ކުޅިވަރު

ސިޓީން ޖެސޫސް ދޫކޮށްލުން އެއީ ހެދި ގޯހެއް: ހާމަން



އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީއަށް ކުޅޭ ބްރެޒިލްގެ ފޯވަޑް ގެބްރިއެލް ޖޭސުސް އާސެނަލްއަށް ބަދަލުވުމުގެ ފުރުސަތު ދިނުމަކީ އެކްލަބުން ހަދާ ވަރަށް ބޮޑު ގޯހެއް ކަމަށް ސިޓީގެ ކުރީގެ ކުޅުންތެރިޔާ ޑިއެޓްމާ ހާމާން ބުނެފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޖޭސުސް މިހާރުވަނީ އާސެނަލްގެ މެޑިކަލްވެސް ހަދާފައެވެ.

ޖޭސުސްވަނީ ސިޓީއަށް ހަ ސީޒަން ކުޅެދީ 236 މެޗް ކުޅެ 96 ލަނޑު ޖަހާދީފައެވެ. އަދި އޭނާވަނީ ސިޓީއަށް ޕްރިމިއަރ ލީގުގެ ތަށި ހަތަރު ފަހަރު ހޯދުމުގައިވެސްއެހީތެރިވެދީފައެވެ. އަދި މިދިޔަ ސީޒަންގައި ޖޭސުސް ވަނީ މޮޅު ކުޅުމެއް ދައްކާ ސިޓީއަށް ލީގު ހޯދުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

ހާމާން ހާމަކުރާގޮތުގައި ސިޓީއިން ޖޭސުސް ދޫކޮށްލަނީ ރަނގަޅަށް ނުވިސްނާ ކަމަށާއި އެއީ އެކްލަބަށް ހެދޭ ގޯހެއް ކަމަށެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބެއް ކަމުގައި އޭނާ ފާހަގަ ކުރަނީ އެކްލަބުން އަލަށް ސޮއިކުރި ނޯވޭގެ ފޯވަޑް އަރލިންގ ހާލަންޑަށް ފަހަކަށް އައިސް ދިމާވަމުންދާ އަނިޔާގެ މައްސަލަތަކެވެ. ހާމާން ހާމަކުރިގޮތުގައި ހާލަންޑަށް މިދިޔަ ސީޒަންގައިވެސް އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާކަމަށާއި އެހެންކަމުން އެކަން އެހެން އޮއްވާ ސިޓީގައި ދެން އެމަގާމަށް ކުޅެން އެންމެ ރަނގަޅު ކުޅުންތެރިޔާ ދޫކޮށްލުމަކީ ކޮށްގެންވާނެކަމެއް ނޫންކަމަށެވެ. އަދި ޕްރިމިއަރ ލީގަކީ ވަރަށް ފިޒިކަލް ލީގެއް ކަމަށްވެސް ހާމާން ހާމަކުރިއެެވެ. އަދި މިދިޔަ ސީޒަންގައި ޖޭސުސް ދެއްކި ކުޅުމަށް ބަލާއިރު އޭނާއަކީ އިތުބާރު ހިފޭ މުހިންމު ކުޅުންތެރިއެއް ކަން ސާބިތު ކޮށްދީފައިވާކަމަށްވެސް އޭނާ ހާމަކުރިއެެވެ.