ކުޅިވަރު

ތައިލެންޑް އަތުން ރާއްޖެއަށް ފަސޭހަ މޮޅެއް


މެލޭޝިއާގައި މިހާރު ކުރިއަށްދާ ކުއަޑްރަންގިއުލާ ޓީ20 ސީރީސްގައި ކުޅުނު ފަސްވަނަ މެޗުގައި ތައިލެންޑް އަތުން ފަސޭހަކަމާއެކު ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމު މޮޅުވެއްޖެއެވެ.

އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ތައިލެންޑާ ދެކޮޅަށް ކުޅުނު ދެވަނަ މެޗުން ރާއްޖެ މޮޅުވީ 41 ލަނޑުންނެވެ. މި މުބާރާތުގައި ތައިލެންޑާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުން ރާއްޖެ މޮޅުވެފައިވަނީ ހަތް ވިކެޓުންނެވެ.

ހުކުރު ދުވަހުގެ ހެނދުނު ކުޅުނު މި މެޗުގެ ޓޮސް ދިމާވުމުން ތައިލެންޑުން ނިންމީ ހޮވުމަށެވެ. އެއާއެކު ރާއްޖޭން އެންމެ ފުރަތަމަ ކުޅެން އަރައި، 19.3 އޯވަރުގެ ތެރޭގައި ހުިރހާ ކުޅުންތެރިން ނުބައިވެގެން ވަނީ 97 ލަނޑު ހަދާފައެވެ. މި އިނިންގްސްގައި ރާއްޖޭން އެންމެ ރަނގަޅަށް ކުޅުނީ 40 ބޯޅައިން 24 ލަނޑު ހެދި ކެޕްޓަން ޔޫސުފް އަޒްޔާން ފަރުހަތާއި 19 ބޯޅައިން 18 ލަނޑު ހެދި އަޙްމަދު ހަސަނެވެ.

ޖަވާބުގައި ތައިލެންޑުން ކުޅެން އަރައި 16.5 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 56 ލަނޑެވެ.

ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެ ފަހަރު ބައްދަލުކުރުމަށްފަހު، އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމެއް ފައިނަލަށް ހޮވޭ ގޮތަށް ކުޅޭ މި މުބާރާތުގެ ފައިނަލުން މެލޭޝިއާ ވަނީ ޖާގައެއް ހޯދާފައެވެ. އެގޮތުން މެލޭޝިއާއިން ވަނީ ކުޅުނު ފަސް މެޗުން މޮޅުވެ، 10 ޕޮއިންޓް ހޯދާފައެވެ. ފަސް މެޗުން ހަ ޕޮއިންޓާ އެކު ބޫޓާން ދެވަނައިގައި އޮތްއިރު، ތިންވަނައިގައި ފަސް މެޗުން ހަތަރު ޕޮއިންޓާ އެކު އޮތީ ރާއްޖެއެވެ. އަދި ފުލުގައި އޮތް ތައިލެންޑުން ކުޅުނު ފަސް މެޗުންވެސް ވަނީ ބަލިވެފައެވެ.

މި މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުގައި ހޮނިހިރު ދުވަހުގެ ހެނދުނު ރާއްޖެ ނުކުންނާނީ މެލޭޝިއާއާ ދެކޮޅަށެވެ. ލީގު ބުރުގައި ކުޅުނު ފުރަތަމަ މެޗުން ރާއްޖެ ވަނީ މެލޭޝިއާ އަތުން އަށް ވިކެޓުން ބަލިވެފައެވެ.