ޤައުމީ ވޮލީ މުބާރާތުގެ ދެވަނަ ޑިވިޝަންގެ ޗެންޕިއަންކަން
ގުޑީސް ސްޕޯޓްސް ކުލަބް ހޯދައިފިއެވެ.
ގުޑީސް ސްޕޯޓްސް ކުލަބް ޗެންޕިއަންކަން ހޯދީ ރޭ
ކުޅުނު ފައިނަލް މެޗްގައި ފެންފުށި ޒުވާނުންގެ ދިރުމާއި ވާދަކޮށް ސީދާ ތިން
ސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ. ފައިނަލް މެޗްގެ ސެޓްތައް ގުޑީސް ސްޕޯޓްސް ކުލަބް
ގެންދިޔައީ 25-12، 25-13 އަދި 29-27 ނެވެ. ފައިނަލް
މެޗްގެ މޮޅު ކުޅުންތެރިއަކީ ގުޑީސް ސްޕޯޓްސް ކުލަބްގެ ބިދޭސީ
ކުޅުންތެރިޔާ ޕަރްމޭޝްއެވެ.
މިމުބާރާތުގެ އެންމެ މޮޅު ސެޓަރަކަށް ހޮވިފައިވަނި ގުޑީސް
ސްޕޯޓްސް ކުލަބްގެ ސައިފުﷲ އަހުމަދެވެ. އެންމެ މޮޅު އައުޓް ސައިޑް އެޓޭކަރަކަށް
ހޮވިފައިވަނީ ފެންފުށި ޓީމްގެ ޝާމިލް އާދަމްއެވެ. ދެވަނައަށް އެންމެ މޮޅު އައުޓް
ސައިޑް އެޓޭކަރަކަށް ހޮވިފައިވަނީ ސްޓެލްކޯ ރެކްރިއޭޝަން ކުލަބްގެ އަލީ ޝިމާލްއެވެ.
އެންމެ މޮޅު މިޑިލް ބުލޮކަރަކަށް ހޮވިފައިވަނީ ފެންފުށި ޓީމްގެ އަހުމަދު މުހައްމަދުއެވެ.
ދެވަނައަށް އެންމެ މޮޅު މިޑިލް ބުލޮކަރަކަށް ހޮވިފައިވަނީ ގުޑީސް ސްޕޯޓްސް
ކުލަބްގެ ޖަވާމް އަލީއެވެ. އެންމެ މޮޅު އޮޕަސިޓް ކުޅުންތެރިއަކަށް ހޮވިފައިވަނީ ގުޑީސް
ސްޕޯޓްސް ކުލަބްގެ ހަސަން ރަޒާންއެވެ. އެންމެ މޮޅު ލިބަރޯ ކުޅުންތެރިއަކަށް
ހޮވިފައިވަނީ ގުޑީސްގެ މުހައްމަދު މިފްޒާލްއެވެ. ދެވަނަ ޑިވިޝަންގެ އެންމެ މޮޅު
ކޯޗަކަށް ހޮވިފައިވަނީ ޗެންޕިއަން ގުޑީސް ސްޕޯޓްސް ކުލަބްގެ އިބްރާހީމް ރަޝީދުއެވެ.
މުބާރާތުގެ ފެއާރ ޕްލޭ ކުޅުންތެރިއަކަށް ހޮވިފައިވަނީ ކުލަބް ހާފް ލިންކޭޖްގެ
އަހުމަދު ފާރިޝްއެވެ. މިމުބާރާތުގެ ފެއާރ ޕްލޭ ޓީމަކަށް ހޮވިފައިވަނީ ފެންފުށި
ޒުވާނުންގެ ދިރުމެވެ. އެކާވީސް އަހަރުން ދަށުގެ އެންމެ މޮޅު ކުޅުތެރިއަކަށް
ހޮވިފައިވަނީ ގުޑީސްގެ ހަސަން ރަޒާންއެވެ.
މުޅި މުބާރާތުގެ އެންމެ މޮޅު
ކުޅުންތެރިއަކަށް ހޮވިފައިވަނީ ޗެންޕިއަން ގުޑީސް ސްޕޯޓްސް ކުލަބްގެ ބިދޭސީ
ކުޅުންތެރިޔާ ޕަރްމޭޝްއެވެ.