ޚަބަރު

އެމްޕީއެލްގެ ފްލެޓްތައް އޮކްޓޯބަރަށް ނިންމަނީ


މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމް.ޕީ.އެލްގެ ހައުސިންގ ސްކީމުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ފްލެޓްތައް އަންނަ އޮކްޓޯބަރުމަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތްކުރަމުންދާކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ.

އެމް.ޕީ.އެލުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ 3 ޓަވަރުގެ ފްލެޓްތައް ލިބުނު މުވައްޒަފުންގެ މެދުގައި އެކުންފުނިން މިއަދު ވަނީ ފްލެޓްތަކުގެ ގުރު ނަގާފައެވެ.

އެމް.އެން.ޔޫގެ އޮޑިޓޯރިއަމްގައި ބޭއްވި ގުރުނެރުމުގެ ރަސްމިއްޔާތުގައި އެންމެ ފުރަތަމަ ކުރިއަށްގެންދިޔައީ 3 ކޮޓަރީގެ ފްލެޓްތަކުގެ ގުރުނެގުމެވެ. އަދި އޭގެ ފަހުން 1 ކޮޓަރީގެ ފްލެޓްތަކުގެ ގުރުނެގުންވެސް ވަނީ ބާއްވާފައެވެ.

މި މަޝްރޫޢުގެ ދަށުން އެމް.ޕީ.އެލުން ތަރައްޤީކުރަމުންދަނީ 15 ބުރީގެ 3 ޓަވަރެވެ. މީގެ ތެރޭގައި 1 ކޮޓަރީގެ 204 ފްލެޓާއި 3 ކޮޓަރީގެ 330 ފްލެޓް ހިމެނެއެވެ. މި ފްލެޓްތަކަށް ޝަރުތު ހަމަވި މުވައްޒަފުންގެ ތެރެއިން ފްލެޓް ލިބުނު މުވައްޒަފުންގެ ލިސްޓުތައް އެކުންފުނިން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން 2017 ވަނަ އަހަރު ފެށި ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން އެމް.ޕީ.އެލުން ތަރައްޤީކުރާ 3 ޓަވަރުގެ މަސައްކަތްވެސް މިހާރު ނިމުމަކާގާތްވެފައިވާކަމަށް އެކުންފުނިން ވިދާޅުވެއެވެ. އަދި މި ޓަވަރުތަކުގެ މަސައްކަތް ފުރިހަމަކުރުމަށް ކޮންޓްރެކްޓަރަށް މިހާރު ދީފައިވާ މުއްދަތަކަކީ އަންނަ އޮކްޓޯބަރުމަހުގެ ނިޔަލަށްކަމަށްވެސް އެމް.ޕީ.އެލުން ވިދާޅުވެއެވެ.