ޚަބަރު

ދިއްގަރު ކައުންސިލް އިންތިޚާބު އަންނަ މަހުގެ 13ވަނަ ދުވަހު


މ.ދިއްގަރު ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް ވާދަކުރަނީ އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓަކާއި، ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ކެނޑިޑޭޓެއްކަމަށް އިލެކްޝަނުން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އަންނަ މަހުގެ 13 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މިއިންިޚާބުގައި، ވާދަކުރި ދެ ކެނޑިޑޭޓުންގެ ނަންބަރު ތަރުތީބު ކުރުން އިލެކްޝަން ކޮމިޝަނުން ވަނީ ކުރިއަށް ގެންގޮސްފައެވެ. މިއިންތިޚާބުގައި ކެނޑިޑޭޓް ނަންބަރު އެކެއް ލިބިފައިވަނީ އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓް ޢަބްދުﷲ ޢާރިފްއަށެވެ. ޕީޕީއެމްގެ ކެނޑިޑޭޓް ޢަބްދުލްޙަންނާން އަޙްމަދަށް ލިބިފައިވަނީ ކެނޑިޑޭޓް ނަންބަރު ދޭކެވެ.

ދިއްގަރު ކައުންސިލް ގޮޑިއެއް ހުސްވެފައިވަނީ އެކައުންސިލްގައި މިނިވަން މެމްބަރެއްގެ ގޮތުގައި ތަމްސީލްކުރި މެމްބަރު މަޤާމުން އިސްތިއުފާ ދެއްވުމުންނެވެ. ވެރިކުރާ މައި ޕާޓީ، އެމްޑީޕީއަށް މެޖޯރިޓީ އޮންނަ ދިއްގަރު ކައުންސިލްގައި ތިއްބަވަނީ އެމްޑީޕީ 3 މެމްބަރަކާއި، އިދިކޮޅު ޕީޕީއެމްގެ މެމްބަރެކެވެ.

ދިއްގަރު ކައުންސިލް އިންތިޚާބު އަންނަ މަހު ބާއްވާއިރު މިމަހުގައި 23 ވަނަ ދުވަހުވެސް އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ 2 އިންތިޚާބެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.