ޚަބަރު

އަމީރުލް ޙައްޖު، ދިވެހި ޙައްޖުވެރިންނާއި ބައްދަލުކުރައްވާ ޙާލު ބައްލަވައިފި


އަމީރުލް ޙައްޖު މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ޢަލީ ދިވެހި ޙައްޖުވެރިން ތިބޭ ހޮޓަލަށް ވަޑައިގެން ދިވެހި ޙައްޖުވެރިންނާއި ބައްދަލުކުރައްވާ ޙާލު ބައްލަވައިފިއެވެ.

ރާއްޖެއިން މިއަހަރު ހައްޖަށްދިޔަ ހުރިހާ ޙައްޖާޖީންގެ ޙާލުވެސް ރަނގަޅު ކަމަށް ރާއްޖޭގެ ޙައްޖު މިޝަނުން މަޢުލޫމާތު ދެއްވައެވެ.
1443 ވަނަ އަހަރުގެ ޙައްޖު ދުވަހަކީ މި އަންނަ ހުކުރު ދުވަހަށްވާއިރު، ޙައްޖުވެރިން މިނާއަށް ދިއުމަށްޓަކައި ބުރާސްފަތި ދުވަހު ދަތުރު ފަށާނެއެވެ.

ރާއްޖެއިން މި އަހަރު ޙައްޖަށް ގޮސްފައިވަނީ 453 މީހުންނެވެ. ޙައްޖުވެރިންނަށް ޙައްޖުގެ އަޅުކަން ފަސޭހައިން އަދާކުރެވޭނެ އިންތިޒާމްތައް ސަރުކާރުން އަންނަނީ ހަމަޖައްސައިދެއްވަމުންނެވެ. ޚާޢްސަގޮތެއްގައި ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ، ދިވެހި ހައްޖުވެރިންގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމުގެ އިންތިޒާމްތައް ވަރަށް ގާތުން ބައްލަވާ އޮޅުން ފިލުއްވަމުންނެވެ. އަދި ރާއްޖެއިން ފުރުމުގެ އިންތިޒާމްތަކުގެ އިތުރުން ސަޢުދީގައި ހަމަޖައްސާފައިވާ އިންތިޒާމްތައްވެސް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ބައްލަވަމުންނެވެ.

މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހްއާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުވެސް ބައިވެރިވެވަޑައިގަންނަވައެވެ.