ޚަބަރު

އެލްޖީއޭގެ ސީއީއޯގެ މަގާމަށް ފާރޫގް މުހައްމަދު ހަމަޖައްސަވައިފި


ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ފާރޫޤު މުހައްމަދު ހަސަން ހަމަޖައްސައިފިއެވެ.މި މަގާމަށް އޭނާ ހަމަޖެއްސީ އިއްޔެ ބޭއްވި އެލްޖީއޭގެ މިއަހަރުގެ ފުރަތަމަ ބޯޑު ބައްދަލުވުމުގައެވެ. ފާރޫގަކީ ބެލްޖިއަމްގެ ބްރަސަލްސްގައި 1993 ވަނަ އަހަރު އިންޖިއަނިރިން އިން ވޯޓާ ރިސޯސް ޓެކްނޮލޮޖީ ދާއިރާއިން މާސްޓަސް ހައްދަވާފައިވޭ ބޭފުޅެކެވެ. އޭނާ ފުރަތަމަ ޑިގްރީ ހާސިލްކުރެއްވީ 1987 ވަނަ އަހަރު ސައޫދީ އަރަބިއާގެ ޖިއްދާ ޔުނިވަސިޓީންނެވެ. އަދި މާސްޓާސް ހެއްދެވުމުގެ ކުރިން އެމަނިކުފާނު ވަނީ ބެލްޖިއަމްގައި 1992 ވަނަ އަހަރު ޕޯސްޓް ގްރެޖުއޭޓް ވެސް ހާސިލްކުރައްވާފައި ވެއެވެ.ހިންގުމުގެ ދާއިރާގައި ވެސް ފާރޫގަ ވަނީ ގިނަ ތަޖުރިބާތަކެއް ހާސިލް ކުރައްވާފަ އެވެ. އެންމެ ފަހުން ހުންނެވީ ރިއޯލޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ސީނިއާރ މެނޭޖަރ، ޕްރޮޖެކްޓް ޑިވެލޮޕްމަންޓްގެ މަގާމުގައެވެ. އޭގެކުރިން ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާއި މިނިސްޓްރީން އޮފް ހޯމް އެފެއާޒްގެ ސްޓޭޓް މިނިސްޓަރު ކަމާއި ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ވެސް އަދާކުރައްވާފައިވެ އެވެ.މީގެ އިތުރުން އެންވަޔަރަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ކަމާއި އެންވަޔަރަމަންޓް ރިސާޗް ސެންޓަރުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ކަމާއި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ޑިރެކްޓަރު މަގާމުގެ އިތުރުން ސަރުކާރުގެ އިސްމަގާމުތައް ފާރޫގް ވަނީ އަދާކުރައްވާފައެވެ.ލޯކަލް ގަވަރމަންޓް އޮތޯރީޓީގެ ސީއީއޯގެ މަގާމު ހުސްވީ ފާއިތުވެދިޔަ 4 އަހަރު އެ މަގާމުގައި ހުންނެވި ޑރ. އަހުމަދު ޝުކުރީ ހުސައިން މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.