މެލޭޝިއާގައި މިހާރު ކުރިއަށްދާ ކުއަޑްރަންގިއުލާ ޓީ20 ސީރީސްގައި ރާއްޖޭން ކުޅުނު ތިންވަނަ މެޗުން ބަލިވެއްޖެއެވެ.
އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ރާއްޖޭން ކުޅުނު ތިންވަނަ މެޗުން ބަލިވީ މެލޭޝިއާ އަތުން އަށް ވިކެޓުންނެވެ.
ބުދަ ދުވަހުގެ ހެނދުނު ފެށި މި މެޗުގެ ޓޮސް ދިމާވުމުން މެލޭޝިއާ ނިންމީ ހޮވުމަށެވެ. އެއާއެކު ރާއްޖޭން އެންމެ ފުރަތަމަ ކުޅެން އަރައި، ފުރަތަމަ އޯވަރުގެ ތެރޭގައި ހަތް ލަނޑު އެއްކޮށްފައި ވަނިކޮށް، ވިއްސާރަ ބޯކޮށްލުމުން މެޗު މެދުކަނޑާލިއެވެ.
އޭގެ ފަހުން މެންދުރުފަހު އަލުން މެޗުގެ ކުޅުން ފަށައިގެން ކޮންމެ ޓީމެއް ކުޅުނީ 10 އޯވަރެވެ. ރާއްޖޭން 10 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ 58 ލަނޑެވެ. މި އިނިންގްސްގައި ރާއްޖޭން އެންމެ ރަނގަޅަށް ކުޅުނީ 12 ބޯޅައިން 20 ލަނޑު ހެދި ހަސަން ހާޒިގް ރަޝީދާއި 13 ބޯޅައިން 10 ލަނޑު ހެދި އަބްދުﷲ ޝާހިދެވެ.
ޖަވާބުގައި މެލޭޝިއާ ކުޅެން އަރައި 4.2 އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން ވަނީ 59 ލަނޑު ހަދައި، މެޗު ކާމިޔާބުކޮށްފައެވެ.
މި މެޗުން ރާއްޖެ ބަލިވި ނަމަވެސް، މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ރާއްޖެ ވަނީ ހަތް ވިކެޓުން ތައިލެންޑް ބަލިކޮށްފައެވެ. އެކަމަކު ދެވަނަ މެޗުން ވަނީ ބޫޓާން އަތުން ހަ ލަނޑުން ބަލިވެފައެވެ.
މި މުބާރާތް ކުރިއަށްދަނީ ކޮންމެ ގައުމެއް ކޮންމެ ގައުމަކާ ދެ ފަހަރު ބައްދަލުކޮށް، އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމު ފައިނަލުގައި ވާދަކުރާ ގޮތަށެވެ. މުބާރާތުގައި ބުރާސްފަތި ދުވަހުގެ ހެނދުނު ރާއްޖެ ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ.
މި މުބާރާތަށް ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމުން ވަނީ ކެޕްޓަނަކަށް ޔޫސުފް އަޒްޔާން ފަރުހަތު ހަމަޖައްސާފައެވެ. އަދި ވައިސް ކެޕްޓަނުގެ މަގާމަށް ހަމަޖައްސާފައިވަނީ އާދަމް ނާސިފް އުމަރު (އާދަޅޭ) އެވެ.
މެލޭޝިއާ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން، ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމުން ވަނީ ސްރީ ލަންކާގައި ތަމްރީނު ޓުއާއެއް ފުރިހަމަކޮށްފައެވެ. އެ ޓުއާގައި ޖުމްލަ ހަތް މެޗެއް ކުޅުނުއިރު، ފަސް މެޗުން ރާއްޖެ ވަނީ މޮޅުވެފައެވެ.