ޚަބަރު

ތިނަދޫއަށް މާދަމާ މެންދުރުފަހު ކަރަންޓް ދެނީ


ގދ. ތިނަދޫ ރައްޔިތުންނަށް ކަރަންޓް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން، މާދަމާ މެންދުރުފަހު 3 ޖަހާއިރު އެރަށުގެ ގެތަކަށް ކަރަންޓް ފޯރުކޮށްދެވޭނެކަމަށް ލަފާކުރައްވާކަމަށް ފެނަކަ ކޯރޮޕަރޭޝަނުން ވިދާޅުވެއްޖެއެވެ. ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ފެނަކަ ކޯރޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނިމާލް ވިދާޅުވީ، ތިނަދޫ ކަރަންޓްގެ މައްސަލަ ހައްލުކުރެއްވުމަށް އެރަށަށް ގެންގޮސްފައިވާ ޖަނަރޭޓަރުތައް އިންޖީނުގެއަށް ވެއްދުމާއެކީ، އެތަކެތި އިންސްޓޯލްކުރުމުގެ މަސައްކަތް ފައްޓަވާނެކަމަށެވެ. ސްޓެލްކޯއިން ފޯރުކޮށްދިން 1 މެގަ ވޮޓުގެ ޖަނަރޭޓަރާއި، އެމް.ޑަބްލިޔު.އެސް.ސީން ފޯރުކޮށްދިން 1 މެގަ ވޮޓުގެ ޖަނަރޭޓަރު ގދ. ތިނަދޫއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 7:15 ހާއިރުއެވެ. މީގެ ތެރެއިން އެއް ޖެނެރޭޓަރު، މިއަދު 12:30 ހާއިރު ވަނީ ތިނަދޫ އިންޖީނުގެއަށް ގެންގޮސްފައެވެ. އަދި 2 ވަނަ ޖަނަރޭޓަރު އިންޖީނުގެއަށް ގެންދިއުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މި ޖެނެރޭޓަރުތައް ތިނަދޫ އިންޖީނުގޭއާއި ހަމައަށް ގެންދިޔުމުގެ މަސައްކަތް ކުރައްވަމުންދަނީ އެރަށުގައި ހަރަކާތްތެރިވަމުންދާ ސިފައިންނާއި، ފުލުހުންނާއި، ފެނަކަ ކޯރޕަރޭޝަން އަދި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަންގެ މުވައްޒަފުންގެ އެހީތެރިކަމާއެކުއެވެ. ތިނަދޫ އިންޖީނުގޭގައި ހިނގި އަލިފާނުގެ ޙާދިސާއަށްފަހު، އެރަށަށް ކަރަންޓުގެ ޚިދުމަތް ނުލިބޭތާ މިރެއަށް މިއީ 4 ވަނަ ރޭއެވެ.މި ޙާދިސާއާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތިނަދޫއަށް ފޮނުއްވާ 1 މެގަ ވޮޓުގެ ޖަނަރޭޓަރު ކުރިއަށް އޮތްތަނުގައި ބޭނުންކުރާނީ ބެކަޕް ޖަނަރޭޓަރެއްގެ ގޮތުގައި ކަމަށް ފެނަކަ ކޯރޕަރޭޝަންގެ ތިނަދޫ ބްރާންޖުން ވަނީ މައުލޫމާތުދެއްވާފައެވެ.