޕާޓީތަކަށް ފައިސާދޭ އުސޫލު ބަދަލުކުރުމަށް ފެށޭ ދައުރުގައި އިސްލާހު ހުށަހަޅަނީ


ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ ދަފްތަރަށް ބަލައިގެން ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ފައިސާ ދޫކުރުމުގެ އުސޫލަށް ބަދަލު ގެނައުމަށްޓަކައި ޤާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ވަނީ ފަށާފައެވެ. ޤާނޫނަށް އިސްލާހު ގެނައުމަށްޓަކައި އިލެކްޝަންސްއިންވަނީ ސިޔާސީ ޕާޓީތަކާއި، ބަންޑާރަ ނައިބާ މަޖިލީހުގެ މެމްބަރުންނާވެސް މަޝްވަރާ ކުރައްވާފައެވެ.

އިލެކްޝަންސް ކޮމިޝަނުންވަނީ ސިޔާސީ ޕާޓީގެ ގަވާއިދުގެ 36 ވަނަ މާއްދާގައިވާ ދައުލަތުގެ ބަޖެޓުން ދޭ ފައިސާ ބަހާނެ ގޮތާމެދު ޕާޓީތަކާއި މަޝްވަރާކޮށްފައެވެ. ޕާޓީތަކަށް ފައިސާދޭ އުސޫލަށް އިސްލާހު ގެނައުމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ޑްރާފްޓުކުރި ބިލުގައި ފައިސާ ދޭ އުސޫލަށް ބަދަލުގެނައުމަށްވަނީ ނިންމާފައެވެ. އެގޮތުން ޕާޓީތަކުގެ މެންބަރުންގެ އަދަދަށް ފައިސާ ދިނުމުގެ ބަދަލުގައި ޕާޓީތަކަށް އިންތިޚާބުތަކުގައި ލިބޭ ވޯޓުގެ އަދަދަށް ބަލައި ފައިސާ ދިނުމަށް އިލެކްޝަންސް ކޮމިޝަނުން މިބިލްގައި ހިމަނާފައިވެއެވެ.

ޕާޓީތަކަށްދޭ ފައިސާގެ އުސޫލު އިސްލާހު ކުރަންޖެހޭ ކަމަށް ޕާޓީތަކުންވެސް ޤަބޫލުކުރެއެވެ. ވޯޓު ލިބޭ މިންވަރަށް ފައިސާ ދިނުމަކީ ގިނަ ޕާޓީތަކަށް އިންސާފުވެރި ގޮތެއްނޫންކަމަށްވެސް ޕާޓީތަކުން ބުނެއެވެ. އިލެކްޝަންސް ކޮމިޝަންގެ ވިސްނުން ހުރީ މަޖިލީހުގެ މިފެށޭ ދައުރުގެ މަސައްކަތްތައް ފެށުމާއެކު ޤާނޫނަށް ގެންނަން ޖެހޭ އިސްލާހު ހުށަހެޅުމެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، ޕާޓީތަކަށް ފައިސާ ދިނުމުގައި މިހާރު ޢަމަލުކުރަމުންދާ އުސޫލަކީ ދައުލަތަށްވެސް އަދި ޕާޓީތަކަށްވެސް އެންމެ އިންސާފުވެރި ގޮތްކަމަށް އެންމެންވެސް އެއްބަސްނުވާކަމަށެވެ.

ޤާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ކުރަންފެށީ، އޮޅުވާލައިގެން ޕާޓީތަކަށް މެމްބަރުން ވައްދާ މައްސަލަބޮޑުވެ، އިލެކްޝަންސަށް ފާޑުކިޔުން އަމާޒުވަމުން ދިޔަ ހިސާބުންނެވެ. މިއާއެކު އެކޮމިޝަނުންވަނީ ޤާނޫނަށް ގެނެވިދާނެ އިސްލާހުތަކާއިމެދު ބަންޑާރަ ނައިބާވެސް މަޝްވަރާކޮށްފައެވެ. އިލެކްޝަންސްއިން ވަނީ ޕާޓީތަކަށް ދޫކުރާ ފައިސާތައް ހޭދަކުރަމުންދަނީ ރަނގަޅަށްތޯ ބެލުމަށް ޕާޓީތަކުގެ އޮފީސްތަކަށްވެސް ވަންނަން ފަށާފައެވެ. މިކަމުގެ އެންމެ ބޮޑު ބޭނުމަކީ ޕާޓީތަކުން ކުރާ ޚަރަދުގެ އޮޑިޓެއް އިލެކްޝަނުން އެކުލަވާލުމެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާ ގޮތުން ސިޔާސީ ޕާޓީތަކުގެ ތެރެއިން ދައުލަތުގެ ބަޖެޓުގެ 0.01 އިންސައްތަ ފައިސާ ސިޔާސީ ޕާޓީތަކަށް ދޫކުރަންޖެހެއެވެ. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ތެރެއިން ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރާ އަދަދަށް މެމްބަރުން ތިބި 4 ސިޔާސީ ޕާޓީއަށް މިހާރު ވަނީ ފައިސާ ދޫކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުންދަނީ ޤާނޫނަށް ގެންނަންޖެހޭ އިސްލާހު ގެނައުމަށްޓަކައި، މިހާރު ކުރެވިފައިވާ މަސައްކަތްތަކާއެކު މިފެށޭ ދައުރަށް އިސްލާހު ހުށަހެޅުމެވެ. ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 11 ސިޔާސީ ޕާޓީއެއް އޮތްއިރު، އޭގެ ތެރެއިން ގިނައީ 10،000 މެމްބަރުން ހަމަނުވާ ސިޔާސީ ޕާޓީތަކެވެ. އަދި ޕާޓީތަކުގެ ގޮތުގައި ހަރަކާތްތެރިވެވޭނީ 3،000 މެމްބަރުން ކަމަށް ޤާނޫނުގައި ވަނީ ކަނޑައަޅާފައެވެ. މިއަދަދަށް މެމްބަރުން ހަމަނުވުމުގެ ސަބަނުން ދާދިފަހުން ވަނީ ލޭބާ ޕާޓީގެ ނަމުގައި އުފެއްދި ޕާޓީ އުވާލާފައެވެ.