ޚަބަރު

ތިނަދޫއަށް އިތުރު ޖަނަރޭޓަރެއް ފޮނުއްވުމަށް ރައީސް ނިންމަވައިފި


ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގދ. ތިނަދޫއަށް އެހީވުމުގެ ގޮތުން އެއް މެގަވޯޓުގެ ޖަނަރޭޓަރެއް ހަދިޔާކުރެއްވުމަށް ނިންމަވައިފިއެވެ.ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިގޮތަށް ނިންމެވީ ތިނަދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ކަރަންޓުގެ ދަތިކަމަށް ވީހާވެސް އަވަސް ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުންނެވެ.ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނިމާލް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ތިނަދޫއަށް ފޮނުއްވުމަށް ނިންމެވި ޖަނަރޭޓަރ މާދަމާ އެރަށަށް ފުރުވާލެވިއްޖެނަމަ، އާދީއްތަ ނުވަތަ ހޯމަ ދުވަހު އެރަށަށް ގެންދެވި މުޅި ތިނަދޫއަށް ކުރިއެކޭ އެއްގޮތަށް ކަރަންޓުގެ ޚިދުމަތް ދޭން ފެށޭނެކަމަށެވެ. ތިނަދޫއަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެއްވުމަށް ފެނަކަ ކޯޕަރޭޝަނުން ކުރައްވަމުންގެންދަވާ މަސައްކަތުގެ ދަށުން މިހާރުވެސް ވަނީ މާލެއިން ދެ ޖަނަރޭޓަރު އެރަށަށް ގެންދިއުމަށް ފުރުވާލެވިފައެވެ. ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ނިމާލް ވިދާޅުވީ މި ޖަނަރޭޓަރުތަކާއި އަދި ރައީސުލްޖުމްހޫރިއްޔާ އެރަށަށް ފޮނުއްވުމަށް ނިންމެވި ޖަނަރޭޓަރުން ސައުވީސް ގަޑިއިރަށް ތިނަދޫއަށް ކަރަންޓް ފޯރުކޮށްދެވޭވަރު ވާނެކަމަށެވެ.