ކުޅިވަރު

އަންނަ ސީޒަނުގައިވެސް ހާޑެން ފެންނާނީ ސެވަންޓީ ސިކްސާސްއިން


އެން.ބީ.އޭ. ގެ އީސްޓަރން ކޮންފަރެންސްގައި ފާހަގަ ކޮށްލެވޭ އެއްޓީމް ކަމަށްވާ ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސްއަށް މިދިޔަ ސީޒަންގެ މެދުތެރޭގައި ބަދަލުވި ތަޖްރިބާކާރު ކުޅުންތެރިޔާ ޖޭމްސް ހާޑެން މިއަންނަ ސީޒަންގައި އެކްލަބްގައި މަޑުކުރާނެކަން އޭނާ ހާމަކޮށްފިއެވެ.

މަޢުލޫމާތުލިބިފައިވާގޮތުގައި ހާޑެން މިދިޔަ ސީޒަންގައި ސިކްސަރސްއަށް ބަދަލުވި އެއްބަސްވުމުގައިވާގޮތުން މިސީޒަނަށް އޭނާ ސިކްސަރސްއަށް ދާއިމީކޮށް ސޮއިކުރާނަމަ 47.4 މިލިއަން ޑޮލަރު ދޭންޖެހެއެވެ.

ނަމަވެސް މިމާއްދާއަށް އަމަލު ކުރުމުގެ ބަދަލުގައި ހާޑެން ބޭނުންވަނީ ފްރީ އެޖެންޓެއްގެ ގޮތުގައި ސިކްސަރސް އަށް މިއަންނަ ސީޒަނަށް ސޮއިކޮށް މިފައިސާ އެކްލަބުން ވަރުގަދަ ކުރުމަށް ބޭނުންކުރުމުގެ ފުރުސަތު ދޭށެވެ. ހަޑެން މިގޮތަށް އަމަލު ކޮށްފައިމިވަނީ ސިކްސަރސްއަކީ މިއަންނަ ސީޒަންގައި ތައްޓަށް ވާދަކުރެވޭ ފެންވަރުގެ ޓީމަކަށް ހެދުމަށްޓަކައި މުހިންމު ބައެއް ކުޅުންތެރިން އެކްލަބަށް ގެނައުމުގެ ފުރުސަތު ދިނުމެވެ. ސިކްސަރސްއިން މިޙާރުވެސް ދަނީ މައޭމީ ހީޓްގެ ފޯވަޑް ޕީޖޭ ޓަކަރ ގެނައުމަށް މަސައްކަތް ކުރަމުންނެވެ.

ހާޑެންވަނީ މިދިޔަ ސީޒަންގެ ޕްލޭ އޮފްގެ ދެވަނަ ބުރުގައި ހީޓް އަތުން ބަލިވުމަށްފަހު ވާހަކަ ދައްކަމުންވެސް މިއަންނަ ސީޒަންގައި ސިކްސަރސްގައި މަޑު ކުރާނެކަން ހާމަކޮށްފައެވެ. ހާޑެންވަނީ މިދިޔަ ސީޒަންގައި ބްރޫކްލިން ނެޓްސް އާއި ސިކްސަރސްއަށް އެވްރެޖްކޮށް 22 ޕޮއިންޓް ހޯދާދީ 10.3 އެސިސްޓް ކޮށްފައެވެ.