ޚަބަރު

ތިނަދޫގެ ކޮންމެ ގެއަކަށް 5 ލީޓަރުގެ ފެންކޭސް ހަދިޔާކޮށްފި


އެމް.ޑަބް.ލިއު.އެސް.ސީން ގދ.ތިނަދޫގެ ކޮންމެ ގެއަކަށް 5 ލީޓަރުގެ ފެން ކޭހެއް ހަދިޔާކޮށްފިއެވެ.މިކަމަށްޓަކައި މިއަދު އެމް.ޑަބްލިއު.އެސް.ސީގައި ބޭއްވި ރަސްމިއްޔާތުގައި އެކުންފުނީގެ ފަރާތުން ތިނަދޫއަށް ފެން ކޭސްތައް ހަވާލުކޮށްދެއްވީ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދެވެ. ތިނަދޫ ރައްޔިތުންގެ ފަރާތުން ފެން ކޭސްތަކާއި ހަވާލުވެލެއްވީ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީއެވެ.މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ އެކުންފުނީގެ އަމާޒަކީ މިފަދަ ދަނޑިވަޅެއްގައި ތިނަދޫގެ ރައްޔިތުންނަށް ވެވެން އޮތް އެންމެ ފުރިހަމަ އެހީތެރިކަމެއް ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން ކޮންމެ ގޭބީސީއަކަށް ފަސް ލީޓަރުގެ ފެންކޭހެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެރަށުގައި ޚާއްސަ އޮޕަރޭޝަނެއްގެ ގޮތުން ފެން އުފެއްދުމުގެ މަސައްކަތްވެސް ހުއްޓުމެއް ނެތި ކުރިއަށް ގެންދަމުންދާ ކަމަށް ފަޒުލް ވިދާޅުވިއެވެ.އެމްޑަބްލިއުއެސްސީ އިން ވިދާޅުވީ މިފެން ކޭސްތައް މިރޭގެ ވަގުތެއްގައި ބަރު ކުރެވި މާދަމާރޭގެ ވަގުތެއްގައި ތިނަދޫ ރައްޔިތުންނަށް ފޯރުކޮށްދެވޭ ވަރުވާނޭ ކަމަށެވެ. މީގެ އިތުރުން އެމްޑްބްލިޔުއެސްސީ އިން ވަނީ ތިނަދުއަށް އަލުން ކަރަންޓް ދިނުމަށްޓަކައި 1 މެގަވޯޓްގެ ޖަނަރޭޓަރެއްވެސް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފައިވެއެވެ.