ޚަބަރު

ތިނަދޫގެ ހުރިހާ ވިޔަފާރިއަކަށްވެސް ގެއްލުން !


ތިނަދޫއަކީ ގދ. އަތޮޅާ ގއ. އަތޮޅުގެވެސް ގިނަ ރަށްތަކުގެ ވިޔަފާރިވެރިން ހޯލްސޭލްކޮށް މުދާ ގަންނަރަށެވެ. ތިނަދޫގެ ބޮޑެތި ވިޔަފާރިތައް ހިންގާ ފަރާތްތަކުން ބުނާގޮތުގައި ހޯލްސޭލްކޮށް މުދާ ވިއްކައިގެން ބޮޑު ފައިދާއެއް ލިބެމުންދެއެވެ. ދުވާލެއްގެ މައްޗަށް ހޯލްސޭލް މުދާ ވިއްކައިގެން ލައްކައެއްހާ ރުފިޔާ ލިބޭ ވިޔަފާރިތައް ހުރިއިރު، ކަރަންޓު ކެނޑުމުގެ ސަބަބުން ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑަށް، އެވިޔަފާރިތަކުން ލިބެމުންދިޔަ ނަފާ ދަށްވެފައިވާކަމަށް ވިޔަފާރިވެރިން ފާހަގަކުރެއެވެ. އެގޮތުން ދުވާލެއްގެ މައްޗަށް ދެހާސް ރުފިޔާ ނުލިބޭ ހޯލްސޭލް ވިޔަފާރިތައްވެސް ހުރިކަން ފާހަގަކޮށްލަންޖެހެއެވެ. އަތޮޅުތަކުން މުދާ ގަންނަ މިހާރު ނާންނަކަން ވިޔަފާރިވެރިންފާހަގަކުރާއިރު، ހޯލްސޭލްކޮށް މުދާވިއްކުމުގައި ހުރި އެންމެ ބޮޑު ގޮންޖެހުމަކީ ހޯލްސޭލް މުދަލުގައި އަގު ޖަހާފައިނެތުމުގެ ސަބަބުން އެ މުދާ ވިއްކުމުގައި ހުރި ދަތިކަންކަމަށް ގިނަވިޔަފާރިވެރިން ބުންޏެވެ.ކަރަންޓު ނެތުމުގެ ސަބަބުން ބައެއް ފިހާރަތައް ރޭގަނޑު ބަންދުކޮށްފައިވާއިރު، އުއްބަތިއާއި ފުޅި ބައްތި ދިއްލައިގެން ބައެއް ފިހާރަތައް ހުޅުވާފައިވެއެވެ. އާންމު މުދާ ވިއްކާ ފަރާތްތަކުން ބުނީ، ކަރަންޓު ނެތުމުގެ ސަބަބުން ފިނިކޮށްގެން ވިއްކާ ބައެއް މުދާކަމަށްވާ ކުކުޅާއި، ތަރުކާރިއާއި މޭވާގެ ބާވަތްތައް ހަލާކުވެފައިވާކަމަށެވެ. ނަމަވެސް ބައެއް ވިޔަފާރިވެރިން އެތަކެތި ގާތްތިމާގެ މީހުންނަށާއި އަވަށްޓެރިންނަށް ބެހިކަން ފާހަގަކުރިއެވެ. ކުދި ވިޔަފާރިވެރިން ބުނާގޮތުގައި ކަރަންޓު ހުރި ދުވަސްވަރަށް ވުރެ މިހާރު އެފަރާތްތަކުގެ ވިޔަފާރިތަކަށް ދަނީ އެތަށް ގުނައަކުން ގެއްލުންވަމުންނެވެ. ދުވާލު ގަޑީގައި ވިޔަފާރިކުރަން އަންނަ މީހުން އިންތިހާއަށް މަދުވެފައިވާއިރު ބައެއް ފިހާރަތަކުން ވަނީ ފިނިކޮށްގެން ވިއްކަން ޖެހޭ މުދާ ވިއްކުން އެއްކޮށް ހުއްޓަލާފައެވެ. ބައެއް ވިޔަފާރިވެރިން އައިސް ގަނެގެން ބައެއް ތަކެތި ފިނިކޮށްގެން ވިއްކަމުންދާކަންވެސް ފެނެއެވެ.ދިރިއުޅުން އެއްކޮށް ވިޔަފާރިތަކަށް ބިނާވެފައިވާ ރައްޔިތުން މިވަގުތު ތިބީ ވީ އެންމެ އަވަހަކަށް ކަރަންޓް ލިބި އެފަރާތްތަކުގެ ވިޔަފާރި ރަނގަޅުވާނެ އިރެއްގެ އިންތިޒާރުގައެވެ.