ޚަބަރު

މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކޮށް، ކްރިމިނަލް ކޯޓުގެ ޤާޟީންނަށް އިނާޔަތްދޭން ފާސްކޮށްފި


މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކުރުމަށާއި، ކްރިމިނަލް ކޯޓުގެ ބެކްލޮގް ހުސްކުރުމަށްޓަކައި ގާޟީން އިތުރަށް މަސައްކަތްކުރާ ދުވަސްތަކަށް ޢިނާޔަތް ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުން މިގޮތަށް ފާސްކުރީ 53 މެންބަރުންގެ ވޯޓުންނެވެ.

މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކުރުމަށް ހުށަހެޅުއްވީ ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ)އިންނެވެ. ޖޭއެސްސީން ހުށަހަޅާފައިވާ ހުށައެޅުމުގައި މެޖިސްޓްރޭޓުންގެ މުސާރައަށް ހޭދަކުރާ މިންވަރު އިތުރުވެގެން ދަނީ އަހަރަކު ގާތްގަނޑަކަށް 3.7 މިލިއަން ރުފިޔާއެވެ. މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކުރުމަށް ފިނޭންސް މިނިސްޓްރީންވެސް ވަނީ ހުއްދަ ދެއްވާފައެވެ.

މީގެ އިތުރުން މަޖިލީހުގެ މި ޖަލްސާގައި ވަނީ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ހުށަހަޅާފައިވަގޮތަށް ހަތަރު މަސް ދުވަހަށް ގާޟީންނަށް އާ އިނާޔަތެއް ދިނުމަށްވެސް ފާސްކޮށްފައެވެ. މި މައްސަލަ ދިރާސާކުރި ޖުޑީޝަރީ ކޮމިޓީން ނިންމިގޮތަށް އެ އިނާޔަތް ދިނުމަށް މަޖިލީހުގެތަޅުމުން ފާސްކުރީވެސް 57 މެންބަރުންގެ ވޯޓުންނެވެ.

މަޖިލީހުގެ މި ނިންމުމާއެކު ކްރިމިނަލް ކޯޓުގައި އިތުރު ވަގުތު މަސައްކަތް ކުރާ ގާޟީންނަށް އެމަސައްކަތް ކުރާ ކޮންމެ ދުވަހަކަށް 500 ރުފިޔާގެ އިނާޔަތެއް ދެވޭނެއެވެ. އެއީ ކްރިމިނަލް ކޯޓުގައި ނުނިމި ފުނިޖެހިފައިވާ 1،182 މައްސަލަ ނިންމުމަށެވެ.

އެ ރޭޓުން އިނާޔަތް ދީފިނަމަ އެ މުއްދަތުގައި އިތުރަށް ހަރަދުވާނީ 600،000 ރުފިޔާއެވެ.

ފަނޑިޔާރުންގެ މުސާރައާއި އިނާޔަތަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމާ ގޮތެއްގެ މަތިންނެވެ.

ކްރިމިނަލް ކޯޓުގައި މިހާރު ބަލަންހުރި މައްސަލަތައް ބަަލައި މުޅިން ނިންމަން 16 އަހަރުގެ މުއްދަތެއް ނަގާނެކަމަށާ، ފުލް ކެޕޭސިޓީގައި ކޮންމެ ދުވަހަކު މަސައްކަތް ޝެޑިއުލް ކުރި ނަމަވެސް ދިގު މުއްދަތެއް ނަގާނެކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ވަނީ މީގެކުރިން ހާމަކުރައްވާފައެވެ.

ކޮންމެ އަހަރަކު އެވްރެޖްކޮށް 900އެއްހާ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅައެވެ.