ޚަބަރު

ދިވެހި ރުފިޔާއަށް ބޭނުންކުރާނެ ނިޝާނެއް ކަނޑައަޅައިފި


ދިވެހި ރުފިޔާގައި ބޭނުންކުރާނެ ނިޝާނެއް އެމްއެމްއޭއިން ކަނޑައަޅައިފިއެވެ.

އެމް.އެމް.އޭގައި ބޭއްވި ހަފްލާއެއްގައި ދިވެހި ރުފިޔާގެ ނިޝާން ތައާރަފް ކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާއެވެ.

މި ނިޝާނަކީ އާއްމުންނަށް ހުޅުވާލައިގެން ބޭއްވި ދިވެހި ރުފިޔާގެ ނިޝާން ފަރުމާކުރުމުގެ މުބާރާތަށް ހުށަހެޅުނު ފަރުމާތަކުގެ ތެރެއިން، މުބާރާތަށް އިންސާފުކުރެއްވި ކޮމިޓީން އެންމެ ރަނގަޅު ކަމަށް ހޮއްވެވި ފަރުމާއެވެ. މިނިޝާން ފަރުމާކުރީ މ.ސްޕޮޓްލައިޓް، ޙަސަން ޝުޖާޢުއެވެ.

ދިވެހި ރުފިޔާގެ ނިޝާން ތައާރަފްކުރުމަށް ބޭއްވި ހަފްލާ ޝަރަފްވެރިކޮށްދެއްވާ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވީ މިފަދަ ނިޝާނެއް ތައާރަފްކުރުމަކީ ރާއްޖެއަށްވެސް ލިބޭ ފަޚުރެއް ކަމަށެވެ.

"ވަރަށް ސަޕްރައިޒްވި، ދުނިޔޭގެ 50 ހަކަށް ޤައުމުން ފައިސާގެ ނިޝާން ގެންގުޅޭ، މިމަދު ޤައުމުތަކުގެ ލިސްޓަށް ރާއްޖެ އިތުރުވުމަކީ، ހަމަ ޤައިމުވެސް ދިވެހި ރައްޔިތަކަށްވީތީ ފަޚުރުވެރިވާ ކަމެއް، ދިވެހި ރާއްޖެއަށްވެސް ލިބޭ ފަޚުރެއްކަން ފާހަގަކުރަން" މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

މިނިސްޓަރ ޝައުނާ ވިދާޅުވީ، ދިވެހި ތާނައިގެ އަކުރެއް ބޭނުންކުރުމަކީ ދިވެހި ބަސް ކުރިއެރުވުމަށް ލިބޭ ހިތްވަރެއް ކަމަށެވެ. އަދި މިނިސްޓަރ ވަނީ މިނިޝާން ފައިސާގެ ކަންކަމުގައި ވީހާވެސް ގިނަ މީހުން ބޭނުންކުރުމަށް އެދިވަޑައިގަންނަވާފައެވެ.

މި ހަފްލާގައި ވާހަކަދައްކަވަމުން އެމްއެމްއޭގެ ގަވަނަރ އަލީ ހާޝިމް ވިދާޅުވީ ކުރިއަށް އޮތްތާގައި ޗާޕުކުރާ ރާއްޖޭގެ ފައިސާގެ ނޫޓުގައިވެސް މިނިޝާން ބޭނުންކުރާނެ ކަމަށެވެ. އަދި މިނިޝާނަށް އާއްމުން އަހުލުވެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާ ކަމަށް ގަވަނަރ ވިދާޅުވިއެވެ.

"މި ނިޝާން ބޭނުން ކުރުން އާއްމުންގެ ތެރޭގައި އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށްވަނީ ރާވާފައި، އެގޮތުން ޑިޖިޓަލްކޮށް މިނިޝާން ބޭނުންކުރެވޭނެ ގޮތެއް ހެދުން މުހިއްމު" ހާޝިމް ވިދާޅުވިއެވެ.

ޙާޝިމް ވިދާޅުވީ، އުއްމީދަކީ ކުރިމަގުގައި މިއީ ބައިނަލްއަޤްވާމީ ފެންވަރުގައި ބަލައިގަންނަ ނިޝާނަކަށްވެގެން ދިޔުން ކަމަށެވެ. އެގޮތުން "ޔުނިކޯޑް ސްޓޭންޑަޑް" ހޯދުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ހާޝިމް ވިދާޅުވިއެވެ.


ދިވެހި ރުފިޔާގެ ނިޝާން ބޭނުންކުރާނެ ގޮތުގެ ގައިޑްލައިނާއި ނިޝާނާއި ބެހޭ އިތުރު މަޢުލޫމާތު އެމްއެމްއޭގެ ވެބްސައިޓުން ލިބޭނެ ކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ.