ޚަބަރު

ތިނަދޫ ބީއެމްއެލްއިން މިވަގުތު އިސްކަންދެނީ މުސާރައިގެ ކަންކަމަށް


ތިނަދޫގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ ބުރާންޗުން މިވަގުތު އެނެމެ އިސްކަމެއް ދެއްވަނީ ތިނަދޫގައި ހުރި މުއައްސަސާތަކުގެ މުސާރައިގެ ކަންކަން ހަމަޖެއްސެވުމަށްކަމަށް އެބްރާންޗްގެ މެނޭޖަރ ވިދާޅުވެއްޖެއެވެ. ތިނަދޫ ބީ.އެމް.އެލްގެ ބްރާންޗް ދެދުވަހުގެ މެދުކެޑުމަކަށްފަހު މިއަދު ހުޅުވައި ޚިދުމަތްދޭން ވަނީފަށާފައެވެ. ތިނަދޫގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗުން އާންމުކޮށް ދުވާލެއްގެމައްޗަށް 200 އެއްހާ ކަސްޓަމަރުންނަށް ޚިދުމަތް ދެމުންދެއެވެ. މިދިޔަ އަންގާރަ ވިލޭރޭ ތިނަދޫ އިންޖީނުގޭގައި ރޯވެ މުޅިރަށުން ކަރަންޓުގެ ޚިދުމަތް ކެނޑިގެން ދިޔުމުން  އޭޓީއެމްގެ ޚިދުމަތާއެކު ބޭންކުގެ ހުރިހާ ޚިދުމަތެއް މެދުކެނޑިގެންދިޔައެވެ. ޕީ.އެސް.އެމް އަށް މައުލޫމާތުދެއްވަމުން ތިނަދޫ ބްރާންޗުގެ މެނޭޖަރ އަޙްމަދު ޒައިދު ވިދާޅުވީ، ކަރަންޓްގެ ޚިދުމްތް ކެނޑުމުންވެސް އެފަރާތުން މަސައްކަތް ކުރެއްވީ އާއްމުންނަށް ކޮންމެވެސް ގޮތަކުން ފައިސާގެ މުއާމަލާތް ކުރެވޭނެ ގޮތެއް ހެދުމަށްކަމަށެވެ. ދެދުވަހުގެ މެދުކެނޑުމަކަށްފަހު މިއަދު ގިނަ އަދަދެއްގެ ކަސްޓަމަރުން ތިނަދޫއާއި ރައްރަށުންވެސް ޚިދުމަތް ހޯއްދެވިކަމަށާއި، މިއަދު އެންމެ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދަނީ މުސާރައިގެ ކަންކަން ހަމަޖެއްސެވުމަށްކަމަށް މެނޭޖަރ ވިދާޅުވިއެވެ. މުޅި އަތޮޅަށްވެސް ބޭންކިންގެ ޚިދުމަތް ފޯރުކޮށްދެމުންދާ ތިނަދޫ ބްރާންޗްގެ 12 މުވައްޒަފުންވެސް ކަރަންޓް ކެނޑިގެން ޚިދުމަތް މެދުކެނޑުނު 2 ދެވަހު އާންމުނަށް ޚިދުމަތް ދެމެންގެންދެވި އިރު، 25 އަހަރުވެފައިވާ ތިނަދޫ ބީ.އެމް.އެލްގެ ބްރާންޗުން މެދުކެނޑުމެއްނެތި ކުރީންވެސް ދެމުން ގެނދެވި ޚިދުމަތްތަށް ކުރިއަށް އޮތްތަނުގައި ދެއްވަމުންގެންދަވާނެކަމުގެ ޔަގީންކަން އެފަރާތުންދެއްވައެވެ.