ޚަބަރު

މިރެއިން ފެށިގެން ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެ: މެޓް


ރާއްޖެއަށް މިހާރު ކުރަމުންމިދާ ހުޅަނގު މޫސުމުގެ ވިއްސާރައާއި ގުޅިގެން މިރެއިން ފެށިގެން ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ މިރެއިން ފެށިގެން ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަކުރާނެކަމަށާއި ބައެއް ހިސާބުތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހޭނެކަމަށެވެ.

މުޅިރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ލާފާކޮށް މޫސުމާބެހޭ ޤައުމީ ޢިދާރާއިން މިހާރުވަނީ ދެކުނުގެ ބައެއް ސަރަހައްދުތަކަށް ރީނދޫ ސަމާލުވެސް ނެރެފައެވެ. އަދި މިސަރަހައްދުތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ޤައުމީ ޢިދާރާއިން ބުނެއެވެ.

ތ އަތޮޅުންފެށިގެން އައްޑޫސިޓީއާއި ދެމެދުގެ ސަރަހާއްދުތަކަށް ރީނދޫ ސަމާލު ނެރެފައިވަނީ މިއަދުގެ 11:30އާ ހަމައަށެވެ. އަދި މި ސަމާލުގެ ވަގުތު އިތުރުކުރަންޖެހިއްޖެނަމަ މުއްދަތު އިތުރުކުރަމުންދާނެކަމަށްވެސް މޫސުމާބެހޭ ޤައުމީ ޢިދާރާއިން މައުލޫމާތުދެއެވެ.

މިރެއިން ފެށިގެން މުޅިރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ލަފާކުރާއިރު ޚާއްޞަކޮށް ހޮނިހިރުދުވަހު މުޅިރާއްޖެއަށް މޫސުން ގޯސްވެ ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް މޫސުމާބެހޭ ޤައުމީ ޢިދާރާއިން ބުނެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި ދަތުރަށް ފެށުމުގެ ކުރިން އެޢިދާރާއިން ދީފައިވާ މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތުުތަކަށް ބެލުމަށްފަހު ނޫނީ ދަތުރުތައް ނުރޭވުމަށް އިލްތިމާސްކުރައްވާފައެވެ.