ޚަބަރު

އަންނަ ހަފްތާގައި ސީޕްލޭން ޓަރމިނަލްގެ ހުރިހާ އޮޕަރޭޝަންތައް އައު ޓަރމިނަލަށް


ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސީޕްލޭން އޮޕަރޭޝަންތައް އައު ސީޕްލޭން ޓަރމިނަލަށް މުޅިން ބަދަލުކުރެވިގެންދާނެކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލްއިން ހާމަކޮށްފިއެވެ. އައު ސީޕްލޭން ޓަރމިނަލްގެ ފައިނަލް ޓްރައިލްތައް އެމް.އޭ.ސީ.އެލުން މިހާރު ވަނީ ފަށާފައެވެ.

އެމް.އޭ.ސީ.އެލްއިން ވިދާޅުވީ، އައު ސީ ޕްލޭން ޓަރމިނަލްގައި މިހާތަނަށް 14 ޓްރައިލްއެއް ކުރިއަށް ގެންގޮސްފައިވާކަމަށެވެ. އަދި މިހާރު ފައިނަލް ޓްރައިލްތައް ފަށާ، މި ޓްރައިލްތައް 3 ދުވަހުގެ މުއްދަތައް ކުރިއަށްދާނެކަމަށެވެ. ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ސީޕްލޭން ޓަރމިނަލްގެ އޮޕަރޭޝަންތައް ފުރިހަމައަށް ފެށޭވަރަށް އައު ޓަރމިނަލް ތައްޔާރުވާނެކަމަށް އެމް.އޭ.ސީ.އެލްއިން ވިދާޅުވިއެވެ.

އައު ސީޕްލޭން ޓަރމިނަލް މަޝްރޫޢުއަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ އެއް ބިލިން ޑޮލަރުގެ މަޝްރޫޢުގައި ހިމަނައިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

އައު ސީޕްލޭން ޓަރމިނަލް ތަރައްޤީކުރުމުގެ މަޝްރޫޢުގައި ހިމެނެނީ 4 ފަންގިފިލާގެ ޓަރމިނަލް އިމަރާތާއި، އަދި ސީޕްލޭން ޑޮކެވެ. މި ޕްރޮޖެކްޓްގެ އެންމެ މުހިންމު ބޭނުމަކީ ޖާގަ ތަނަވަސް، ފަތުރުވެރިންނަށް ބޭނުން ކުރުން ފަސޭހަ މާޙައުލެއް ޤާއިމުކުރުމެވެ. އަދި ދުނިޔޭގެވެސް އެންމެ ބޮޑު ސީޕްލޭން ފްލީޓަށް ޚިދުމަތްދެވޭ އެކަށީގެންވާ ފެންވަރުގެ ޑޮކްއެއް އޮތުމެވެ.

އެމް.އޭ.ސީ.އެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އިބްރާޙިމް ތާހާ ވިދާޅުވީ، ޓަރމިނަލްގައި ޚިދުމަތްތައް ރަސްމީކޮށް ފަށައިގަތުމަށް މިހާރުވެސް ޓަރމިނަލް އޮތީ ތައްޔާރަށް ކަމަށެވެ. އަދި މިހާތަނަށް ކުރިއަށްގެންދިޔަ ޓްރައިލް ދަތުރުތައްވެސް ވަރަށް ކާމިޔާބުކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރުވެސް ގިނަ ޚިދުމަތްތައް މިކޮޅުން ދެނީ. އަންނަ ހަފްތާގައި މުޅިންހެން މިކޮޅަށް ޚިދުމަތްތައް ބަދަލުވާނެ. ހެނދުނުގެ ހުރިހާ އޮޕަރޭޝަންތައް މިހާރުވެސް މިތާނގައި ދެނީ. މެންދުރު ފަހުގެ ވަރަށް މަދު އޮޕަރޭޝަންތަކެއް ކުރީގެ ޓަރމިނަލްގައި ދެނީ." ތާހާ ވިދާޅުވިއެވެ.

އައު ޓަރމިނަލް ފަރުމާކޮށްފައިވަނީ ރިސޯޓްތަކުގެ ލޯންޖްތަކުގެ ޚިދުމަތްވެސް އެންމެ ފުރިހަމައަށް ދެވޭނެ ގޮތަށެވެ. އެގޮތުން މިވަގުތުވެސް އެމް.އޭ.ސީ.އެލްގެ ކޮމަން ލައުންޖާއި، ބިޒްނަސް ލައުންޖް އަދި އިތުރު 2 ރިސޯޓެއްގެ ލައުންޖުން ޚިދުމަތްވަނީ ފަށާފައެވެ. މި ޓަރމިނަލްގައި ޖުމްލަ 43 ލައުންޖް ހުންނާނެއެވެ. އަދި ޑިއުޓީ ފްރީ ވިޔަފާރިތައް ހުންނާނެއެވެ.

މި ޕްރޮޖެކްޓް ނިމިގެންދާއިރު، 102 ސީ ޕްލޭން ޑޮކް ކުރެވޭނެ ޖާގަ އޮންނާނެކަމަށް އެމް.އޭ.ސީ.އެލްއިން މަޢުލޫމާތުދެއެވެ. ތާހާ ވިދާޅުވީ، އެވަރެޖްކޮށް ދުވާލަކު 300 ސީ ޕްލޭން ދަތުރު ބާއްވާކަމަށެވެ. އަދި ޕީކް ސީޒަންގައި ސީ ޕްލޭންގެ 600 އޮޕަރޭޝަންވެސް ބާއްވާކަމަށް އޭނާ ވިދާޅުވިއެވެ. ތާހާ ވިދާޅުވީ، ގިނައިން ފަތުރުވެރިން އަންނަ ދުވަސްވަރު 6500 އެއްހާ ފަތުރުވެރިންނަށް ދުވާލަކު ޚިދުމަތް ދޭކަމަށެވެ.

އައު ސީޕްލޭން ޓަރމިނަލް އޮޕަރޭޝަނަށް ގެނައުމަށް އިތުރު 100 ސްޓާފުން ވަނީ ނަގާފައެވެ. މުޅި ޓަރމިނަލް އޮޕަރޭޝަނަށް އަންނައިރު 400 އެއްހާ މުވައްޒަފުން ޓަރމިނަލްގައި މަސައްކަތް ކުރާނެއެވެ.

މި ޕްރޮޖެކްޓް ވެގެންދާނީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ފުޅާކޮށް، ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަޤުބޫލުކަން އިތުރުވެގެންދާނެ މަސައްކަތަކަށެވެ.