ވިޔަފާރި

ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް އީޔޫއިން ދޫކުރާ އެހީއަށް އެދުމުގެ މުއްދަތު އިތުރުކޮށްފި


ކޯވިޑްގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތަކަށް ލިބުނު ގެއްލުމުން އަރައިގަތުމަށް އީޔޫއިން ފޯރުކޮށްދޭ އެހީއަށް އެދުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް އެހީވުމުގެ މަޤްސަދުގައި އީޔޫއިން ވަނީ 2 މިލިއަން ޔޫރޯގެ އެހީގެ ޕެކޭޖެއް ރާއްޖެއަށް ދީފައެވެ.

"އީޔޫ ސަޕޯޓް ފޯ އަ ރެޒިލިއަންޓް ރިކަވަރީ އޮފް އެސްއެމްއީ ޓޫރިޒަމް އިންޑަސްޓްރީ އިން ދަ މޯލްޑިވްސް" ޕްރޮޖެކްޓުގެ ނަމުގައި ދޫކުރާ މި އެހީއަކީ ކޮވިޑް19ގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވި ހީނަރުކަމުން އަރައިގަތުމަށްޓަކައި، ކުދި ވިޔަފާރިތަކަށާއި މެދުފަންތީގެ ވިޔަފާރީގެ ގޮތުގައި ހަރަކާތްތެރިވަމުންދާ ގެސްޓްހައުސްތަކާއި ސަފާރީތަކަށް ދޫކުރާ އެހީއެކެވެ. މި އެހީ ދޫކުރަން ފަށާފައިވަނީ މިދިޔަ ޑިސެމްބަރުމަހުގެ 15 ވަނަ ދުވަހުއެވެ.

ކުރިން އޮތްގޮތުން މި އެހީއަށް އެދުމުގެ އެންމެ ފަހު ތާރީހަކީ މޭމަހުގެ 31 ވަނަ ދުވަހެވެ. ނަމަވެސް މިހާރު މި އެހީއަށް އެދުމުގެ ފުރުސަތު ވަނީ އަންނަ އޮގަސްޓްމަހުގެ 31 އަށް އިތުރުކޮށްފައެވެ.

އިކޮނޮމިކް މިނިސްޓްރީން މި އެހީ ދޫކުރުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނާއެވެ. އެ ކޯޕަރޭޝަނުން ވިދާޅުވީ، 31 މެއިގެ ނިޔަލަށް 443 ފަރާތުން މި އެހީއަށް އެދި އެޕްލިކޭޝަން ހުށައަޅާފައިވާކަމަށެވެ. މީގެތެރެއިން ޝަރުތު ހަމަވާ 346 ފަރާތަކަށް ހިލޭ އެހީގެ ގޮތުގައި ޖުމްލަ 1.13 މިލިއަން ރުފިޔާ މިހާތަނަށް ދޫކޮށްފައިވާކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވެއެވެ.

މި އެހީއަށް އެދި ހުށަހެޅޭނީ ރާއްޖޭގައި ހިންގާ ގެސްޓްހައުސްތަކާއި ސަފާރީތަކަށެވެ. މި އެހީއަށް އެދި ހުށައެޅުމުގެ ޝަރުތުތަކުގެ ތެރޭގައި ޞައްހަ އޮޕަރޭޓިންގ ލައިސެންސެއް އޮވެ، 40 އެނދަށްވުރެ މަދުން އޮޕަރޭޓްކުރާ ފަރާތަކަށް ވުން ހިމެނެއެވެ. މިއެހީގެ ދަށުން ކޮންމެ ގެސްޓުހައުސްއެއް އަދި ސަފާރީއަކަށް އެހީ ލިބިގެން ދާނީ އެނދަކަށް 2453.76 ދިވެހި ރުފިޔާގެ ރޭޓުންނެވެ. މި އެހީގެ ފައިދާ ސީދާގޮތެއްގައި 561 ގެސްޓްހައުސްއަށް އަދި 126 ސަފާރީއަށް ލިބިގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.

އެހީއަށް އެދި ހުށަހެޅުއްވުމުގެ މަރުހަލާ އެމްއެފްއެމްސީގެ ފަރާތުން ވަނީ ވަރަށްވެސް ބޮޑަށް ފަސޭހަކޮށްދެއްވާފައެވެ. އެޕްލިކޭޝަނާއެކު ހުށައަޅަން ޖެހޭނީ ހަމައެކަނި ގެސްޓްހައުސް ހިންގުމުގެ ލައިސެންސުގެ އިތުރުން އެއް މަސް ދުވަހުގެ ދިވެހި ރުފިޔާ އެކައުންޓުގެ ބޭންކު ސްޓޭޓްމަންޓެވެ. އެގޮތުން މައުލޫމާތު ފުރިހަމަ އެޕްލިކޭޝަންތަކަށް 14 ދުވަހުގެ ތެރޭގައި ފައިސާ ޖަމާކުރެއެވެ.