ކުޅިވަރު

ތައިލެންޑް ބަލިކޮށް ރާއްޖޭން ފެށުން ރަނގަޅުކޮށްފި


މެލޭޝިއާގައި މިހާރު ކުރިއަށްދާ ކުއަޑްރަންގިއުލާ ޓީ20 ސީރީސްގައި ކުޅުނު ފުރަތަމަ މެޗުން ތައިލެންޑް ބަލިކޮށް، ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމުން ފެށުން ރަނގަޅުކޮށްފިއެވެ.

މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުން ތައިލެންޑް އަތުން މޮޅުވީ ހަތް ވިކެޓުންނެވެ.

އާދީއްތަ ދުވަހުގެ ހެނދުނު ކުޅުނު މެޗުގެ ޓޮސް ދިމާވުމުން ތައިލެންޑުން ގަސްދުކުރީ ކުޅުމަށެވެ. އެއާއެކު ތައިލެންޑް އެންމެ ފުރަތަމަ ކުޅެން އަރައި، 19.3 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 81 ލަނޑެވެ. މި އިނިންގްސްގައި ރާއްޖޭގެ ލީމް ޝަފީގް ވަނީ ތިން ވިކެޓް ނަގާފައެވެ.

ޖަވާބުގައި ރާއްޖޭން ކުޅެން އަރައި، 15.4 އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން ވަނީ 82 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. މި އިނިންގްސްގައި ރާއްޖޭން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 33 ބޯޅައިން 38 ލަނޑު ހެދި ރިޝްވާން މުޙައްމަދާއި، 27 ބޯޅައިން 17 ލަނޑު ހެދި މުޙައްމަދު އައްޒާމެވެ.

މެލޭޝިއާގައި ކުރިއަށްދާ ކުއަޑްރަންގިއުލާ ސީރީސްގައި ރާއްޖެ އާއި ތައިލެންޑުގެ އިތުރުން ދެން ވާދަކުރަނީ ބޫޓާން އަދި މެލޭޝިއާއެވެ. މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ރާއްޖެ މޮޅުވިއިރު، މުބާރާތުގެ ދެވަނަ މެޗުގައި ހޯމަ ދުވަހު ރާއްޖެ ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ. އަދި ތިންވަނަ މެޗުގައި ބުދަ ދުވަހު ރާއްޖެ ނުކުންނާނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ މެލޭޝިއާއާ ދެކޮޅަށެވެ.

މި މުބާރާތް ކުރިއަށްދަނީ ކޮންމެ ގައުމެއް ކޮންމެ ގައުމަކާ ދެ ފަހަރު ބައްދަލުކޮށް، އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމު ފައިނަލުގައި ވާދަކުރާ ގޮތަށެވެ.

މި މުބާރާތަށް ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމުން ވަނީ ކެޕްޓަނަކަށް ޔޫސުފް އަޒްޔާން ފަރުހަތު ހަމަޖައްސާފައެވެ. އަދި ވައިސް ކެޕްޓަނުގެ މަގާމަށް ހަމަޖައްސާފައިވަނީ އާދަމް ނާސިފް އުމަރު (އާދަޅޭ) އެވެ. މީގެ ކުރިންވެސް ރާއްޖޭން ވަނީ މި ފަދަ މުބާރާތްތަކުގައި ރަނގަޅު ނަތީޖާތަކެއް ނެރެފައެވެ.