ޚަބަރު

ބަންދު ދުވަސްތަކުގައި ކޯވިޑް ވެކްސިން ކާޑް ނުހެދޭނެ


ކޯވިޑް ވެކްސިން ކާޑް ބޭނުންވާ މީހުން، ހަފްތާ ބަންދުގެ ކުރިން ވެކްސިން ކާޑް ހެއްދުމަށް އެޗްޕީއޭއިން އަންގައިފިއެވެ. މިދުވަސްވަރަކީ ސްކޫލް ޗުއްޓީ ދުވަސްވަރާއި ޢީދު ބަންދަށްވުމުން ގިނަ ބަޔަކު ރާއްޖެއިން ބޭރަށް ދަތުރުކުރަމުންދާ ދުވަސްވަރެކެވެ.
މިހާރުވެސް ގިނަ ޤައުމުތަކަށް ދަތުރުކުރުމުގައި ވެކްސިން ކާޑް ބޭނުންވެއެވެ.

އެޗްޕީއޭއިން ނެރުނު އިޢުލާނުގައިވަނީ އަންނަ ހަފްތާއަކީ ރަސްމީ ބަންދު ހަފްތާއަކަށްވުމުން ވެކްސިން ސެޓްފިކެޓް ދޫކުރުން މިމަހު 8އިން 16އަށް ބަންދުވާނެކަމަށެވެ. އެހެންކަމުން މި ބަންދުގައި ދަތުރުކުރު ކުރުމުގެ ކުރިން ވެކްސިން ކާޑާއި ސެޓްފިކެޓް ބޭނުންވާ މީހުން މާދަމާ މެންދުރު 12ގެ ކުރިން އެކަމަށް އެދި އެޗްޕީއޭއަށް އީމެއިލް ކުރުމަށްވަނީ އަންގާފައެވެ. ކާޑު ހޯދުމަށް އީމެއިލް ކުރާނީ [email protected] އަށެވެ.

އާއްމުންނަށް ފަސޭހަކުރުމަށް އެޗްޕީއޭއިންވަނީ ޕޯޓަލް މެދުވެރިކޮށް ޑިޖިޓަލް ވެކްސިން ކާޑު ލިބޭނެ ގޮތްވެސް ހަމަޖައްސާފައެވެ. އެޗްޕީއޭގެ "ކޯވިޑް ސޭފް" ޕޯޓަލުން ޑިޖިޓަލް ވެކްސިން ކާޑު ލިބޭނެއެވެ. ޕޯޓަލްގައި ހުރި މަޢުލޫމާތު ބަލާ، ރަނގަޅު ކުރަންޖެހޭ މަޢުލޫމާތެއް ހުރިނަމަ، އެކަންވެސް ދަތުރަށް ދިއުމުގެ ކުރިން އަޕްޑޭޓް ކުރުމަށް ވަނީ އެދިފައެވެ.

ވެކްސިން ޖަހަން ފަށާފައިވަނީ ކޯވިޑުން ރައްކާތެރިވުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ. އެގޮތުން ރާއްޖޭގައި ވެކްސިން ޖަހަން ފެށީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ. ވެކްސިން ފުރިހަމަވަނީ ވެކްސިންގެ ދެ ޑޯޒް ޖެހުމުންނެވެ. އަދި ރާއްޖޭގައި ދަނީ ވެކްސިންގެ 3 ވަނަ ޑޯޒް، ބޫސްޓަރ ޑޯޒްވެސް ޖަހަމުންނެވެ.

މިހާތަނަށް ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީގެ %85 ވަނީ ވެކްސިން ފުރިހަމަކޮށްފައެވެ. އެއީ 384000އަށްވުރެ ގިނަ މީހުންނެވެ.