ކުޅިވަރު

16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕުގެ ޗެމްޕިއަންކަން ވެލެންސިއާއަށް


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބޭއްވި 16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކުލަބު ވެލެންސިއާއިން ހޯދައިފިއެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ވެލެންސިއާއިން ހޯދީ އާދީއްތަ ދުވަހުގެރޭ ކުޅުނު ފައިނަލް މެޗުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) 2-1 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ އަވަސް ކުޅުމެކެވެ. އެގޮތުން ލިބޭ ބޯޅަތަކުގައި ދެ ޓީމުންވެސް ވަނީ ގިނަ ހަމަލާތަކެއް އުފެއްދުމަށް މަސައްކަތްކޮށްފައެވެ.

މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާފައިވަނީ ވެލެންސިއާއިންނެވެ. މެޗުގެ 22 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއްގެ އެހީގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަގްސަން އަޙްމަދު ނަސީމެވެ. އަގްސަން ފޮނުވާލި ޕެނަލްޓީ ޔޫވީގެ ގޯލްކީޕަރު އަރީޒް ބިން ޝާހިދު މަތަކުރި ނަމަވެސް، އަގްސަން ވަނީ ރީބައުންސް ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. މި ޕެނަލްޓީއަކީ އޭރިއާ ތެރެއިން ވެލެންސިއާގެ މުޙައްމަދު އައިހަމް އިބްރާހީމަށް ކުރި ފައުލަކާއި ގުޅިގެން ދިން ޕެނަލްޓީއެކެވެ.

މި މެޗުގެ ފުރަތަމަ ހާފު ވެލެންސިއާ ލީޑުގައި އޮވެ ނިމުނު ނަމަވެސް، ދެވަނަ ހާފު ފަށައިގެން މާގިނައިރުތަކެއް ނުވަނީ އެ ޓީމުގެ އަގްސަންއަށް ދެވަނަ ރީނދޫ ކާޑާއެކު ދެއްކި ރަތް ކާޑާ ގުޅިގެން، މެޗުގެ ބާކީބައި އެ ޓީމުން ކުޅުނީ އެއް ކުޅުންތެރިއެއް މަދުންނެވެ. ނަމަވެސް ހިތްވަރު އެލުވާނުލައި ވެލެންސިއާއިން ކުރި މަސައްކަތުން އެ ޓީމުން ވަނީ 68 ވަނަ މިނެޓުގައި ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އައިހަމެވެ.

ވެލެންސިއާއިން މި ލަނޑު ޖެހިތާ ދެ މިނެޓު ފަހުން ޔޫވީން ވަނީ ލަނޑެއް ޖަހައި، ފަރަގު ކުޑަކޮށްފައެވެ. ކޯނަރެއްގެ އެހީގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ރަޒާނެވެ.

ފައިނަލް މެޗަށްފަހު ވަނަވަނައަށް ހޮވުނު ކުޅުންތެރިންނާއި މުޅި މުބާރާތުގެ އެންމެ މޮޅު އެގާރަ ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ޑްރީމް ޓީމެއް ވަނީ ހޮވާފައެވެ. ވަނަވަނައަށް ހޮވުނު ކުޅުންތެރިންނަށް އިނާމު ދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފާއި އެފްއޭއެމުގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒުގެ އިތުރުން ޓެކްނިކަލް ޑިރެކްޓަރު އަޙްމަދު ޝަރީފް (ޑުންގާ) އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް އައިހަމް ހޮވުނުއިރު، ހަ ލަނޑު ޖަހައިގެން މުބާރާތުގެ ލަނޑު ލިސްޓުގެ އެއްވަނަ ހާސިލުކުރީ އަގްސަންއެވެ. އަދި މި މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ޗެމްޕިއަން ވެލެންސިއާގެ އާދަމް އަބްދުލް ލަތީފް (ލައްޗޭ) އެވެ. ފެއާޕްލޭ ޓީމަކަށް ހޮވުނީ ދަ ގްރާންޑޭ ސްޕޯޓްސް ކުލަބެވެ.

އެންމެ މޮޅު 11 ކުޅުންތެރިން:

ކުލަބު ވެލެންސިއާ: އަގްސަން އަޙްމަދު ނަސީމް، މުޙައްމަދު ޖޫދު އަޝްފާގް، އަޙްމަދު ހަމްދާން އަޒްލީމް، ޔޫސުފް ނާމިކް އަލީ ނަސީރު
ޓީސީ ސްޕޯޓްސް ކުލަބު: ޔޫސުފް އައިޝް މުޙައްމަދު
ޔުނައިޓެޑް ވިކްޓަރީ (ޔޫވީ): އަޙްމަދު އަޒްލާން އަލީ، މުޙައްމަދު އުނެއިޝް ބިން ނޫހް، މުޙައްމަދު ރައްޒާން، އަޙްމަދު އަލްތާފް އަޒީމް
ކުލަބު އީގަލްސް: އަޝްހަމް އިބްރާހިމް މުޙައްމަދު

ފައިނަލް މެޗަށްފަހު ދިން އިންޓަވިއުއެއްގައި ވެލެންސިއާގެ ކޯޗު ލައްޗޭ ބުނީ ޓީމާ ހަވާލުވި ހިސާބުންވެސް ކުޅުންތެރިންނަށް އިރުޝާދުދިނީ ކޯޗާއެކުގައި ކުޅުންތެރިން ފަހު ވަގުތާ ހަމައަށްވެސް މަސައްކަތް ކޮށްފިނަމަ މެޗުތަކުން މޮޅުވާނެ ކަމަށެވެ. އަދި ފައިނަލް މެޗު ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދުނީ ކުޅުންތެރިން ދެއްކި ހިތްވަރުން ކަމަށްވެސް ވަނީ ބުނެފައެވެ.

ޔޫވީގެ ކޯޗު އަދި ތަޖުރިބާކާރު ގޯލްކީޕަރު ތޮލާލް ހަސަން (ޓޮޕްލަކް) ބުނީ މުޅި މުބާރާތަށް ބަލާއިރު، އެ ޓީމުން ތަފާތު މޮޅު ކުޅުމެއް ދެއްކި ކަމަށެވެ. އެކަމަކު ފައިނަލް މެޗު ފެށިއިރު ކުޅުންތެރިންނަށް ޕްރެޝަރުގެ މައްސަލަ ކުރިމަތިވި ކަމަށާއި، އެކަމަކު އެކަމުން އަރައިގަނެ މި މެޗުގައިވެސް އެ ކުޅުންތެރިން މޮޅު ކުޅުމެއް ދެއްކި ކަމަށްވެސް ވަނީ ބުނެފައެވެ.

16 އަހަރުން ދަށަށް ހާއްސަކޮށް އެފްއޭއެމުން ޔޫތު މުބާރާތެއް ބޭއްވުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ މި އަހަރު އޮކްޓޯބަރު މަހު އޮތް 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންއަށް ސްކޮޑެއް އެކުލަވާލުމެވެ. އެ ގޮތުން 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިން ސައުދީ އަރަބިއްޔާގައި ކުރިއަށްދާއިރު، ސައުދީ އާއި ރާއްޖޭގެ އިތުރުން ދެން އެ ގްރޫޕުގައި އޮތީ އިންޑިއާ އާއި، މިޔަންމާ އަދި ކުވޭތެވެ.