ބޮލީވުޑުން ބަޔޯޕިކެއް އުފައްދާނެ ކަމަށް އެންމެ ފަހުން އިޢުލާނުކޮށްފައި ވަނީ ޓީ ސީރީޒުންނެވެ. އެމީހުން ބަޔޯޕިކް އުފައްދަން ނިންމާފައިވަނީ އިންޑިއާގެ އެންމެ ނުފޫޒުގަދަ މަޝްހޫރު އާއިލާ، ޓާޓާ އާއިލާގެ މައްޗަށެވެ. 
އޭގެފަހުން އަނެއްކާވެސް މިވަނީ ބަޔޯޕިކެއް އިއުލާނުކޮށްފައެވެ. މިފަހަރުގެ ފިލްމަކީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އަތަލް ބިހާރީ ވަޖުޕާއީއަށް އުފައްދާ ބަޔޯޕިކް ފިލްމެކެވެ.
މިދިޔަ އަހަރު ދެއްކި "ހަސީން ދިލްރުބާ"، 2020 ވަނަ އަހަރު ދެއްކި "ތައްޕަޅު" އަދި މިއަހަރު ދެއްކި "ޓޫލްސައިޑް ޖޫނިއާ" ވެސް ޕްރޮޑިއުސްކުރި ވިނޯދު ބަނޫޝާލީ އާއި "ޕިއެމް ނަރެންދްރާ މޯދީ" އަދި "ސަރުބިޖިތް" ފަދަ ފިލްމުތައް ޕްރޮޑިއުސްކޮށްފައިވާ ސަންދީޕް ސިންގް ގުޅިގެން އުފައްދާ މި ފިލްމުގެ ނަމަކީ "މެ ރަހޫން ނާ ނަރަހޫން ޔޭ ދޭޝް ރެހެނާ ޗާހިޔޭ – އަތަލް" އެވެ. 
މިއީ އަލެކް އެން ޕީ ލިޔެފައިވާ ފޮތް "ދަ އަންޓޯލްޑް ވަޖުޕާއީ:ޕޮލިޓީޝަން އެންޑް ޕެރާޑޮކްސް" ގެ މައްޗަށް އުފައްދާ ފިލްމެކެވެ. 
 
އަންނަ އަހަރު ކުރީކޮޅު މަސައްކަތް ފަށަން ނިންމާފައިވާ މި ފިލްމުގެ ޑައިރެކްޓަރާއި ކާސްޓުންވެސް ވަރަށް އަވަހަށް އިޢުލާނުކުރާނެއެވެ. އަދި ފިލްމު ރިލީޒްކުރާނީ ވަޖުޕާއީގެ އުފަންދުވަހާއި ދިމާކޮށް އަންނަ އަހަރުގެ ޑިސެމްބަރުމަހުއެވެ.