ރިޕޯޓް

ތިނަދޫ ރައްޔިތުންގެ ކިބައިން ފެނިގެންދިޔައީ އެއްބައިވަންތަކަން!


ގދ. ތިނަދޫގެ އިންޖީނުގެ އަނދައި މުޅިރަށުން ކަރަންޓްގެ ޚިދުމަތް ކެނޑިގެން ދިޔުމާއެކުވެސް ތިނަދޫގެ ރައްޔިތުންގެ ފަރާތުން ފެނިގެންދިޔައީ ކެތްތެރިކަމާއި އެއްބައިވަންތަކަމެވެ. ކަރަންޓަށް ބަރޯސާވެގެން ހުރިހާކަމެއް ކަހަލަގޮތަކަށް ކުރަމުންއައި ރަށުގެ ރައްޔިތުން ދަތިތަކާއެކުވެސް ދައްކަކައިދިނީ ލާމަސީލު ނަމޫނާއެކެވެ.މިމަހުގެ 25 ވަނަ ދުވަހުގެ ރޭ ތިނަދޫ އިންޖީނުގޭގައި ރޯވެ ކަރަންޓުގެ ޚިދުމަތުން ރަށުގެ ހުރިހާ ރައްޔިތުން މަހްރޫމް ވެގެންދިޔައެވެ. މިކަމުގެ ސަބަބުން އެފަރާތްތަކަށް އުފުލަން ޖެހުނީ، ފަހަކަށް އައިސް އެފަރާތްތަކުން އުންމީދުވެސް ނުކުރާފަދަ ތަކުލީފުތަކެކެވެ. ކަރަންޓްގެ މައްސަލައަށް ހައްލު ހޯދުމައްޓަކައި، ސަރުކާރާއި، ރަށުގެ މުއައްސަސާތަކުން ގެންދެވީ ހުއްޓުމެއްނެތި މަސައްކަތްކުރަމުންނެވެ. މިމަސައްކަތްތައް ތިނަދޫގެ ރައްޔިތުން ބަލައިގަތީ ވަރަށް ކިޔަމަންތެރިކަމާއި މަޑުމައިތިރިކަމާއެކުކަން ފާހަގަކުރެވިގެންދިޔައެވެ. މިދުވަސްތަކުގައި އާންމުފަރާތްތަކުން އެކަކު އަނެކަކަށް ވަރަށް ބޮޑަށް އެހީތެރިވަމުންދިޔައެވެ. އެގޮތުން ރަށުގެ ބައެއް މުއައްސަސާތަކުން އެފަރާތަކަށް ވެދެވެންއޮތް އެހީތެރިކަމެއް އެކަން ބޭނުންވާ ފަރާތަކަށް ދެމުންދިޔައެވެ. އެގޮތުން ކައިރި ރަށްރަށުން ޖަނަރޭޓަރުތައް ގެނެސްގެން ގެއެއްގައި ކަރަންޓް ބޭނުން ކުރާނަމަ ކައިރި ގެތަކަށް ހަމަ އެ ޖަނަރޭޓަރުން ކަރަންޓް ފޯރުކޮށްދެމުންދިޔައެވެ.ބައެއް މީހުން އާއިލާގެ މެންބަރުންގެ ގެތަކާއި، ކަރަންޓް ކޮންމެވެސް ގޮތަކަށް ލިބުނު ބައެއް ގެތަކުގައި ނިދިކަން ފާހަގަކުރެވެއެވެ. އަދިހަމަ އެހެންމެ ރޭގަނޑުގެ ވަގުތުތަކުގައި ކައިރި ގެތަކުގެ އެންމެން އެއްވެ އެއްތަނެއްގައި ވަގުތު ހޭދަކޮށްފައިވެއެވެ. އެއްވެސް ފިކުރަކަށް ބެލުމެއްނެތި ހުރިހާ ވަގުތެއްގައިވެސް ކެތްތެރިކަން އިސްކުރި ތިނަދޫގެ ރައްޔިތުން މިކަންކަން ސިފަކުރަނީ އެއީ އެއްބައިވަންތަކަން އިތުރަށް އާލާވެގެންދިޔަ ކަމެއްގެ ގޮތުގައެވެ.ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް ތިނަދޫއަށް ގެންދެވުނު 2 ޖަނަރޭޓަރު ބޭލުމަށް ކުރެވުނު މަސައްކަތް ކުރިއަށްދިޔަ ވަގުތުތަކުގައިވެސް، ގިނަ އަދަދެއްގެ ބަޔަކު އެތަނަށްގޮސް މަސައްކަތުގައި ހަރަކާތްތެރިވި ފަރާތްތަކަށް ހިއްތްވަރު ދެމުންގެންދިޔައެވެ. މިގޮތުން ރަށުގެ އުތުރު އަވަށުގެ އަންހެންކަނބަލުން އިސްނަގައިގެން ބޭއްވި ހަރަކާތުގައިވެސް އެހެން އަވަށްތަކުގެ ކަނބަލުން ބައިވެރިވެ ޖަނަރޭޓަރު ބާލަން މަސައްކަތްކުރި ފަރާތްތަކަށް ހިއްވަރުދީ ހަދާފައިވެއެވެ.ކަރަންޓްގެ މަސައްސަލައައް ހައްލުހޯދުމުގައި، ރަށުކައުންސިލުގެ އިތުރުން ފެނަކަ ކޯޕަރޭޝަނާއި، ސިފައިންނާއި ފުލުންހުންނާއި، އެމް.ޓީ.ސީ.ސީ، ރޯޑްޑިވޮލޮޕްމެންޓް ކޯޕަރޭޝަން، ދިރާގު، އުރީދޫ، ދިވެހި ރެޑްކުރެސެންޓް، ސްކައުޓް، ގާލްގައިޑްސް އަދި ކެޑޭޓުންގެ ވެދީފައިވަނީ ފާހަގަކުރެވޭ އެހިތަކެކެވެ. މިކަންކަން ރަށުގެ ރައްޔިތުންވެސް ބަލައިގެންފައިވެއެވެ.