ކުޅިވަރު

ލެވަންޑޯސްކީ ގެނައުމަށް ބާސާާއިން ބަޔާނަށް ހުށަހެޅުމެއް


ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިޔުނިކަށް ކުޅެމުން އަންނަ ޕޮލަންޑުގެ ތަރި ރޮބަޓް ލެވަންޑޯސްކީ ގެންދިއުމަށް ސްޕެއިންގެ ބާސެލޯނާއިން ހުށަހެޅުމެއް ހުށަހަޅައިފިއެވެ.

ބާސާގެ ރައީސް ހުއާން ލަޕޯޓާ އުންމީދު ކުރަނީ ބަޔާންގެ ފަރާތުން ރަނގަޅު ޖަވާބެއް ލިބިގެންދާނެ ކަމަށެވެ.

އުމުރުން 33 އަހަރުގެ ލެވަންޑޯސްކީ ބަޔާންއަށް ބަދަލުވެފައިވަނީ 2014 ވަނަ އަހަރު ވާދަވެރި ބޮރޫޝިއާ ޑޯޓްމަންޑްއިންނެވެ. ލެވަންޑޯސްކީ މިއަހަރުގެ މެއި މަހު ހާމަކުރިގޮތުގައި ބަޔާންގައި އޭނާގެ ވާހަކަ ނިމުނީ ކަމަށެވެ.

ލަޕޯޓާ ހާމަކުރިގޮތުގައި ބާސާއިން ވަނީ ލެވަންޑޯސްކީ ހޯދުމަށް ބަޔާންއަށް ހުށައަޅާފައެވެ.
އަދި މިހާރު މަޑުކުރަނީ ބަޔާންއިން ދޭ ޖަވާބަކަށް ކަމަށް އޭނާ ހާމަކުރިއެވެ. ލެވަންޑޯސްކި ބަޔާން އާއެކު ހަދާފައިވާ އެއްބަސްވުމުގައި މިހާރު ބާކީ އޮތީ އެންމެ އަހަރެކެވެ.

ބާސާއިން ހުށަހެޅި ހުށަހެޅުމުގެ ތަފްސީލް ލަޕޯޓާ ހާމަކޮށްފައި ނުވި ނަމަވެސް ރިޕޯޓުތައް ބުނާގޮތުން އެ ކުލަބުން ވަނީ ލެވަންޑޮަސްކީ ގެނައުމަށް 33.8 މިލިއަން ޕައުންޑް ހުށައަޅާފަައެވެ. އަދި ބޯނަސްގެ ގޮތުގައި 4.2 މިލިއަން އިތުރު ވާ ގޮތަށެވެ.

ބާސާގެ މާލީ ހާލަތު ހުރިގޮތުން ބަޔާންއިން މި ވިޔަފާރި އަގު އެއްކޮށް އެއްފަހަރާ ދެއްކުމަށް އެދޭކަމަށް ދެކެވޭ ވާހަކަތައް ލަޕޯޓާވަނީ ދޮގުކޮށްފައެވެ. ލަޕޯޓާ ހާމަކުރިގޮތުގައި އެއީ އޭނާ ގަބޫލުކުރާ ވާހަކައެއް ނޫން ކަމަށެވެ.

ލެވަންޑޯސްކީ ވަނީ ވޭތުވެދިޔަ އަށް އަހަރުގެ ތެރޭގައި 252 މެޗް ކުޅެ 238 ލަނޑު ޖަހާދީފައެވެ. އަދި އޭނާވަނީ ބަޔާންއަށް ބުންޑަސްލީގާގެ ތަށި އަށް ފަހަރު އަދި ޗެމްޕިއަންސް ލީގުގެ ތަށި އެއް ފަހަރު ހޯދާދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.