ޚަބަރު

ސަރުކާރު ކުންފުނިތައް ފޯރީގައި ޕިކްނިކް އައިލެންޑް ނިންމުމުގައި


މާލޭ ސަރަޙައްދު ކައިރީގައި ހުރި ފަޅުރަށްތައް ވަނީ ފަތުރުވެރިކަމުގެ ވިޔަފާރިއަށް ކުއްޔަށް ދީ ހުސްކޮށްފައެވެ. މި ސަރަޙައްދުގެ ރައްޔިތުން ދަތުރުދިއުމަށް ބޭނުންކުރަން އޮތް ހަމައެކަނި ރަށަކީ ކުޑަ ބަނޑޮހެވެ. ނަމަވެސް 2013 ވަނަ އަހަރު އެ ރަށް ނަގާ، ކުޑަބަނޑޮސްވެސް ރިސޯޓް ތަރައްޤީކުރަން ކުއްޔަށް ވަނީ ދީފައެވެ.

މާލޭ ސަރަޙައްދުގައި ދަތުރުދެވޭނެ އެއްވެސް ރަށެއް ނެތި ދިހަވަރަކަށް އަހަރު ފަހުން، މި ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރުދާނެ ރަށެއް ހަމަޖައްސަވައިދިނުމަށް ވަޢުދުވެ ވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙުއެވެ.

މި ވަޢުދާ އެއްގޮތަށް މާލެއިން 15 މިނެޓުން ދެވޭހާ ކައިރީގައި އޮތް ކުޑަގިރި ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށް ފެށީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ.

މި މަޝްރޫޢުގައި ހިމެނެނީ 8 ކެޓަރުގެ ޕިކްނިކް އައިލެންޑާ، 1.5 ހެކްޓަރުގެ ފިނޮޅެއް ތަަރައްޤީކުރުމެވެ. މިހާރު ބިން ހިއްކާ ނިމި، އެެރަށުގައި ދަނީ ޕިކްނިކް އައިލެންޑްގެ ފެސިލިޓީތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މި ޕްރޮޖެކްޓް ކުރިއަށްގެންދަނީ ސަރުކާރުގެ 5 އެސްއޯއީ ކުންފުނި ގުޅިގެން، މަސައްކަތްތައް ކުންފުނިތަކުގެ މެދުގައި ބަހާލައިގެންނެވެ. އެ ކުންފުނިތަކަކީ އެޗްޑީސީސީ، އެމްޓީސީސީ، ފެނަކަ، ސްޓެލްކޯ އަދި އެމްޑަބްލިއުއެސްސީއެވެ.

ބިން ހިއްކާ، ގޮނޑުދޮށް ޙިމާޔަތްކުރުމާއި ޖެޓީ އަދި މޫދަށް އެރޭ ބީޗް އޭރިއާތައް ހެދުމުގެ މަސައްކަތް ކުރަނީ އެމްޓީސީސީންނެވެ.

ޕިކްނިކް އައިލެންޑްގެ މާސްޓަރ ޕްލޭން ތައްޔާރުކުރީ އެޗްޑީސީންނެވެ. ރަށުގައި ހަދާ އެކަމަޑޭޝަން ބްލޮކްތަކާއި ޕިކްނިކް ފެސިލިޓީތައް ހަދަނީ އެޗްޑީސީގެ ބެލުމުގެ ދަށުންނެވެ.

ފެނަކަ ސްޓެލްކޯ އަދި އެމްޑަބްލިއުއެސްސީން މައިގަނޑު ގޮތެއްގައި ކުރަމުންދަނީ، ރަށުގައި ފެނާއި ނަރުދަމާއާއި ކަރަންޓުގެ ޚިދުމަތްތައް ދިނުމަށް ބޭނުންވާ ފެސިލިޓީތައް ޤާއިމުކޮށް ނެޓްވޯކް އެޅުމުގެ މަސައްކަތެވެ.

ސަރުކާރުން ނިންމާފައިވަނީ މިމަހު ފާހަގަކުރާ މިނިވަން ދުވަހު، ކުޑަގިރި ޕިކްނިކް އައިލެންޑަށް އާއްމުންނަށް ދަތުރުދިއުމަށް ހުޅުވާލުމަށެވެ. ކުންފުނިތަކުން އަވަދިނެތި މަސައްކަތް ކުރަމުންދަނީ، ސަރުކާރުން ނިންމާފައިވާ ތާރީޚުގައި ރަށް ހުޅުވާލާއިރު އެތަނަށް ބޭނުންވާ އަސާސީ އެންމެހާ ޚިދުމަތްތައް ޤާއިމުކުރުމަށެވެ.

ބިން ހިއްކާ ނިމި "ޕިކްނިކް އައިލެންޑް"އެއްގެ ސިފަ މިހާރު ކުޑަގިރިން ފެނެއެވެ. މި މަސައްކަތް ކުރިއަށްގެންދަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. ރަށުގައި ރޭގަނޑުވެސް މަޑުކުރެވޭގޮތަށް ހަދާ އެކަމަޑޭޝަން ބްލޮކްތައް ހެދުން ހިމެނެނީ ދެވަނަ ފިޔަވަހީގެ މަސައްކަތްތަކުގައެވެ.

ރަށް ހުޅުވާލާއިރު ހުންނާނީ، ފުރަތަމަ ފިޔަވަހީގައި ހިމަނާފައިވާ އަސާސީ ޚިދުމަތްތައް ޤާއިމުވެފައެވެ. އެގޮތުން ރިސެޕްޝަނަކާއި، ފާޚާނައާއި، ޗޭންޖިން ރޫމް އަދި ދަތުރު އަންނަ މީހުން މަޑުކޮށްލައިގެން ތިބުމަށް ހަޓްތައް ހުންނާނެއެވެ.

ކުންފުނިތައް ގުޅިގެން ދަނީ ކުޑަގިރި ފެހި ކުރުމަށް ގަސް އިންދުމުގެ ޕްރޮގްރާމްތައްވެސް، ކުރިއަށްގެންދަމުންނެވެ. އެގޮތުން ގަސް އިންދުމާއި ލޭންޑް ސްކޭޕިންގެ މަސައްކަތްތަކާއި، އަދި ކޮންމެ ބުރާސްފަތިދުވަހަކު އެ ރަށަކަށް ދަތުރުކޮށް ކުންފުނިތަކުގެ އިދާރީ މުވައްޒަފުންވެސް ދަނީ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މި މަސައްކަތް ކުންފުނިތަކުން ކުރިއަށްގެންދަނީ ވަރަށް ޖޯޝާ ފޯރީގައެވެ.

ކުޑަގިރީގެ މަސައްކަތްތައް ކުރިއަށްދާގޮތް ބެއްލެވުމަށް، ނައިބު ރައީސް ފައިސަލް ނަސީމް ކޮންމެ ހަފްތާއަކުވެސް އެސްއޯއީތަކާއެކު ކުޑަގިރިއަށް ވަޑައިގަންނަވައެވެ. އަދި ރަށް ފެހިކުރުމަށް ހިންގާ ޕްރޮގްރާމްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިހާރު ވަމުންދަނީ ކުޑަގިރި ޕިކްނިކް އައިލެންޑް ހުޅުވާލުމަށް ވަމުން އަންނަ އެންމެ ފަހުގެ ތައްޔާރީތަކެވެ.