ޚަބަރު

އާރްޓީއެލް ފެރީ ޚިދުމަތް ހއ. އަތޮޅަށް، ކުޑަކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހިލޭ


އާރް.ޓީ.އެލް ފެރީގެ ހިދުމަތް ހއ. އަތޮޅަށް ރަސްމީކޮށް ފަށާފައިވާއިރު ކުޑަކުދިންނާއި ނުކުޅެދޭ ފަރާތްތަކަށް ހިލޭ ދަތުރުކުރެވޭނެ ކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ އިން ހާމަކުރެއެވެ.

ޕްލޭނިންގް މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ ފަރަތްތަކަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ދެއްވާފައިވާ ކާޑު ހުށަހެޅުމުން އެފަރާތްތަކަށް ހިލޭ ދަތުރު ކުރެވޭނެ ކަމަށެވެ.

ހއ. ގެ ފެރީ ދަތުރުތައް މިއަދު ރަސްމީކޮށް ފަށާފައިވާއިރު، މިދިޔަ މަހުގެ 26 ން ފެށިގެން މި މަހުގެ 02 ވަނަ ދުވަހާ ހަމައަށް "އަހުލުވެރި ކުރުމުގެ" ދަތުރުތައް އާރް.ޓީއެލް އިން ހއ. ގައި ކުރިއަށް ގެންގޮސްފައިވެއެވެ. މި ދަތުރުތައް ކުރިއަށް ގެންގޮސްފައިވަނީ ހިލޭއެވެ.

އާރ.ޓީ.އެލް ފެރީގެ އަތޮޅު ތެރޭގެ ދަތުރުތަކުގެ އަގު 35 ރުފިޔާއާއި 100 ރުފިޔާ ދެމެދު އުޅޭއިރު، އެއް އަތޮޅުން އަނެއް އަތޮޅަށް ކުރާ ދަތުރުތަކުގެ އަގުތައް އުޅެނީ 100 ރުފިޔާއާއި 150 ރުފިޔާއާއި ދެމެދުގައެވެ. އާރ.ޓީ.އެލްގެ ވެބްސައިޓުންނާއި، އާރ.ޓީ.އެލްގެ އެޕް މެދުވެރިކޮށް ފެރީ ޓިކެޓު ބައްލަވައިގަނެވޭނެއެވެ.

އާރ.ޓީ.އެލްގެ ޒޯން 1 ގައި ހިމެނޭ ހއ އަދި ހދ ގައި ދަތުރުތައް ފެށުމާއެކު މިހާރު ޒޯން 1 ގައި ދަތުރު ނުފެށި ވަނީ ށ. އަތޮޅުގައި އެކަންޏެވެ. އަދި އެ އަތޮޅަށް އަންނަ މަހު ދަތުރުތައް ފެށިގެންދާނެކަމަށް އާރ.ޓީ.އެލްއިން ބުނެއެވެ. އެމް.ޓީ.ސީ.ސީ އާ ހަވާލުކޮށްގެން ސަރުކާރުން ކުރިއަށްގެންދާ އާރ.ޓީ.އެލްގެ މި މަޝްރޫއުގައި ހިމެނޭ ފެރީ ދަތުރުތައް ހދ އަތޮޅުގައި ރަސްމީކޮށް ފަށާފައިވަނީ މިދިޔަ ޖޫން މަހުގައެވެ.

ރާއްޖެ 6 ޒޯނަކަށް ބަހާލައިގެން ދޭ ރާއްޖެ ހައިސްޕީޑް ފެރީގެ ޚިދުމަތުގައި ބޭނުންކުރާ ފެރީތަކަކީ ސްޕީޑް އަވަސް ފެރީތަކެކެވެ. އެއަރކޯން ކޮށްފައިވާ މި ފެރީތަކަކީ ދަތުރުކުރާ ފަރާތްތަކަށް އަރާމު އަދި ފަސޭހަ ދަތުރުތަކެއް ކުރެވޭނެ ފެންވަރުގައި ތައްޔާރުކޮށްފައިވާ ލޯންޗް ފެރީ ތަކެކެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަރާ ފޭބުމުގައި ފަސޭހަކަމާއިއެކު ބޭނުންކުރެވޭނެ ފެންވަރުގެ ފެރީތަކެއްވެސްމެއެވެ.