ކުޅިވަރު

ލޯނު އެއްބަސްވުމެއްގެ ދަށުން ލުކާކޫ އިންޓައަށް


އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީއަށް ކުޅެމުންދާ ބެލްޖިއަމްގެ ފޯވަޑް ރޮމެލޫ ލުކާކޫ ލޯން އެއްބަސްވުމެއްގެ ދަށުން އިޓާލިއަން ސެރީއާގެ އިންޓަރ މިލާނަށް ބަދަލުވެއްޖެއެވެ.

މައުލޫމާތުލިބިފައިވާގޮތުގައި އިންޓަރއިން ލުކާކޫ އެކްލަބަށް ގެންގޮސްފައިވަނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ލުކާކޫ އިންޓަރއަށް މިބަދަލުވީ އިންޓަރއިން ޗެލްސީއަށް ކްލަބްގެ ރިކޯޑް ފީއެއް ކަމަށްވާ 97.5 މިލިއަން ޕައުންޑްގެ އަގަކަށް ބަދަލުވިތާ އެއްއަހަރު ފަހުންނެވެ. ނަމަވެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ލުކާކޫވަނީ އޭނާ ޗެލްސީގައި ހުރީ އުފަލުން ނޫން ކަން ހާމަކޮށް އަނެއްކާވެސް އިންޓަރއަށް ބަދަލުވާން ބޭނުންކަން ހާމަކޮށްފައެވެ.

އިންޓަރއިން ވަނީ ލުކާކޫ ގެންދިއުމަށް ލޯން ފީއެއްގެ ގޮތުގައި 8 މިލިއަން ޔޫރޯ ދިނުމަށް އެއްބަސްވެފައެވެ. ލުކާކޫ މިނިމުނު ސީޒަންގެ ކުރީކޮޅުގައި ޗެލްސީއަށް ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް ވަކިހިސާބަކުން އޭނާގެ ކުޅުން ދައްވެ ގަވައިދުން ފުރަތަމަ އެގާރައިން ޖާގަ ލިބެމުން ގޮސްފައެެއް ނުވެއެވެ. އަދި މިދިޔަ ސީޒަންގައި އޭނާއަށް ޗެލްސީއަށް ކާމިޔާބުކޮށްދެވުނީ 15 ލަނޑެވެ. ލުކާކޫ ބޭނުންވީ އެއްކޮށް އިންޓަރއަށް ބަދަލުވާން ނަމަވެސް އިންޓަރގެ މާލީ ހާލަތު ހުރިގޮތުން އޭޭނާ ގަތުމަކީ މިވަގުތު އިންޓަރއަށް ކުރެވޭނެކަމަކަށް ނުވާތީ ލޯން އެއްބަސްވުމަކަށް ދެކްލަބުން އެއްބަސްވީއެެވެ. އަދި މިކަން ހަގީގަތަކަށް ހެދުމަށްޓަކައި އިންޓަރގެ ރައީސް ސްޓީވެން ޒާން ވަނީ އަމިއްލަގޮތުން ވާހަކަ ތަކުގައި ބައިވެރިވެފައެވެ.

އިންޓަރއަށް ބަދަލުވުމަށްފަހު ލުކާކޫވަނީ އޭނާ އެނބުރި އައިކަން ހާމަކޮށް ޓްވިޓަރގައި ވީޑިއޯއެއްވެސް އާންމު ކޮށްފައެވެ. އަދި ޒާންވެސްވަނީ ލުކާކޫ އިންޓަރއަށް އެނބުރި އައުމުން އެކަމާ އުފާކުރާކަން ހާމަކޮށް، ބިގް ބޮސް އެނބުރި އައީކަމަށް ބުނެފައެވެ.