ޚަބަރު

އެލައިޑުން ކައްޓެޅި ބޭނުމުގެ މުބާރާތެއް ބާއްވަނީ


އެލައިޑް އިންޝުއަރެންސުން އިންތިޒާމުކޮށްގެން ފުވައްމުލަކުގައި އަލަށް، ކައްޓެޅި ފޯރީގެ ނަމުގައި ކައްޓެޅި ބާނާ މުބާރާތެއް ބާއްވަން ނިންމައިފިއެވެ.އަންނަ މަހުގެ ނަވާރަވަނަ ދުވަހު ބާއްވާ މި މުބާރާތަކީ ރާއްޖޭގަ ޒަމާނުއްސުރެ ކުރަމުންދިޔަ ސަޤާފީ މަސްވެރިކަން ދިރުވާ މިކަމަށް ހުރި ޝައުޤުވެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ބާއްވާ މުބާރާތެއްކަމަށް އެލައިޑުން ބުނެއެވެ. މީގެ އިތުރުން އެލައިޑް ހަލް އިލްޝުއަރެންސާއި ބެހޭ މަޢުލޫމާތު ހިއްސާކޮށް މިކަމުގެ މުހިންމު ކަމާއިމެދު އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް މަޢުލޫމާތު ފޯރުކޮށްދިނުންކަމަށްވެސް އެ ކުންފުނިން ބުނެއެވެ.އެލައިޑް ހަލް އިންޝުއަރެންސްއަކީ، އޮޑިދޯނި ފަހަރާއި ބޯޓުފަހަރަށް ކަނޑުމަތީގައި ދިމާވާ ހާދިސާތަކާއި ގުޅިގެން އެ ފަދަ އުޅަނދުތަކަށް ލިބޭ ގެއްލުމަށް ބަދަލުދިނުމުގެ ގޮތުން އެލައިޑުން ތަޢާރަފްކޮށްފައިވާ އިންޝުއަރެންސެކެވެ. އެލައިޑް އިންޝުއަރެންސްގެ ޖެނެރަލް މެނޭޖަރ ނިޔާޒު މުޙައްމަދު ވިދާޅުވީ، މި ފަދަ ޕްރޮގްރާމެއް އަތޮޅުތަކުން ފެށުމަށް ނިންމީ ގިނަ އޮޑިވެރިންނަކީ އަތޮޅުތަކުގައި މަސްވެރިކަން ކުރާ ފަރާތްތަކަށްވާތީ އެފަދަ ފަރާތްތަކަށް މި އިންޝުއަރެންސް އާއި ބެހޭ މަޢުލޫމާތު ވީހާވެސް ބޮޑަކަށް ފޯރުކޮށްދިނުމަށް ކަމަށެވެ.މި މުބާރާތުގައި ބައިވެރިވުމަށް ފުވައްމުލަކުގައި ދިރިއުޅޭ ރައްޔިތުންނަށް ވަނީ މިއަދުން ފެށިގެން އަންނަ މަހުގެ ދިހަ އަކާ ހަމައަށް ހުޅުވާލާފައެވެ. ބައިވެރިވާ ފަރާތްތަކުން މިކަމަށް އެދޭ ފޯމު ފުވައްމުލަކު އެލައިޑް އިންޝުއަރެންސްގެ އެކްސްޕެކްޓްރިއޭޓް ކައުންޓަރަށް ހުށަހެޅުމަށް އެލައިޑުން އެދެއެވެ.މިއީ އެއްވަނަ އަށް ދާ ޓީމަކަށް ވިހި ހާސް ރުފިޔާ، ދެވަނަ އަށް ދާ ޓީމަކަށް ދިހަ ހާސް ރުފިޔާ އަދި ތިންވަނައަށް ދާ ޓީމަކަށް ފަސް ހާސް ރުފިޔާ ކަނޑައެޅިފައިވާ މުބާރާތެކެވެ. ކައްޓެޅިއަކީ ފުވައްމުލަކުން ދުއިސައްތަ މީޓަރު އަޑިން ބާނާ މަހެކެވެ.