ޚަބަރު

ކުންފުނިތަކުގެ ހިޔާ ޓަވަރުތަކުން ސަރުކާރަށް ފްލެޓް ނުނަގާނެ


ހިޔާ މަޝްރޫޢުގައި ކުންފުނިތަކުން ހަދާ ފްލެޓްތަކުން އާއްމުކޮށް ހުޅުވާލައިގެން ވަކި އަދަދެއްގެ ފްލެޓް ވިއްކުމަށް ކުރިން ނިންމި ނަމަވެސް، މިހާރު ސަރުކާރުގެ އެވިސްނުން ނެތްކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ވިދާޅުވެއްޖެއެވެ. ކުންފުނިތަކުގެ ފްލެޓް މަޝްރޫޢު ކުރިއަށްގެންދިއުމަށް ފުރަތަމަ ނިންމީ، ސަރުކާރުން ވަކި އަދަދަކަށް ފްލެޓްތައް ނަގާ ގޮތަށެވެ.

ހިޔާ މަޝްރޫޢު ފެށީ ކުންފުނިތަކަށް ޢަމާޒުކޮށްގެން 36 ޓަވަރު އެޅުމުގެ ޕްލޭނާއެކުއެވެ. ނަމަވެސް މި މަސައްކަތް ހުއްޓާނުލާ ކުރިއަށްގެންދިޔައީ 4 ކުންފުނިންނެވެ. އެއީ އެމްއޭސީއެލްގެ އިތުރުން ސްޓެލްކޯ، އެމްޕީއެލް އަދި އެމްޑަބްލިއުއެސްސީއިންނެވެެ.
މި ހުރިހާ ޓަރަވަރުތައްވެސް ނިންމާ މިއަހަރުގެ ތެރޭގައި ހަވާލުކުރާނެކަމަށް އެ ކުންފުނިތަކުން މަޢުލޫމާތުދެއެވެ. ހުރިހާ ޓަވަރެއްގައިވެސް މިހާރު ކުރަމުންދަނީ ޔުޓިލިޓީ ވިއުގަތައް އެޅުމާއި، ފިނިޝިން މަސައްކަތެވެ. އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ

ސުޙައިލް އަޙުމަދު ޕީއެސްއެމްއަށް ވިދާޅުވީ، މިހާރު ނިންމާފައިވާ ގޮތުން ކުންފުނިތަކުގެ ޓަވަރުތަކުން ސަރުކާރަށް އެއްވެސް ފްލެޓެއް ނުނަގާނެއެވެ. ކުންފުނިތަކުގެ ފްލެޓުން އޭރުގެ ސަރުކާރުން ނަގަން ނިންމީ 1 ކޮޓަރީގެ އެޕާޓްމަންޓްތަކެވެެ. ނަމަވެސް އިޖުތިމާއީ ބޯހިޔާވަހިކަމަށް 1 ކޮޓަރީގެ އެޕާޓްމަންޓަކީ އެކަށީގެންވާ ޖާގައަށް ނުވާތީ، އެއެޕާޓްމަންޓްތައް ނުނަގަން ސަރުކާރުން ނިންމާފައިވާ ކަމަށް ސުހައިލް ވިދާޅުވިއެވެ.

މިއާ ގުޅިގެން ކުންފުނިތަކުން ވަނީ ސަރުކާރަށް ނަގަން ބުނި ފްލެޓްތައްވެސް ކުންފުނީގެ މުވައްޒަފުންނަށް ހުޅުވާލާފައެވެ. ކުންފުނިތަކުން ފުރަތަމަ ފްލެޓްތަކަށް މީހުން ހޮވީ ވަކި އަދަދެއްގެ ފްލެޓް ކުންފުންޏަށް ކަނޑައަޅައިގެންނެވެ.

ޓަވަރުގެ މަސައްކަތްތައް އެންމެ ބާރަށް ކުރިއަށްދާ އެއް ކުންފުންޏަކީ ސްޓެލްކޯއެވެ. މި ޕްރޮޖެކްޓްގެދަށުން ސްޓެލްކޯއިން 2 ޓަވަރު އިމާރާތްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެއީ ޖުމްލަ 360 ފްލެޓެވެ. މީގެތެރޭގައި 2 ބާވަތެއްގެ އެޕާޓްމަންޓް ހިމެނެއެވެ. އެއީ 1 ކޮޓަރީގެ 72 އެޕާޓްމަންޓާއި، އަދި 2 ކޮޓަރި، ޕްލަސް މެއިޑް ރޫމް ހިމެނޭ 288 އެޕާޓްމަންޓެވެ.

ސްޓެލްކޯއިންވެސް މިވަނީ އެ ކުންފުނީގެ ނުވިކި ހުރި ފްލެޓްތައް ގަތުމަށް ހުޅުވާލާފައެވެ. އެގޮތުން ދެ ކޮޓަރިއާއި މެއިޑް ރޫމް ހިމެނޭ 16 ފްލެޓް އަދި 1 ކޮޓަރީގެ 16 ފްލެޓަށް ކުރިމަތިލުމަށް ވަނީ ހުޅުވާލާފައެވެ. މި ފްލެޓްތަކަށް ސްޓެލްކޯގެ ދަށުން މަސައްކަތް ކުރާ ކޮންމެ މީހަކަށްވެސް ފޯމް ހުށައެޅޭނެއެވެ. ސްޓެލްކޯއަކީ 1000އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުންދާ ކުންފުންޏެކެވެ.