ޚަބަރު

7 އަހަރުގެ ތެރޭގައި 1000 އަށްވުރެ ގިނަ މުދައްރިސުން ދާއިރާ ދޫކޮށްލި


ވޭތުވެދިޔަ 7 އަހަރުދުވަހުގެ ތެރޭގައި އެކި ސަބަބުތަކާ ހުރެ 1000 އަށްވުރެ ގިނަ މުދައްރިސުން ތަޢުލީމީ ދާއިރާ ދޫކޮށް ގޮސްފައިވާކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

މިކަން ހާމަވެފައި ވަނީ ތަޢުލީމީ ދާއިރާއަށް ފެންވަރު ރަނގަޅު ޓީޗަރުން ލިބުން ދަތިވާ ސަބަބުތައް ދެނެގަތުމަށްޓަކައި އުފެއްދެވި ރިސަރޗް ގްރޫޕުން އެކުލަވާލެއްވި "އެދުރުންގެ ފަންނު:ގޮންޖެހުންތަކާއި ހުށަހެޅުންތައް" ރިޕޯޓުގައެވެ.

އެދުރުންގެ ފަންނު:ގޮންޖެހުންތަކާއި ހުށަހެޅުންތައް"މި ދިރާސާއިން ހޯދުނު ކަންތައްތައް މައިގަނޑު 8 ތީމްގެ ދަށުން މުދައްރިސުން ތަޢުލީމީ ދާއިރާއަށް ޝައުގުވެރިކަން ކުޑަވާ މައިގަނޑު 4 ސަބަބު ދިރާސާއިން ވަނީ ހޯދާފައެވެ. މިގޮތުން މި ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން 95 އިންސައްތަ މީހުން ޤަބޫލުކުރަނީ މުދައްރިސުން ވަކިވެގެންދަނީ މުސާރަ އާއި އިނާޔަތްތައް ނިސްބަތުން ކުޑަވުމުގެ ސަބަބުންނެވެ. އަދި ވޯކްލޯޑް ބޮޑުވުމާއި މަސައްކަތުގައި ހޭދަކުރަންޖެހޭ ވަގުތު ގިނަވުމެވެ.

ޙައްޤުތައް ކަށަވަރު ނުވުމާއި ހައްޤުތަކަށް ރައްކާތެރިނުވުން 48 އިންސައްތަ މީހުން ޤަބޫލުކުރާއިރު ބޭނުންވާ ވަޞީލަތްތައް އެކަށީގެންވާ ވަރަށް ނެތުމުން ވަޒީފާއިން ވަކިވެގެންދާކަމަށް 32 އިންސައްތަ މީހުން ޤަބޫލުކުރެއެވެ.

މި ދިރާސާގައި ބައިވެރިވި 1000 އަށް ވުރެ ގިނަ މުދައްރިސުންނަކީ ކިޔަވައިދިނުމަށް ޝަޢުގުވެރިކަން ހުރެގެން އެންމެ ފުރަތަމަ ކުރިމަތިލާފައިވާ މީހުންނެވެ. ނަމަވެސް މުދައްރިސްކަމުގައި އެވްރޭޖްކޮށް ދިވެހި ނަސްލުގެ މުދައްރިސުން 14 ވަރަކަށް އަހަރު ހޭދަކުރާއިރު ޝައުގުވެރިކަން ހުންނަ މުދައްރިސުންގެ ނިސްބަތް އެވްރެޖްކޮށް ހުރީ 74 އިންސައްތައިގައެވެ. ކިޔަވައިދިނުމުގެ ފަންނުގައި ދެމިހުރުމަށް ޝައުގުވެރިވާ ސަބަބުތަކުގެ ތެރޭގައި ކުދިންދެކެ ލޯބިވުން، ރަނގަޅު ޖީލެއް ބިނާކުރުން، ކިޔަވައިިދިނުމަށް އަމިއްލަ ނަފްސަށް ލިބޭ ހިތްހަމަޖެހުން ހިމެނެއެވެ.

