ޚަބަރު

ތާރުއަޅައިގެން އަމީނީ މަގު ތަރައްޤީ ކުރުމުގެ މަސައްކަތް އާރްޑީސީއަށް


މާލޭގެ އަމީނީ މަގުގައި ތާރު އަޅައިގެން ތަރައްޤީ ކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީއާ ހަވާލުކޮށްފިއެވެ. މާލޭގެ އަމީނީ މަގަކީ، އާއްމުން އެންމެ ގިނައިން ބޭނުންކުރަމުން އަންނަ މައި އެއް މަގެވެ.

އަމީނީ މަގުގައި ތާރު އަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ މޫސާ އަލީ މަނިކުއެވެ. އަދި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙުމަދުއެވެ.

މާލޭގެ އަމީނީ މަގަކީ، ގިނަ އޮފީސްތަކާއި ސްކޫލްތައް ހުރުމާއެކު ގިނަ ބަޔަކު ބޭނުންކުރާ މަގެކެވެ. އަދި މިއީ މާލޭގެ ހެންވޭރުން މާފަންނަށް ގުޅާލާ މަދު މަގުތަކުގެ ތެރެއިން މަގެކެވެ. މަރާމާތު ނުކޮށް ދިގު މުއްދަތެއް ވުމުގެ ސަބަބުން މަގު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. އެގޮތުން ހިނގާ މީހުންނާއި ދުއްވާ މީހުންނަށް ކުރިމަތިވާ ދަތިތަކާއި އަދި މަގުގައި ފެން ބޮޑުވާ މައްސަލައަކީވެސް ހައްލު ހޯދިފައި ނުވާ މައްސަލައެކެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއެކު އެއްބަސްވުން ޤާއިމުކޮށްފައިވަނީ، މުޅި އަމީނީ މަގުގައި ތާރު އެޅުމަށެވެ. ޕްރޮޖެކްޓްގައި ހިމެނެނީ 1.7 ކިލޯމީޓަރުގެ މަގުގެ ސަރަޙައްދުގައި ތާރު އެޅުމާއި، މަގުގައި ފެން ހިންދާ ނިޒާމު ޤާއިމުކުރުމުގެ އިތުރުން މަގު ބައްތި ޖެހުމުގެ މަސައްކަތެވެ.

އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލީ މަނިކު ވިދާޅުވީ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރާއިރު، މަގުގައި ހުރި މައްސަލަތަކަށް ޙައްލު ލިބި ހިތް ފަސޭހަ މަގަކަށް ވެގެންދާނެކަމަށެވެ.

"ސަރުކާރާއި މިނިސްޓްރީގެ ވިސްނުމާއި އެއްގޮތަށް، ކާރޫ ބާރޫ ބޮޑު މި މަގު މުހިންމު ބަދަލުތަކާއެކު ހިތްފަސޭހަ މަގަކަށް ހަދާނަން. މަގު ބޭނުންކުރުމުގެ ތަކުލީފުތަކަށް ނިމުމެއް އަންނާނެ. މުއްދަތުގައި މަސައްކަތް ނިންމާނެކަމުގެ ޔަގީންކަން ދެން." އާރްޑީސީގެ އެމްޑީ ވިދާޅުވިއެވެ.

މިޕްރޮޖެކްޓް ހަވާލުކޮށްފައިވަނީ 7 މަސް ދުވަހުން މަސައްކަތް ނިންމާގޮތަށެވެ. މިޕްރޮޖެކްޓްގެ އަގު 84 މިލިއަން ރުފިޔާއަށް އަރައެވެ.