ޔުއެފާ ވިމެންސް ޔޫރޯ 2022 ގެ ފުރަތަމަ މެޗު އިންގްލަންޑުން ކާމިޔާބުކޮށްފިއެވެ.
ބުދަ ދުވަހުގެރޭ ކުޅުނު މެޗު އިންގްލަންޑުން ކާމިޔާބުކުރީ އޮސްޓްރިއާއާ ދެކޮޅަށް ކުޅެ 1-0 ގެ ނަތީޖާއަކުންނެވެ.
މެންޗެސްޓާގެ އޯލްޑް ޓްރެފަޑުގައި ކުޅުނު މި މެޗްގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އިންގްލަންޑުންނެވެ. މި މެޗްގެ ހަމައެކަނި ލަނޑު މެޗްގެ 16 ވަނަ މިނެޓްގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ބެތު މީޑްއެވެ.
މިފަހަރުގެ މުބާރާތަކީ ވިމެންސް ޔޫރޯ މުބާރާތެއްގައި ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބޭނުންކުރެވޭ ފުރަތަމަ ފަހަރު ކަމަށްވިއިރު، މިމުބާރާތުގެ ފުރަތަމަ ލަނޑު އޮފްސައިޑުތޯ ބެލުމަށް ވީއޭއާރުގެ ބޭނުންވަނީ ކޮށްފައެވެ. މެޗުގެ ކުރީކޮޅު އިންގްލަންޑުން ލަނޑެއް ޖެހުމާއެކު އެ ޓީމުން ހަމަޖެހިލައި މެޗް ކޮންޓްރޯލްކުރި ނަމަވެސް، އެ ޓީމަށް އޮސްޓްރިއާ ކޮޅަށް އިތުރު ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ.
މި މެޗު ބަލާލުމަށް މީގެކުރިން އަންހެނުންގެ ޔޫރޯ މެޗެއް ބަލާލަން ނުވަންނަވަރަށް މީހުން ވަނީ ވަދެފައެވެ. އެގޮތުން މި މެޗް ބަލާލުމަށް 68،871 (ފަސްދޮޅަސް އަށްހާސް އަށްސަތޭކަ ހަތްދިހަ އެކެއް) ސަޕޯޓަރުން ވަނީ ދަނޑަށް ވަދެފައެވެ.