ކުޅިވަރު

ފައިނަލުގައި ޔޫވީ އާއި ވެލެންސިއާގެ ކުރިމަތިލުމެއް


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ 16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ސެމީ ފައިނަލް މެޗުތައް ފަސޭހަކަމާއެކު ކާމިޔާބުކޮށް، ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާއި ކުލަބު ވެލެންސިއާ ފައިނަލަށް ދަތުރުކޮށްފިއެވެ.

ބުުދަ ދުވަހު ހަވީރު ގައުމީ ފުޓުބޯޅަ ދަނޑުގައި ކުލަބް އީގަލްސްގެ މައްޗަށް ޔޫވީން ކުރިހޯދީ 4-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ 13 މިނެޓުގެ ތެރޭގައި ޔޫވީން ވަނީ އީގަލްސް ކޮޅަށް ތިން ލަނޑު ޖަހާފައެވެ. މި ލަނޑުތައް ޔޫވީއަށް ޖަހައިދިނީ އަޙްމަދު އަލްތަފް އަޒީމް އާއި މުޙައްމަދު އަރުޝަދު ސަލީމްގެ އިތުރުން އަޙްމަދު އަޒްލާން އަލީއެވެ.

އޭގެ ފަހުން އީގަލްސް އިން ފުރަތަމަ ހާފުގައި ގޯލެއް ޖެހި ނަމަވެސް އެ ޓީމުގެ އަޝްހަމް އިބްރާހިމް މުހައްމަދު ޖެހި ގޯލު ވަނީ އޮފްސައިޑް ކަމަށް ނިންމައިފައެވެ. މި މެޗުގައި ޔޫވީން ޖެހި ހަތަރުވަނަ ލަނޑު ޖެހީ މެޗުގެ ފަހުކޮޅުއެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ވެސް އަޒްލާންއެވެ.

މީގެ އިތުރުން ބުދަ ދުވަހުގެރޭ ކުޅުނު ސެމީ ފައިނަލުގެ މެޗުގައި ޓީސީ ސްޕޯޓްސް ކުލަބްގެ މައްޗަށް ވެލެންސިއާއިން ކުރިހޯދީ 6-1 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ވެލެންސިއާއިން ވަނީ މެޗުގެ ކޮންޓްރޯލް ނަގައި ޓީސީގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދައިފައެވެ. މެޗުގެ ލީޑު ވެލެންސިއާއިން ނެގީ 30 ވަނަ މިނެޓުައެވެ. މި ލަނޑު ވެލެންސިއާއަށް ކާމިޔާބުކޮށްދިނީ މުޙައްމަދު އައިހަމް އިބްރާހީމްއެވެ. އޭގެ 10 މިނެޓު ފަހުން ވެލެންސިއާއިން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މުޙައްމަދު ނާމީ ނަޒީފްއެވެ.

ދެވަނަ ހާފު ފަށައިގެން ތިން މިނެޓު ތެރޭގައި ވެލެންސިއާއިން ވަނީ އިތުރު ދެ ލަނޑު ޖަހާފައެވެ. މި ދެ ލަނޑުވެސް އެޓީމަށް ކާމިޔާބު ކޮށްދިނީ އަގްސާން އަޙްމަދު ނަސީމްއެވެ.

ވެލެންސިއާގެ ހަތަރުވަނަ ލަނޑު މެޗުގެ 60 ވަނަ މިނެޓުގައި އައިހަމް ކާމިޔާބުކުރިއިރު، އޭގެ މިނެޓެއް ފަހުން ވެލެންސިއާގެ ފަހަތުން ހެދި ގޯހެއްގެ ފައިދާ ނަގާ ޓީސީގެ ޔޫސުފް އާއިޝް މުޙައްމަދު ވަނީ ލަނޑު ޖަހާ ފަރަގު ކުޑަކޮށްފައެވެ. ވެލެންސިއާގެ ފަހު ގޯލު ޖެހީ މެޗުގެ އިތުރު ވަގުތުގައި ހަސަން އަމާން ޒާހިރުއެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ އަންނަ އާދީއްތަ ދުވަހުގެ ރެޔެވެ.