ޚަބަރު

ޕީއެސްއެމް ޢީދު ކަވަރޭޖް މިފަހަރު 6 ރަށަކުން


ޕީއެސްއެމްގެ އީދު ކަވަރޭޖް މިއަހަރު 6 ރަށަކުން ގެނެސްދިނުމަށް ހަމަޖެހިއްޖެއެވެ.

"ޢީދު ކަވަރޭޖް ގެނެސްދިނުން 1443"ގެ މީޑީއާ ޕަރޓްނަރެއްގެ ގޮތުން 6 ރަށެއްގެ ކައުންސިލާއި ޕީއެސްއެމްއާއި ދެމެދު ވަނީ ސޮއިކޮށްފައެވެ.

ޕީއެސްއެމްއިން މިއަހަރު ޢީދު ކަވަރޭޖް ގެނެސްދޭ ރަށްތަކަކީ ނ.ވެލިދޫ، އއ.ތޮއްޑޫ، އއ.ރަސްދޫ، އދ.ދަނގެތީ، ކ.މާފުށީ އަދި އައްޑޫ ސިޓީއެވެ. މި ރަށްރަށުގެ ކައުންސިލްތަކާއި ޖަމިއްޔާތަކާއެކު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. ޕީއެސްއެމްގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަލީ ޚާލިދުއެވެ.

ސ.މީދޫ ޑައިނަމިކް ކޮމިއުނިޓީގެ ފަރާތުން ސޮއިކުރެއްވީ މީޑިއާ ކޮމިއުނިކޭޝަންސް ހައްވާ މުޙައްމަދުއެވެ. ދަނގެތީގެ ޒުވާނުންގެ ކްލަބްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މާލޭ ގޮފީގެ ރައީސް އިސްލާހް ޔޫސުފް، މާފުށީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ހަސަން ސަލާޙު، ރަސްދޫގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލް ރައީސް މުޙައްމަދު ނާހިދު، ތޮއްޑޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލް ރައީސް އަޙުމަދު ކަރަމް އަދި ނ.ވެލިދޫގެ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އިބްރާޙިމް އަދީލްއެވެ.

ޕީއެސްއެމްއާއިއެކު އެއްބަސްވުން ހަދާފައިވަނީ، އެ ރަށްރަށުގައި ޢީދުގައި ކުރިއަށްގެންދާ ހަރަކާތްތައް އިޝްތިހާރު ކުރުމާއި ކަވަރޭޖް ގެނެސްދިނުމާއި އަދި ޝޯޝަލް މީޑިއާގެ ޒަރިއްޔާއިން ގެނެސްދިނުމެވެ.

މިއަހަރުވެސް މި ރަށްތަކުގައި ޢީދު ކުލަގަދަކޮށް ފާހަގަކުރުމަށްވަނީ ނިންމާފައެވެ. އެގޮތުން ކުޅިވަރު މުބާރާތްތަކާއި، ޢީދު ދުވަހު ބޮޑު ޖަމާޢަތުގައި ނަމާދުކުރުމާއި، ފެނާއި ކުލަޖެހުމުގެ ހަރަކާތްތަކާއި ޢީދު ޝޯވ ހިމެނެއެވެ. އަދި މީގެތެރެއިން ބައެއް ރަށްތަކުގައި ހަވާ އެރުވުންވެސް އޮންނާނެއެވެ.

ޕީއެސްއެމްއިން ކޮންމެ އަހަރަކުވެސް ދަނީ މާލެއާއި އަދި އަތޮޅުތަކުގައި ކުރިއަށްގެންދާ ޢީދުގެ ހަރަކާތްތަކުގެ ކަވަރޭޖް އެންމެ ފުރިހަމައަށް ގެނެސްދެމުންނެވެ. އެގޮތުން މިފަދަ ހަރަކާތްތައް އޮންލައިން އަދި ޓީވީ ޚަބަރާއި، ޢީދު ކޮންޓިނުއިޓީ ޝޯވ ތަކުގެ ޒަރިއްޔާއިން ދަނީ ގެނެސްދެމުންނެވެ.