ޚަބަރު

އަހަރުތަކަކަށްފަހު ފަލަސްތީނާއި އިސްރާޢީލުން މަޝްވަރާގެ މޭޒަށް


އެމެރިކާގެ ރައީސް ޖޯ ބައިޑަން މެދުއިރުމަތީގެ ބައެއް ޤައުމުތަކަށް ކުރައްވަން އުޅުއްވާ ދަތުރުފުޅާ ގުޅުވައިގެން ފަލަސްތީނާއި އިސްރާޢިލުގެ އިސްވެރިންގެ މެދުގައި މަޝްވަރާތަކެއް ބާއްވައިފިއެވެ. އިސްރާޢީލުގެ ބޮޑުވަޒީރު ޔާއިރު ލަޕީދާއި ރައީސް އައިޒެކް ހަރޒޮގަށް ފޯނުން ގުޅުއްވައި ކުރެއްވި މަޝްވަރާތަކުގައި ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސްވަނީ ޞުލްޙަ ޤާއިމުކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

މިއީ އަހަރުތަކަކަށް ފަހު އައްބާސް އިސްރާޢީލުގެ ބޮޑުވަޒީރާ ވާހަކަފުޅު ދެއްކެވި ފުރަތަމަ ފަހަރެވެ. ލަޕީދާއެކު ކުރެއްވި މަޝްވަރާތަކުގައި ދެ ބޭފުޅުން ވަނީ، ހުޅަނގު އައްސޭރީގައި އަމަންއަމާންކަން ޤާއިމުކުރުމަށް ދެ ފަރާތުގެ މެދުގައި އެއްބާރުލުން އިތުރު ކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

އަދި އެއަށް ފަހު އައްބާސް ވަނީ ރާމަاللهގައި ހުންނަ އޭނާގެ އޮފީހުގައި އިސްރާޢީލުގެ ދިފާޢީ ވަޒީރު ބެނީ ގެންޓްޒާ ބައްދަލުކުރައްވައި، މަޝްވަރާތައް ބާއްވަވައިފައެވެ. މި ބައްދަލުކުރެއްވުމުގައި އައްބާސް ވަނީ ފަލަސްތީނާއި އިސްރާޢީލާ ދެމެދު އުފެދިފައި އޮތް ނުތަނަވަސްކަމަށް ސިޔާސީގޮތުން ހައްލެއް ހޯދުމާ ގުޅޭގޮތުން ގެންޓްޒާއެކު މަޝްވަރާ ކުރައްވައިފައެވެ.

ގެންޓްޒް ވިދާޅުވީ، ހުޅަނގު އައްސޭރީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭގޮތުން މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރައްވާފައިވާ ކަމުގައެވެ. 1967 ވަނަ އަހަރުގެ ހަނގުރާމައިގައި އިސްރާޢީލުން އަތްގަދަކޮށްފައިވާ ފަލަސްތީނުގެ ބިންތަކުގެ މައްސަލައިގައި ދެ ޤައުމު ޞުލްޙަ ކުރުވަން އެމެރިކާއިން އިސްނަގައިގެން ކުރަމުން ދިޔަ މަޝްވަރާތައް 2014ވަނަ އަހަރު ހުއްޓުމަށްފަހު، މި ކަމުގައި އަދި މިހާތަނަށް ކުރިމަގެއް ފެނިފައެއް ނުވެއެވެ.