ޚަބަރު

ހިންނަވަރުގައި 100 ހައުސިން ޔުނިޓް އަޅަން ހަވާލުކޮށްފި


ޅ.ހިންނަވަރުގައި 100 ހައުސިން ޔުނިޓް އެޅުމަށް ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައެވެ.

މި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީން ސޮއިކުރެއްވީ ހައުސިން ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނަރަލް އަޙްމަދު ވިޝާން ނަޞީމްއެވެ. އދި ދޮންބޭޒް ޕްރައިވެޓް ލިމިޓެޑުން ސޮއިކުރެއްވީ އެ ކުންފުނީގެ ހެޑް އޮފް އޮޕަރޭޝަންސް އަލީ ހަމްދޫންއެވެ.

މި މަޝްރޫޢުގެ ދަށުން 700 އަކަފޫޓްގެ ދެ ބުރީގެ 50 ރޯ ހައުސްއާއާއި، 1000 އަކަފޫޓްގެ އެއްބުރީގެ 50 ހައުސިން ޔުނިޓް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ކޮންމެ ހައުސިން ޔުނިޓެއްގައި 3 ކޮޓަރިއާއި 3 ފާޚާނާއާއި ސިޓީން ރޫމެއް ހިމެނެއެވެ. އަދި ބަދިގެއާއި ކާގެއާއި ލޯންޑަރީގެ އިތުރުން ސްޓޯ ރޫމެއްވެސް ހުންނާނެކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއެވެ.

އިމާރާތުގެ ވަށާފާރާއި ހައުސިން ޔުނިޓްތަކުގައި ދިރިއުޅޭ ފަރާތްތައް ހިތްފަސޭހަ މާހައުލެއް ޤާއިމް ކުރުމަށްޓަކައި ހައުސިން ޔުންޓްތައް ވަށައިގެން އަލި ކުރެވޭނެއެވެ. އަދި ހިތްފަސޭހަ މައިޒާނަކާއި ވެހިކަލް ޕާކް ކުރާނެ ސަރަޙައްދެއް މި އެއްބަސްވުމުގެ ދަށުން ޤާއިމްކުރާނެއެވެ.

މިއަހަރުގެ ދަޢުލަތުގެ ބަޖެޓުގެ ޕީއެސްއައިޕީގައި ހިމެނޭ މި މަޝްރޫއަށް 83 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވެއެވެ. މި މަސައްކަތް ކުރުމަށް އެކުންފުންޏާ ހަވާލުކޮށްފައިވަނީ 1 އަހަރުދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

ޅ.ހިންނަވަރަކީ 22 ހެކްޓަރުގެ ރަށެކެވެ. އެރަށުގެ އާބާދީ 5000އާ ގާތްކުރެއެވެ. ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީވެސް ބޯހިޔާވަހިކަމުގެ މައްސަލައެވެ. އެރަށުގައި އަމިއްލަ ވަޒަނުގައި ކުއްޔަށް އުޅޭ އާއިލާތައްވެސް ދިރިއުޅެއެވެ.

ހިންނަވަރުގެ ބިމުގެ ދަތިކަން ޙައްލުކުރުމަށް އެރަށުން 2009ވަނަ އަހަރު 54 ހެކްޓަރުގެ ބިންވެސް ހިއްކިއެވެ. ނަމަވެސް މިހާތަނަށްވެސް ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫޢުއެއް ކުރިއަށް ގެންގޮސްފައެއް ނެތެވެ.