މި ދިރާސާގައި ބުނާގޮތުން ވޭތުވެދިޔަ 7 އަހަރުދުވަހުގެ ތެރޭގައި އެކި ސަބަބުތަކާ ހުރެ 18 ޑެޕިއުޓީ ޕްރިންސްޕަލުންނާއި 46 ޕްރިންސްޕަލުން ވަޒީފާއިން ވަނީ ވަކިވެފައެވެ. އަދި މި މުއްދަތުގައި ސަރުކާރުގެ ސްކޫލްތަކުން 1197 މުދައްރިސުން ވަޒީފާއިން ވަނީ ވަކިވެފައެވެ. މީގެ ތެރެއިން 1100 މީހުންނަކީ "ޓީޗަރ" ގިންތީގައި ތިބި މީހުންނެވެ. އަދި 79 މީހުންނަކީ "ސީނިއަރ ޓީޗަރުން"ގެ ގޮތުގައި ތިބި މީހުންނެވެ. އެންމެ ގިނައިން މުދައްރިސުން ވަކިވެފައިވަނީ 2016 ވަނަ އަހަރުގެ ތެރޭގައެވެ.

ރާއްޖޭގެ ބައެއް ސްކޫލްތަކުގައި ދަރިވަރުންގެ އަދަދު މަދުނަމަވެސް ގިނަ ސްކޫލްތަކުގައި ސާނަވީ ފެންވަރުގައި ވަކިވަކި މާއްދާތަކަށް ޚާއްސަ މުދައްރިސުން ކިޔަވައިދިނުމަށް އެބަތިއްބެވެ. މިގޮތުން އެވްރެޖްކޮށް ކޮންމެ 9 ދަރިވަރަކަށް މުސައްރިސެއް ހުރެއެވެ. އަދި އާބާދީ މަދު ރަށްރަށުގެ ސްކޫލްތަކުގައި މި ނިސްބަތް 4 އަށްވުރެ ދަށްކަމަށް މި ދިރާސާއިން ދައްކައެވެ. މީގެ އިތުރުން އާބާދީ ގިނަ ސްކޫލްތަކުގައި މުދައްރިސަކަށް 12 ނުވަތަ 13 ދަރިވަރުން ޖެހެއެވެ. މި ސަބަބާހުރެ ދިވެހި ސިވިލް ސަރވިސްގެ 50 އިންސައްތައަށް ވުރެ މަތީ ނިސްބަތެއް ހިއްސާކުރަނީ ތަޢުލީމީ ދާއިރާގެ މުވައްޒަފުންނެވެ. އަދި ގިނައީވެސް ފަންނީ މުވައްޒަފުންކަން މި ދިރާސާގައި ފާހަގަކޮށްފައިވެއެވެ.

ފަންނީ މުވައްޒަފުން ގިނަވުމުގެ ސަބަބުން ތަޢުލީމީ ދާއިރާއަށް ބޭނުންވާ ރަނގަޅު މުދައްރިސުން ނުލިބުމާއި ކިޔަވައިދިނުމުގެ ޝައުގުވެރިކަން ދަށްވުމާއި ކުދިންނަށްދެވޭ ތަޢުލީމްގެ ފެންވަރު ދަށްވުންފަދަ ނޭދެވޭ ކަންކަން ދިމާވާކަމަށް ދިރާސާގައި ބުނެފައިވެއެވެ.

2021 ވަނަ އަހަރު ނިމުނުއިރު ސަރުކާރު 214 ސްކޫލެއްގައި ތިބި މުދައްރިސުންގެ ތެރެއިން 79.2 އިންސައްތަ މުދައްރިސުންނަކީ ދިވެހި މުދައްރިސުންކަން ފާހަގަކޮށްފައިވެއެވެ. އެއީ 6،490 މުދައްރިސުންނެވެ. އަދި ބިދޭސީ މުދައްރިސުންގެ ގޮތުގައި 1،708 މުދައްރިސުން ތިއްބެވެ. އެއީ 20.8 އިންސައްތަ މުދައްރިސުންނެވެ. މީގެ ތެރެއިން 81.1 އިންސައްތަ މުދައްރިސުންނަކީ އަންހެނުންނެވެ. މި ރިޕޯޓުގައިވާގޮތުން ދިވެހި މުދައްރިސުންގެ ތެރެއިންވެސް ތަމްރީން ލިބިފައިނުވާ މުދައްރިސުން ގިނައެވެ.